ކަންކަން ސިއްރެއް ނުކުރާނަން، ދެފުށް ފެންނާނެ: އަލީ ވަހީދު
ކަންކަން ސިއްރެއް ނުކުރާނަން، ދެފުށް ފެންނާނެ: އަލީ ވަހީދު

ޓޫރިޒަމް މިނިސްޓްރީއާ މެދު މީގެކުރިން ނުބައި ތަސައްވުރެއް އޮތް ނަމަވެސް އޭނާ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އެ މިނިސްޓްރީގެ މަސައްކަތްތައް ރައްޔިތުންނަށް ވީހާވެސް ބޮޑަށް ހާމަކޮށް، ދެފުށްފެންނަ ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދަން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެބިނެޓުގެ ޓޫރިޒަމް މިނިސްޓަރުގެ ހައިސިއްޔަތުން ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލު ކުރައްވައި، އެއީ، ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގައި އެންމެ ބޮޑަށް ހުޅުވާލެވިފައި އޮންނާނެ މިނިސްޓްރީ ކަމުގެ ޔަގީންކަން އަލީ ވަހީދު ދެއްވި އެވެ.

އެ ޔަގީންކަމާ އެކު މިނިސްޓަރު ވަނީ، ޓޫރިޒަމް މިނިސްޓްރީގެ ރިސެޕްޝަނުން ފެށިގެން އެކި ޑިޕާޓްމެންޓުތައް ނޫސްވެރިންނަށް ދައްކަވާލައްވައިފަ އެވެ. އެއީ، ނޫސްވެރިންނަށް ފަސޭހަކަމާ އެކު މައުލޫމާތު ލިބޭނެ، މިނިސްޓްރީއެއް ކަމަށް ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ ޓޫރިޒަމް މިނިސްޓަރަށް ވުމުން "މާ ބޮޑު މީހެއް"ގެ ގޮތުގައި ދެކެވަޑައިގެން މަސައްކަތް ކުރެއްވުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އަދި އެއީ، ގާނޫނީ އިމަށް ވުރެން މަތީ ބާރުތަކެއް ލިބިފައިވާ މަގާމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރުގެ އެއް ވައުދަކީ، މީގެ ކުރިން ޓޫރިޒަމް މިނިސްޓްރީގައި ހިފެހެއްޓިފައިވާ ހުރިހާ މައުލޫމާތެއް ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން އާއްމު ކުރެއްވުމެވެ. އެންމެ ބޮޑު އިސްކަމެއް ދެއްވާނީ މިނިސްޓްރީގެ މަސައްކަތްތައް ދެފުށް، ފެންނަ ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދަން ކަމަށް ވެސް ވިދާޅުވި އެވެ.

"މާޒީގެ ސިޔާސަތުތަކަށް، ޕޮލިޓިކަލް ސްޓޭޓްމެންޓެއް މޭކް ކުރާކަށް ބޭނުމެއް ނޫން. އެހެން ނަމަވެސް ޓޫރިޒަމް މިނިސްޓަރަކަށް ވުމުން އެ މީހާ އެއީ މާބޮޑު މީހަކަށް ވެގެން، އެ މީހަކު ބޭނުންވާ ގޮތަށް ކަންކަން ވާ ގޮތަކަށް ނޫން އޮންނަން ޖެހޭނީ. އެއާ ދެކޮޅަށް އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. މިއަދު ދައްކާ ވާހަކަ އަކުން ނޫން ކަންނޭނގެ އެކަން ފެނިގެން ދާނީ. އަމަލުން،" މިނިސްޓަރު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވި ގޮތުގައި އެ މިނިސްޓްރީގެ މަސައްކަތްތައް ބައްޓަން ކުރާނީ ހުރިހާ ފަރާތްތަކުގެ ހިޔާލާ މަޝްވަރާގެ މަތިންނެވެ. މިނިސްޓްރީން ކުރާ ކަންކަމަކީ ހުރިހާ ރައްޔިތުންނަށް ވެސް ސާފުކޮށް ފެންނަން ހުންނާނެ ކަންކަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މި މިނިސްޓްރީގެ ޓްވީޓާ ހެންޑުލް އަކުން އެއްވެސް ރައްޔިތަކު ބްލޮކެއް ނުވާނެ. މީގެ ކުރިން އެބަހުރި ބްލޮކްވެފައި. މީގެ ކުރިން ލިމިޓެޑް މީޑިއާ ތަކަށް ދައުވަތު ދެނީ ޕްރެސް ކޮންފަރެންސް ތަކަށް. އަޅުގަނޑުމެން ބްލޮކް ކުރާނެ އެއްވެސް މީޑިއާއެއް ނޯންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީން ކަންކަން ސިއްރު ނުކުރައްވާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، އެންމެ ބޮޑަށް ކޮރަޕްޝަންގެ ތުހުމަތު އެޅިފައިވާ އެއް ތަނަކީ ޓޫރިޒަމް މިނިސްޓްރީ އެވެ. ޓޫރިޒަމްގެ ބޭނުމަށް، ރާއްޖޭގެ ރަށްތަކާއި ފަޅުރަށްތައް އެމްއެމްޕީއާރުސީން ކުއްޔަށް ދީގެން ދައުލަތަށް ވަންނަން ޖެހޭ ފައިސާ އަށް ޚިޔާނާތްތެރިވެފައިވާއިރު، ދައުލަތަށް ގެއްލުނު ފައިސާގެ އަދަދު 1.2 ބިލިއަން ރުފިޔާ އަށް އަރާ ކަަމަށް ސަރުކާރުގެ ރަސްމީ ލިޔެކިޔުންތަކުން އެނގެ އެވެ. ކުރީގެ ނައިބު ރައީސް އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު އިސްކޮށް އުޅުއްވި އެ ޚިޔާނާތުގައި ކުރީ ސަރުކާރުގެ އިސް ބޭފުޅުންނަށް ވެސް ބޮޑެތި ތުހުމަތުތަކެއް ކުރެ އެވެ.