ރަޝިއާގެ ހެކަރު ހައްޔަރުކުރީ ރާއްޖޭން އެދިގެން: އެމެރިކާގެ ވަކީލު
ރަޝިއާގެ ހެކަރު ހައްޔަރުކުރީ ރާއްޖޭން އެދިގެން: އެމެރިކާގެ ވަކީލު

ހެކަރެއް ކަމަށް ބުނާ ރަޝިއާގެ ރޯމަން ސެލެޒްނޯވް ރާއްޖޭގައި ހުއްޓާ ހައްޔަރު ކުރީ ދިވެހި ސަރުކާރުން އެ ކަމުގައި އެހީ އަށް އެދުމުން ކަމަށް ޝަރީއަތުގައި މިއަދު ބުނެފި އެވެ.

ލޯބިވެރިޔާއާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް ފަހު ފުރަން ގޮސް އެއާޕޯޓުގައި ހުއްޓައި ސެލެޒްނޯވް ހައްޔަރު ކުރީ ޖުލައި 2014 ގަ އެވެ. އެމެރިކާގެ ސީކްރެޓް ސާވިސްގެ އެޖެންޓުން ރާއްޖެ އައިސް ހިންގި އޮޕަރޭޝަނެއްގައި ސެލެޒްނޯވް ހައްޔަރުކޮށް، އޭނާ ގެންދިޔައީ އެމެރިކާގެ ބާރުގެ ދަށުގައި އޮންނަ ރަށެއް ކަމަށްވާ ގުއާމަށެވެ.

ރަޝިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްގެ ދަރިއެއް ކަމަށްވާ ސެލެޒްނޯވް އެމެރިކާ އަށް ބަދަލުކޮށް، އޭނާގެ ޝަރީއަތް ވަނީ އިއްޔެ ފަށައިފަ އެވެ.

ވޮޝިންޓަންގެ ސިއޭޓްލްގެ ކޯޓުގައި ބޭއްވި ފުރަތަމަ އަޑުއެހުމުގައި ދައުލަތުގެ ވަކީލު ސެތު ވިލްކިންސަން ވިދާޅުވި ގޮތުގައި ސެލެޒްނޯވް ރާއްޖޭގައި ހުރިކަމުގެ މައުލޫމާތު ލިބިގެން އެމެރިކާގެ އޮފިޝަލުން ރާއްޖެ އަށް ގުޅައި މައުލޫމާތު ސާފު ކުރި އެވެ. ސެލެޒްނޯވް ހައްޔަރުކުރުމަށް އެމެރިކާގެ އެހީ އަށް ރާއްޖޭން އެދުނު ކަމަށާއި ރާއްޖެއާ އެކު ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމެއް އެމެރިކާ އިން ހަދާފައި ނުވިޔަސް ސެލެޒްނޯވް އެމެރިކާއާ ހަވާލުކުރަން ރާއްޖޭން އެއްބަސްވި ކަމަށް ސެތު ވިދާޅުވި އެވެ.

"ސެލެޒްނޯވް ހައްޔަރުކޮށް ބެލި ބެލުމުން، ވަގަށް ނަގާފައިވާ 1.7 މިލިއަން ކްރެޑިޓް ކާޑުގެ މައުލޫމާތު އޭނާގެ ކޮމްޕިއުޓަރުން ފެނުނު،" އޭނާ ވިދާޅުވި އެވެ.

އެމެރިކާގެ ސީކްރެޓް ސާވިސްގެ އެޖެންޓުން ރާއްޖެ އައިސް ހަރަކާތްތެރި ވިޔަސް، އެއާޕޯޓުން ސެލެޒްނޯވް ހައްޔަރުކުރީ ދިވެހި ފުލުހުން ކަމަށް އެމެރިކާ އާއި ދިވެހި ސަރުކާރުން ވެސް އޭރު ބުންޏެވެ. އެކަމަކު، "ހަވީރު"ން އޭރު ހޯދި ހޯދުންތަކުން އެނގުނު ގޮތުގައި އެއާޕޯޓުގެ ޑިޕާޗާ ހޯލަށް ސެލެޒްނޯވް ވައްދައި އޭނާ ހައްޔަރަށް ގެންދިޔައީ އެެމެރިކާގެ އެޖެންޓުންނެވެ. ރާއްޖެ އައި އެމެރިކާގެ އެޖެންޓުން ދިވެހި ފުލުހުންނަށް ދެއްކީ ވެސް ވަގު އިންޓްޕޯލް ނޯޓިސްއެއްކަން ވެސް އެނގުނެވެ.

ރަޝިޔާ އިން ވެސް ބުނާ ގޮތުން އެމެރިކާ އާއި ރާއްޖޭން ގުޅިގެން ސެލެޒްނޯވް ވަނީ "ރަހީނުކޮށްފަ" އެވެ. މިއަދު ފެށި ރަސްމީ ޝަރީއަތުގެ ކުރިން، ސެލެޒްނޯވްގެ ބަންދާ މެދު ގޮތެއް ނިންމަން ގުއާމްގައި ކުރިއަށް ގެންދިޔަ ޝަރީއަތުގައި އޭނާގެ ވަކީލުން އެ މައްސަލަ ނަގަން ވެސް ނެގި އެވެ. ރާއްޖޭގެ ބައެއް ފަރާތްތަކުން ވެސް ހެކިބަސް ދިން އެ ޝަރީއަތްތަކުގައި، އެމެރިކާގެ ބާރުގެ ދަށުގައި އޮންނަ ރަށުގެ ކޯޓުން ނިންމީ ސެލެޒްނޯވް ހައްޔަރުކުރީ ރަނގަޅަށް ކަމަށެވެ.

ސެލެޒްނޯވަކީ، އެމެރިކާ އިން ބުނާ ގޮތުގައި، އޮކްޓޫބަރު 2009 އިން ފެބްރުއަރީ 2011އާ ދެމެދު އެމެރިކާގެ އެކި ފިހާރަތަކުގެ ޕޮއިންޓް އޮފް ސޭލް (ޕީއޯއެސް) މެޝިންތަކެއް ހެކުކޮށް، މީހުންގެ ކްރެޑިޓް ކާޑުގެ މައުލޫމާތު ވަގަށް ނަގާފައިވާ މީހެކެވެ.

އޭނާގެ މައްޗަށް ބޭންކު ފްރޯޑުގެ ފަސް ދައުވާ، ރައްކާތެރިކޮށްފައިވާ ކޮމްޕިއުޓަރުތަކަކަށް ގެއްލުން ދިނުމުގެ އަށް ދައުވާ، ރައްކާތެރިކޮށްފައިވާ ކޮމްޕިއުޓަރުތަކަކުން މައުލޫމާތު ނެގުމުގެ އަށް ދައުވާ، 15 ނުވަތަ އެ އަށް ވުރެ ވެސް ގިނަ އެކްސެސް ޑިވައިސް ގެންގުޅުމުގެ ދައުވާ، މަނާކޮށްފައިވާ އެކްސެސް ޑިވައިސް ވިއްކުމުގެ ދެ ދައުވާ އަދި އައިޑެންޓިޓީ ތެފްޓުގެ ފަސް ދައުވާ އޭނާގެ މައްޗަށް މާޗު 2011 ގައި ކޮށްފައިވެ އެވެ. އޭނާ ހައްޔަރުކުރުމަށް ފަހު އިތުރު މައްސަލަތަކެއް ހިމަނައި ޖުމްލަ 40 ދައުވާ އޭނާގެ މައްޗަށް ވަނީ އުފުލާފަ އެވެ.