24 ނޮވެމްބަރ 2018 - 09:42

މެޑްރިޑް (ނޮވެމްބަރު 24) - ރެއާލް މެޑްރިޑުގައި ޒައިނުއްދީން ޒިދާން ހޯދި ކާމިޔާބީ އެހެން ކޯޗަކަށް ތަކުރާރުކުރަން އުނދަގޫވާނެ ކަމަށް ރެއާލުގެ މިހާރުގެ ކޯޗު ސަންޓިއާގޯ ސޮލާރީ ބުނެފި އެވެ.

ރެއާލުގެ ކޯޗަކަށް ޒިދާން ހުރީ ދެ އަހަރާއި ފަސް ވަރަކަށް މަސް ދުވަހު އެވެ. އެ މުއްދަތުގައި އޭނާ ވަނީ އެ ޓީމަށް ސްޕެނިޝް ލީގު އެއް ފަހަރު އަދި ޖެހިޖެހިގެން ތިން ފަހަރު ޗެމްޕިއަންސް ލީގު ހޯދައިދިނުމުގެ އިތުރުން ޔުއެފާ ސުޕަ ކަޕާއި ކްލަބް ވޯލްޑް ކަޕް ދެ ފަހަރަށް ހޯދައިދީފަ އެވެ.
ކުއްލި ގޮތަކަށް މިދިޔަ މެއި މަހު ޒިދާން ރެއާލުގެ ކޯޗުކަމުން އިސްތިއުފާ ދިނުމުން އެ މަގާމަށް ގެނައީ އޭރު ސްޕެއިން ކޯޗަކަށް ހުރި ހުލެން ލޮޕެޓެގީ އެވެ. ލޮޕެޓެގީގެ ކޯޗުކަމުގައި ރެއާލަށް ރަނގަޅު ނަތީޖާތަކެއް ނުނެރެވި، އެ ޓީމުގެ ފޯމު ގެއްލިފައި އޮއްވައި ރެއާލުން ވަގުތީ ކޯޗަކަށް ހަމަޖެއްސީ ސޮލާރީ އެވެ. ވަގުތީ ކޯޗަކަށް ހުރެ ސޮލާރީ ވަނީ އޭނާގެ އިރުޝާދުގެ ދަށުން ކުޅުނު ހަތަރު މެޗުން މޮޅުވެފަ އެވެ. އެއާ އެކު ރެއާލުން ވަނީ 2021 ވަނަ އަހަރާ ހަމައަށް ސޮލާރީ އެ ޓީމުގެ ކޯޗަކަށް ބަހައްޓަން ނިންމައިފަ އެވެ.
ޒިދާން ވެސް ފުރަތަމަ އިރުޝާދު ދިނީ ރެއާލްގެ ބީ ޓީމަށެވެ. ސޮލާރީ ވެސް ސީނިއާ ޓީމާ ހަވާލުވުމުގެ ކުރިން ހުރީ ބީ ޓީމުގެ ކޯޗަކަށެވެ. ޒިދާނާ އެއްގޮތް ކަންތައްތަކެއް އިއްތިފާގުން ދިމާވެފައިވީ ނަމަވެސް ސޮލާރީގެ ވިސްނުން މުޅިން ތަފާތެވެ.
"ޒިދާނާ އެއްވެސް މީހަކާ އަޅައެއް ނުކިޔޭނެ. އޭނާ އަކީ މި ކްލަބުގެ ލެޖެންޑެއް. އަހަންނަށް އެންމެ ރަނގަޅަށް ނޭނގޭ ތަފާސް ހިސާބުތަކެއް. އެކަމަކު ހުރި މުއްދަތާ ބަލާއިރު ޒިދާނަކީ ރެއާލުގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު ކޯޗު. އެ ފަދަ ކާމިޔާބެއް ތަކުރާރު ނުކުރެވޭނެ،" ރެއާލަށް ގިނަ އަހަރުތަކެއް ވަންދެން ކުޅުނު އާޖެންޓީނާ އަށް އުފަން ސޮލާރީ ބުންޏެވެ.
ސޮލާރީ ބުނީ ވަގުތީ ކޯޗަކަށް ހުރެ ނެރުނު ނަތީޖާތައް ކުރިއަށް ހުރި މެޗުތަކުގައި ވެސް ނެރެން ބޭނުންވާ ކަމަށާއި ސަޕޯޓަރުންގެ އިތުބާރު ދަމަހައްޓަން ފުރިހަމަ އަށް މަސައްކަތްކުރާނެ ކަމަށެވެ.
"މިއީ އަހަރެން އުފަލާ އެކު ނަގާނެ ޒިންމާއެއް. އަހަރެން މި ކްލަބަށް ކުޅުނު 11 އަހަރުގައި ކޮންމެ މެޗަކަށް ވެސް ނުކުތީ މޮޅުވާން. ހަމަ އެ ވިސްނުން މިހާރު ވެސް ހުރީ. ރެއާލް މެޑްރިޑް ކޮންމެ މެޗަކަށް ނުކުތަސް އަމާޒަކީ މޮޅެއް،" ސޮލާރީ ބުންޏެވެ.
ލީގުގައި މިރޭ ރަށުން ބޭރުގައި ރެއާލް ނުކުންނާނީ އެއިބާއާ ދެކޮޅަށެވެ. މި މެޗަށް ނުކުންނައިރު ސޮލާރީ އަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އަނިޔާއަށް ފަހު ރަފައެލް ވަރާން، ޑެނީ ކާވަހާލް އަދި މާސެލޯ މެޗަށް ފިޓްވެފައިވުމެވެ. މެޗު ފަށާނީ މިއަދު 5 ޖަހާއިރު އެވެ.