27 މެއި 2016 - 07:54

ބޮޑުބެރުގައި ރާއްޖޭގައި އެންމެ ނަގާ ކިޔާ އެއް ބޭންޑަކީ ހަބޭސް ބޮޑުބެރު ގްރޫޕެވެ. އެއީ ވަރަށް ފޯރީގައި ޝޯތައް ދިނުމުގެ އިތުރަަށް ވީޑިއޯ ހަދައިގެން ވެސް ލަވަތައް ގެނެސްދޭ ބޭންޑެވެ.
ބޭންޑުން މިހާރު ވެސް އަންނަނީ އޯޑިއޯ އަލްބަމެއްގެ މަސައްކަތް ކުރަމުންވެ. ކުރިން ވެސް ވަނީ "ޖިންނި" ގެ ނަމުގައި އަލްބަމެއް ނެރެފަ އެވެ. ހަބޭސް ބޮޑުބެރު ގްރޫޕް ފުޅާވެގެން އައިސް، އެ ބޭންޑުން އިތުރު ކުރިތައް މިހާރު ފަޅައި އަންނަނީ ފޯދެމުންނެވެ.
އެގޮތުން މިހާރު ޒުވާނުންގެ މެދުގައި މަގުބޫލު ހަބޭސް ޕޮޮޕް ބޭންޑަކީ އޭގެ އެއް މިސާލެވެ. އެ ބޭންޑުން ވަނީ ފެބްރުއަރީ މަހު "ލޯބި" ގެ ނަމުގައި ވީޑިއޯ ލަވައެއް ވެސް ބެލުންތެރިންނަށް ދޫކޮށްލައިފަ އެވެ.
ހަބޭސް ޕޮޕް ބޭންޑްގެ ލީޑް ވޯކަލިސްޓަކީ ޓީވީއެމުން ގެނެސް ދިން "ވޮއިސް އޮފް މޯލްޑިވްސް" ގެ ދެވަނަ ސީޒަން ކާމިޔާބު ކުރި ހަސަން ތޮލާގެވެ.
ޕޮޕް ބޭންޑް ވައިގައި ހިފުމާ އެކު، ހަބޭހުން މިހާރު އަނެއްކާވެސް އިތުރު ކުރިއެއް ފަޅައިފި އެވެ. އެއީ "ގްރެވިޓީ" އެވެ. މި ބޭންޑަކީ މެޓަލް މިއުޒިކަށް ހާއްސަ ބޭންޑެކެވެ.
ބޭންޑުގެ ލީޑް ވޯކަލިސްޓަކީ ފާދި ފަހުން ޓީވީއެމުން ނިންމާލި މޯލްޑިވިއަން އައިޑޮލްގެ ގަދަ 10 އާ ހަމައަށް ދަތުރު ކުރި އެއް ބައިވެރިޔާ މުހައްމަދު މުއައްޒިން އެވެ.
ހަބޭހުގެ ވެރިޔާ އަލީ ޝިފާއު (އައްޔަ) ބުނީ މިހާރު އަމާޒަކީ ތަފާތު ޖޯންރާތަކުގެ ލަވަތައް އާންމުންނާ ހަމައަށް ގެނެސް ދިނުން ކަމަށެވެ. ބޮޑުބެރާއި ޕޮޕް މިއުޒިކާއި މެޓަލް މިއުޒިކް ހަބޭހުގެ ތެރެއިން ފަޅައިގެން ދިޔައީ އެހެންވެ ކަމަށް އޭނާ ބުންޏެވެ.
"ގްރެވިޓީ" އުފެދުނު ފަހުން އަދި މާ ގިނަ ދުވަހެއް ނުވެ އެވެ. ބޭންޑްގެ ފުރަތަމަ ޝޯއަކީ ދާދި ފަހުން މާލޭގައި ބޭއްވި އުރީދޫ ނައިޓް އެވެ.
"ބޭންޑަށް މިހާރު ފުދޭވަރެއްގެ ސަޕޯޓެއް ލިބެމުން އަންނަނީ. ކުރިއަށް އޮތް ތަނުގައި މުޅި ރާއްޖޭގައި ވެސް ޝޯ ދޭ ބޭންޑަކަށް ގްރެވިޓީވެގެން ދާނެ،" އައްޔަ ބުންޏެވެ.
ރާއްޖޭގެ މިއުޒިކް ޖައްވުގައި ހަބޭސް ގުގުމަމުން އަންނަ އިރު، ބޭންޑަށް ހާއްސަ މޮބައިލް އެޕެއް ވެސް މިހާރު ވަނީ ލޯންޗްކޮށްފަ އެވެ.