މިސްރު ކޯޗުގެ ވާހަކަތަކަށް ކްލޮޕް ސަމާލުކަމެއް ނުދިން
މިސްރު ކޯޗުގެ ވާހަކަތަކަށް ކްލޮޕް ސަމާލުކަމެއް ނުދިން

ލިވަޕޫލް (ނޮވެމްބަރު 24) - ލިވަޕޫލްގެ ތަރި މުހައްމަދު ސަލާހުގެ މުސްތަގުބަލާ ބެހޭގޮތުން މިސްރުގެ ކޯޗު ހަވިއޭ އަގީރޭ ދެއްކި ވާހަކަތަކަށް ޖަވާބުދިނުން މުހިއްމު ކަމެއްގެ ގޮތުގައި ނުދެކޭ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

ލިވަޕޫލުގެ މިސްރު ފޯވާޑް ސަލާހަށް ކުރިއަށް އޮތް ދެ އަހަރު ތެރޭ އެ ކްލަބްގައި ހުރެ ކާމިޔާބެއް ނުލިބިއްޖެނަމަ އެ ޓީމު ދޫކޮށްލަން ލަފާދޭނެ ކަމަށް އަގީރޭ ވަނީ ބުނެފަ އެވެ. އެ ވާހަކަތަކާ ބެހޭގޮތުން ދެކޭގޮތް އޮޅުންފިލުވުމަށް ނޫސްވެރިއަކު ސުވާލުކުރުމުން ކްލޮޕް ބުނީ އެއީ އޭނާ ޖަވާބު ދޭން އެންމެ ރަނގަޅު ސުވާލު ނޫން ކަމަށް ވަނީ ބުނެފަ އެވެ.

"ކޮންމެ މީހަކަށް ވެސް އެމީހެއްގެ ހިޔާލުގައި ވާހަކަ ދެއްކިދާނެ. އަހަރެންނަށް މުހިއްމެއް ނޫން މިސްރު ކޯޗު ދެއްކި ވާހަކަތަކަށް ޖަވާބުދިނުމެއް. އަހަރެންނަށް ފަހަރުގައި ބުނެވިދާނެ އޭނަ ހިތްހަމަ ނުޖެހޭ ވާހަކަތަކެއް. އެހެންވެ ތި މައުލޫގައި އަހަރެން ކުރިއަށް ނުދާނެ،" ކްލޮޕް ބުންޏެވެ.

އަގީރޭގެ ވާހަކަތަކާ ބެހޭގޮތުން ސަލާހު ވަނީ މީޑިއާގައި ވާހަކަ ދައްކައިފަ އެވެ. ސަލާހު ބުނީ ލިވަޕޫލްގައި ހުރެ އޭނާ އަށް ގިނަ ކާމިޔާބީތަކެއް ހޯދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި އިންޑިވިޖުއަލް ޓްރޮފީ އަށް ވުރެ މިހާރު އިސްކަން ދެނީ ލިވަޕޫލަށް ތަށްޓެއް ހޯދުމަށް ކަމަށެވެ.

މިދިޔަ ސީޒަނުގައި ލިވަޕޫލާ ގުޅުމަށް ފަހު ސަލާހު ވަނީ ލިވަޕޫލާ އެކު ގިނަ އެވޯޑްތަކެއް ހާސިލްކޮށްފަ އެވެ. މި ފަހަރު ސަލާހަށް މިދިޔަ ސީޒަނުގައި ދެއްކި ކުޅުން ނުދެއްކޭ ކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވީ ނަމަވެސް ސަލާހު އަންނަނީ ފަހަކަށް އައިސް ކުޅުން ރަނގަޅު ކުރަމުންނެވެ.

މިދިޔަ ޖުލައި މަހު ސަލާހު ވަނީ ލިވަޕޫލާ އެކު ހަދާފައިވާ އެއްބަސްވުން 2023 އަށް އާ ކޮށްފަ އެވެ. ސަލާހުގެ އިތުރުން އޭނާއާ އެކު ލިވަޕޫލްގެ ކުރިއަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ރޮބާޓޯ ފިރްމީނޯ އާއި ސެނެގާލްގެ ފޯވާޑް ސަޑިއޯ މާނޭ ވެސް ވަނީ 2023 އާ ހަމަ އަށް އެ ކްލަބްގައި މަޑުކުރަން ނިންމައިފަ އެވެ.

"ޓީމުގެ މުހިއްމު ކުޅުންތެރިން ދިގު މުއްދަތަކަށް ކްލަބްގައި މަޑުކުރަން ނިންމުމަކީ ކްލަބް ކުރިއަށްދާ ކަމުގެ އެންމެ ބޮޑު ހެކި. އަހަރެމެން މި ޓީމު ތަރައްގީ ކޮށްފިނަމަ ކާމިޔާބީ އަކީ ދުރު އޮތް އެއްޗެއް ނޫން،" ކްލޮޕް ބުންޏެވެ.

ލީގުގެ ދެ ވަނައިގައި އޮތް ލިވަޕޫލް މިރޭ ރަށުންބޭރުގައި ނުކުންނާނީ ވަޓްފޯޑާ ދެކޮޅަށެވެ. މެޗު ފަށާނީ ރާއްޖެ ގަޑިން 8 ޖަހާއިރު އެެވެ.