40 އަހަރު ފަހުން "ޕަތީ ޕަތުނީ އޯރް ވޯ" ގެ ރިމެކެއް ހަދަނީ
40 އަހަރު ފަހުން "ޕަތީ ޕަތުނީ އޯރް ވޯ" ގެ ރިމެކެއް ހަދަނީ

މީގެ 40 އަހަރު ކުރިން ރިލީޒްކޮށް، ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ހޯދި ކަލްޓް ފިލްމު "ޕަތީ ޕަތުނީ އޯރް ވޯ" ގެ ރިމެކެއް ހަދަން ނިންމައިފި އެވެ.

40 އަހަރު ފަހުން "ޕަތީ ޕަތުނީ އޯރް ވޯ" ގެ ރިމެކެއް ހަދަނީ
40 އަހަރު ފަހުން "ޕަތީ ޕަތުނީ އޯރް ވޯ" ގެ ރިމެކެއް ހަދަނީ

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި 1978 ގައި ބަލްދޭވް ރާޖް ޗޯޕްޅާ ޑައިރެކްޓްކޮށް ގެނެސް ދިން ފިލްމުގެ ރިމެކް ޑައިރެކްޓް ކުރާނީ މުދައްސަރު އަޒީޒެވެ. މިސް ޔުނިވާސް ސުޝްމިތާ ސެންއާ ކުރިން ލޯބީގެ ގުޅުމެއް ބޭއްވި މުދައްސަރު އެންމެ ފަހުން ބެލުންތެރިންނަށް ގެނެސް ދިން ފިލްމަކީ މިދިޔަ އޮގަސްޓްގައި ރިލީޒް ކުރި "ހެޕީ ޕިރް ބާގް ޖާއޭގީ" އެވެ.

"ޕަތީ ޕަތުނީ އޯރް ވޯ" ގެ ރިމެކް ރައިޓްސް އޭނާ ހޯދުމަށް ފަހު، ފިލްމަށް މިހާރު ކާސްޓުން ވެސް ނަގަން ތައްޔާރުވަމުން އަންނަ ކަމަށް ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުންޏެވެ. ނަމަވެސް ފިލްމާ ބެހޭ އިތުރު އެއްވެސް ތަފިސީލެއް އަދި ހާމައެއް ނުކުރެ އެވެ.

ޖުލައި، 7، 1978 ގައި ރިލީޒް ކުރި "ޕަތީ ޕަތުނީ އޯރް ވޯ" ގައި ލީޑް ރޯލް ކުޅެފައި ވަނީ ސަންޖީވް ކުމާރާއި ވިދިޔާ ސިންހާ އަދި ރަންޖީތާ ކޯރު އެވެ. މީގެ އިތުރުން މި ފިލްމުގެ ރޯލްތަކެއް ޕަރުވިން ބާބީ އާއި އާސްރާނީ ވެސް ކުޅެފައިވެ އެވެ.

އަދި ފިލްމުގެ ހާއްސަ ފެނިލުމަކުން ރިޝީ ކަޕޫރާއި އަންހެނުން ނީޓޫ ސިންގް ވެސް ފެނިގެން ދެ އެވެ.

"ޕަތީ ޕަތުނީ އޯރް ވޯ" ގައި ކިޔައި ދެނީ އަންބަކާއި ދަރިއަކު ވެސް ހުރި ފިރިއަކު ކައިވެނިން ބޭރުން އޭނާގެ ސެކްރެޓަރީއާ ހިންގާ ގުޅުމެއްގެ ސަބަބުން ދިމާވާ ހާދިސާތަކެކެވެ.

ކުރީގެ މަގުބޫލު ފިލްމުތަކުގެ ތެރެއިން ރިމެކްގެ ގޮތުގައި ގެނެސް ދޭން އިއުލާންކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި ވޯ ކޯން ތީ (1964) އާއި ރާތު އޯރް ދިން (1967) ވެސް ހިމެނެ އެވެ.