24 ނޮވެމްބަރ 2018 - 12:31

ބޮޑު ޗުއްޓީއާ ދިމާކޮށް، ރާއްޖޭގެ އެކިކަންކޮޅުތަކަށާއި ބޭރު ގައުމުތަކަށް ފުރަން ހަމަޖެހިފައިވާ މީހުން ވީހާ ވެސް އަވަހަށް ޗެކިންވުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެދެފި އެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ނިންމައި ދަރިވަރުންނަށް ދޮޅު މަސް ދުވަހުގެ ބޮޑު ޗުއްޓީއެއް ލިބުމާ ގުޅިގެން ގިނަ ދިވެހިން ވަނީ ޗުއްޓީ ހޭދަ ކުރުމަށް ރާއްޖެ އާއި ބޭރުގެ ގައުމުތަކަށް ދާން ފަށައިފަ އެވެ.
އެމްއޭސީއެލްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ޓާމިނަލް ބޭނުން ކުރާ މީހުން ވީހާ ވެސް އަވަހަކަށް ޗެކިންވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އެއީ ދިގު ކިއޫތަކާއި ފްލައިޓް ޑިލޭވުމުގެ ފުރުސަތު ނުދިނުމަށް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"ބައެއް މީހުން ޗެކިންވުމަށް ކަނޑައަޅާފައި އޮންނަ ގަޑި ނިމެން ކައިރިވެފައި ހުއްޓައި ނުވަތަ ގަޑި ފަހަނަ އަޅައި ދާ ފަހުން ވެސް އަންނާނެ. އެހެން ނުވާނެ ގޮތަކަށް އަމަލު ކުރަން ޖެހޭ،" އޮފިޝަލް ވިދާޅުވި އެވެ.
އެމްއޭސީއެލްގެ އެދުމަކީ މަތިންދާބޯޓު ފުރާ ގަޑީގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް އައިސް ޗެކިންވުމެވެ.
ވީއައިއޭގައި މިހާރު ހިދުމަތް ދެމުން އަންނަނީ 34 ކައުންޓަރުންނެވެ.