ރާޖަޕަކްސާއާ ދެކޮޅަށް ކޯޓަށް މައްސަލައެއް ވައްދައިފި
ރާޖަޕަކްސާއާ ދެކޮޅަށް ކޯޓަށް މައްސަލައެއް ވައްދައިފި

ކޮލަމްބޯ (ނޮވެމްބަރު 24) - ގަވާއިދާ ޚިލާފަށް ބޮޑު ވަޒީރުކަމުގެ މަގާމުގައި ދެމިހުންނަވާ ކަމަށް ބުނެ މަހިންދާ ރާޖަޕަކްސާއާ ދެކޮޅަށް ލަންކާގެ ޕާލަމެންޓުގެ ގިނަ އަދަދެއްގެ މެންބަރުން ކޯޓަށް މައްސަލައެއް ވައްދައިފި އެވެ.

ބޮޑު ވަޒީރުގެ މަގާމުގައި ރާޖަޕަކްސާ ހުންނަވަނީ ކޮން ހައިސިއްޔަތަކުންތޯ ބެލުމަށް ކޯޓަށް މައްސަލަ ހުށަހެޅީ ޕާލަމެންޓުގެ 122 މެންބަރުންގެ ފަރާތުންނެވެ. ރާޖަޕަކްސާގެ މައްޗަށް މީގެ ކުރިން ވަނީ ޕާލަމެންޓުގައި ދެ ފަހަރެއްގެ މަތިން އިތުބާރު ނެތްކަމުގެ ވޯޓު ނަގައިފަ އެވެ. އެ ދެ ފަހަރު ވެސް ރާޖަޕަކްސާއާ ދެކޮޅަށް 122 މެންބަރުން ވޯޓު ދީފައިވެ އެވެ.

ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް މި ހަފުތާގައި ފަށާނެ ކަމަށް ބެލެވެ އެވެ.

ރާޖަޕަކްސާ އަށް ތާއީދުކުރާ މެންބަރުން ބުނަމުންދަނީ ޕާލަމެންޓުގައި އިތުބާރު ނެތްކަމުގެ ވޯޓު ނަގަމުންދަނީ ގަވާއިދާ އެއްގޮތަށް ނޫން ކަމަށެވެ. ނަމަވެސް ޕާލަމެންޓުގެ ރައީސް ކަރޫ ޖަޔަސޫރިއާ ވިދާޅުވަމުން ގެންދަވަނީ 225 މެންބަރުން ހިމެނޭ ޕާލަމެންޓުގެ އަޣުލަބިއްޔަތު ރާޖަޕަކްސާ އަށް ނެތް ކަމަށެވެ.

ލަންކާގައި ސިޔާސީ މައްސަލަތައް ބޮޑުވެފައި ވަނީ ބޮޑު ވަޒީރުގެ މަގާމުން ރަނިލް ވިކްރަމަސިންހަ ދުރުކޮށް އެ މަގާމަށް މިދިޔަ މަހު 26 ވަނަ ދުވަހު ރާޖަޕަކްސާ ހަމަޖެއްސުމުންނެވެ. ރަނިލް ގެންދަވަނީ ބޮޑު ވަޒީރުގެ މަގާމުން ވަކިވެވަޑައިގަތުމަށް ދެކޮޅު ހައްދަވަމުންނެވެ. ޕާލަމެންޓް އުވާލަން ރައީސް މައިތުރިޕާލާ ސިރިސޭނާ ނިންމެވި ނިންމެވުމުން ސުޕްރީމް ކޯޓުގެ ވަގުތީ އަމުރެއްގެ ދަށުން ވަނީ ބާތިލްކޮށްފަ އެވެ.