އެމްޑީޕީގެ އެސްޖީ އަނަސް މާފަންނު މެދު ދާއިރާއަށް ކުރިމަތިލައްވަނީ
އެމްޑީޕީގެ އެސްޖީ އަނަސް މާފަންނު މެދު ދާއިރާއަށް ކުރިމަތިލައްވަނީ

ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު، އަންނަ އަހަރުގެ މާޗް މަހުގެ ފަހުކޮޅު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން މިއަދު އިއުލާން ކުރައްވައިފި އެވެ.

ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާތާ ގިނަ ދުވަސްތަކެއް ވެފައިވާ އަނަސް "މިހާރު" އަށް ވިދާޅުވީ މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވާތީ އެ ދާއިރާގެ ރައްޔިތުން އޭނާ އަށް ތާއީދުކޮށް ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އަނަސް ވިދާޅުވީ ގޮތުގައި މާފަންނު މެދު ދާއިރާގެ ގޮނޑިއަކަށް ވާދަކުރައްވަން ނިންމެވީ އޭނާގެ ހިދުމަތް އެހެން ހަރުފަތަކަށް ގެންދިއުމުގެ ވިސްނުން ހުރީމަ އެވެ. އަދި މިވަގުތު، ގައުމަށް ހިދުމަތް ކުރެއްވުމަށް އެންމެ ބޭނުން ވަނީ މަޖިލީހުގެ ތެރެއިން ކަމަށް ވެސް އަނަސް ވިދާޅުވި އެވެ.

"އެމްޑީޕީ ހިމެނޭ ގޮތަށް އުފައްދާފައިވާ ކޯލިޝަންގެ މެނިފެސްޓޯގައި ހުރި ކަންކަން ތަންފީޒު ކުރަން މަޖިލީހުގެ ތެރެއިން ކަންކަން ކުރުމަށް އަންނަން ބޭނުންވަނީ،" އަނަސް ވިދާޅުވި އެވެ.

އަނަސް އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްޑީޕީ އެންމެ ހީނަރުވި ދަނޑިވަޅުގައި ޕާޓީގައި އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅާ އެވެ. އެގޮތުން، އެމްޑީޕީއަށް ކުރީގެ ސަރުކާރުގެ ފިއްތުންތައް އައި ދުވަސްވަރު، އެ ޕާޓީގެ ކުރީ ސަފުގައި އުޅުއްވި އެއް ބޭފުޅަކީ ވެސް އަނަސް އެވެ.

އަނަސް ކުރިމަތިލައްވާ ދާއިރާގައި މިހާރު ހުންނެވީ އަސްމާ ރަޝީދެވެ. އަސްމާ މާފަންނު މެދު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީޕީއެމްގެ ޓިކެޓުގައި ނުކުންނަވަ އެވެ.

އަނަސް، މާފަންނު މެދު ދާއިރާގެ ގޮނޑި އަށް ވާދަ ކުރައްވަން ނިންމެވި އިރު، އެމްޑީޕީގެ ލީޑަޝިޕްގައި މިހާރު ތިއްބެވި ބައެއް ބޭފުޅުން ވެސް މަޖިލިސް އިންތިހާބުގައި ވާދަކުރެއްވުމަށް ވަނީ ނިންމަވައިފަ އެވެ.

އެގޮތުން، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވިއިރު، އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް ވާދަ ކުރައްވަން ނިންމަވާފައި ވަނީ ހުޅުމާލެ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގަ އެވެ.

މިދިޔަ ސެޕްޓެމްބަރު 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރި އިދިކޮޅު ކޯލިޝަނުން ނިންމާފައިވަނީ މަޖިލިސް އިންތިޚާބުގައި ވެސް ކޯލިޝަންގެ ޓިކެޓުގައި ވާދަ ކުރެއްވުމަށެވެ. ނަމަވެސް ވަކިވަކި ޕާޓީތަކަށް ދޭނެ ދާއިރާތަކެއް އަދި ނުނިންމަ އެވެ.