ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ އެއްބަސްވުންތަކުގެ މައުލޫމާތު ހާމަކުރާނަން: އަލީ ވަހީދު
ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ އެއްބަސްވުންތަކުގެ މައުލޫމާތު ހާމަކުރާނަން: އަލީ ވަހީދު

ކޮރަޕްޝަނުގެ ތުހުމަތުތައް ކުރެވޭ އެއްބަސްވުންތަކުގެ މައުލޫމާތު އަންނަ ހަފުތާގައި ހާމަކުރައްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރޭ ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ނަސަންދުރަ ޕެލެސް ހޮޓެލް ހުރި ބިމުގައި ޒަމާނީ ފެންވަރުގެ ހޮޓަލެއް ތަރައްގީ ކުރަން ދޫކުރި ގޮތާ މެދު އޮޑިޓަ ޖެނެރަލް ސުވާލު އުފައްދާފައިވާތީ، "މިހާރުން" ސުވާލު ކުރުމުން މިނިސްޓަރު ވިދާޅުވީ ވަކިވަކި މައްސަލަތަކާ ގުޅިގެން އަންނަ ހަފްތާ އިން ފެށިގެން ޖަވާބު ދެއްވަމުން ގެންދަވާނެ ކަމަށެވެ. ވަކިވަކި މައްސަލަތަކުގައި ގޮތްތަކެއް އަދި މިހާތަނަށް ނިންމާފައި ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ނަސަންދުރަ ހުރި ބިން އެތަނާ އިން ވެގެން ހުރި އައިލެންޑް އޭވިއޭޝަން ސަރވިސަސް ހިންގި ހ. އޯކިޑް ލޮޖްގެ ބިމާއެކު 50 އަހަރަށް ކުއްޔަށް ދިން އެއްބަސްވުމާ މެދު އަލުން ގޮތެއް ނިންމުމަށް ޓޫރިޒަމް މިނިސްޓްރީ އަށް އޮޑިޓަ ޖެނެރަލް ވަނީ ލަފާދެއްވައިފަ އެވެ. ނަސަންދުރަ ތަރައްގީ ކުރުމަށް ހަވާލުކުރީ އެންޕީއެޗް އިންވެސްޓްމެންޓާ އެވެ. އެ ބިމާ މެދު ގޮތެއް ނިންމަން އެދުނު ނަމަވެސް ނަސަންދުރަ ބިމުގައި 25 ބުރީގެ އިމާރާތުގެ ކޮންސްޓްރަކްޝަން މަސައްކަތް ދަނީ މިހާރުވެސް ކުރެވެމުންނެވެ. އެ އިމާރާތުގެ 15 ޝީޓު މިހާރު ވަނީ އަޅައިފަ އެވެ.

އޮޑިޓަ ޖެނެރަލް އޭރު ދިން ލަފާގައި ބުނެފައި ވަނީ ސަރުކާރަށް އެއްވެސް ފައިސާއެއް ނުދައްކާ އޭގެ ބަދަލުގައި ސީއެސްއާރު ކޮމްޕޯނަންޓެއް ހިމަނައިގެން އެ ބިން ދިގު މުއްދަތަކަށް ދިން އިރު، ސީއެސްއާރާ ގުޅޭ އެއްވެސް ތަފުސީލެއް ހިމަނާފައި ނުވާތީ، އެއްބަސްވުމާ މެދު ގޮތެއް ނިންމަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގާފައިވާ އެންމެ ބޮޑެތި ހިޔާނާތުގެ މައްސަލަތައް ފެންމަތިވެފައިވަނީ ޓުރިޒަމް މިނިސްޓްރީގެ ތެރެއިންނެވެ. އެގޮތުން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ދައުލަތަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ގެއްލިފައިވާ ކަން ރަސްމީ ލިޔެކިޔުންތަކުން ސާފުވެ އެވެ.