23 ނޮވެމްބަރ 2018 - 16:28

ވޮޝިންޓަން (ނޮވެމްބަރު 23) - ސައުދީ ސަރުކާރަށް ފާޑުކިޔަމުން ދިޔަ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލަން ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އަމުރު ކުރި ކަމަށް ސީއައިއޭ އިން ގަބޫލްކޮށްފައި ނުވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
"ސީއައިއޭގެ ރިޕޯޓް އަޅުގަނޑަށް ލިބިފައި ވަނީ. އަޅުގަނޑަކަށް ނޭނގޭ އެކަން ކުރީ ވަލީ އަހުދު ކަމަށް ނިންމޭނެ ގޮތެއް،" ފްލޮރިޑާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ. "ވަލީ އަހުދު އެކަން ކުރެއްވިއަސް އަދި ނުކުރެއްވި ނަމަވެސް ވަލީ އަހުދު އެ ގެންދަވަނީ އެކަމާ ވަރަށް ބޮޑަށް ދެކޮޅު ހައްދަވަމުން. ވަލީ އަހުދުގެ ބައްޕަ، ރަސްގެފާން ގެންދަވަނީ އެކަމާ ދެކޮޅު ހައްދަވަމުން.
ނޫސްވެރިޔާގެ މަރަށް ފަހު ވެސް ޓްރަމްޕް ވަނީ ސައުދީ އަރަބިއާ އެކު ގުޅުން ބަދަހި ކުރުމުގެ މުހިންމުކަމުގެ މައްޗަށް ވާހަކަ ދައްކަވައިފަ އެވެ.
ސައުދީ އަރަބިއާ އިން ގެންދަނީ ނޫސްވެރިޔާގެ މަރާއި ވަލީ އަހުދާ ގުޅުވައިގެން ދައްކާ ވާހަކަތައް ދޮގުކޮށްފަ އެވެ.
ނޫސްވެރިޔާ މަރާލި ފަހުން ވަލީ އަހުދު ފުރަތަމަ ފަހަރަށް ވަނީ ގައުމުން ބޭރަށް ވަޑައިގެންފަ އެވެ. ސަރަހައްދީ ދަތުރުފުޅުގައި މުހައްމަދު ފުރަތަމަ ވަޑައިގެންނެވީ ޔުނައިޓެޑް އަރަބި އެމިރޭޓްސް އަށެވެ. އާޖެންޓީނާގައި ބާއްވާ ޖީ20 ގެ ސަމިޓުގައި ވެސް ވަލީ އަހުދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެ އެވެ.