23 ނޮވެމްބަރ 2018 - 16:55

ދުބާއީ (ނޮވެމްބަރު 23) - ޖާސޫސްކުރި ކަމަށް ބުނެ އުމުރަށް ޖަލަށްލި އިނގިރޭސި ވިލާތުގެ ޕީއެޗްޑީ ދަރިވަރު މެތިއު ހެޖަސް އަށް މައާފް ދިނުމާ މެދު ވިސްނަމުންދާ ކަމަށް ޔޫއޭއީ އިން ބުނެފި އެވެ.
ޔޫއޭއީ އިން އިނގިރޭސި ވިލާތަށް ކަނޑައަޅާފައިވާ ސަފީރު ސުލައިމާން ހަމީދު އަލްމަޒްރޫއީ ވިދާޅުވީ ހެޖާސްގެ އާއިލާ އިން ވަނީ އޭނާ އަށް މައާފް ދިނުމަށް ހުށަހަޅާފައި ކަމަށެވެ.
ހެޖާސް، 31، އަށް ބުދަ ދުވަހު ހުކުމް ކުރީ ފަސް މިނިޓުގެ ޝަރީއަތަކަށް ފަހު އެވެ. ނަމަވެސް އަލް މަޒްރޫއީ ވަނީ ހެޖާސް އަށް އިންސާފްވެރި ޝަރީއަތެއް ލިބިފައި ނުވާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފަ އެވެ. ނަމަވެސް އިނގިރޭސި ވިލާތާއި ޔޫއޭއީއާ ދެމެދު އޮތް ގާތް ގުޅުމުގެ ސަބަބުން ދަރިވަރުގެ މައްސަލަ އަށް ވަރަށް އަވަހަށް ހައްލެއް ހޯދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިނގިރޭސި ޚާރިޖީ ވަޒީރު ޖެރެމީ ހަންޓް މިހާރު ވަނީ ޔޫއޭއީގެ ޚާރިޖީ ވަޒީރު ޝެއިޚް އަބްދުﷲ ބިން ޒައިދުއާ ބައްދަލު ކުރައްވައިފަ އެވެ.
މެއި 5 ވަނަ ދުވަހު ދުބާއީ އެއާޕޯޓުން ހެޖާސް ހައްޔަރު ކުރީ ރިސާޗް ދަތުރެއް ނިންމާލުމަށް ފަހު ފުރަން ގޮސް ހުއްޓަ އެވެ. އޭނާ ރިސާޗް ކުރަމުން ދިޔައީ އަރަބި ސްޕްރިންގެ ސަބަބުން ޔޫއޭއީގެ ޚާރިޖީ ސިޔާސަތަށާއި ސަލާމަތަށް ކުރި އަސަރާ ގުޅޭ ގޮތުންނެވެ.