23 ނޮވެމްބަރ 2018 - 17:25

ވެލިގާ ހާޑްވެއާ އިން ހިދުމަތް ހޯދަމުންދާ ކޯޕާރޭޓް ކަސްޓަމަރުންނަށް ހާއްސަ ކުރެވިގެން ކަސްޓަމަ ސާވިސް ސެންޓަރެއް ހުޅުވައިފި އެވެ.

މާފަންނު ބުރު ކައިރީގައި ހުންނަ ވެލިގާ ހާޑްވެއާގެ ފިހާރައިގައިި ހުޅުވި މިސެންޓަރުން އެކި ކަހަލަ ވިޔަފާރިތަކަށް ވެލިގާ ހާޑްވެއާއިން ދެމުންދާ ހިދުމަތްތައް އެއްތަނަކުން ފޯރުކޮށްދޭނެ އެވެ. މިކަމުގެ ސަބަބުން ކުރިއަށްވުރެ އަވަހަށް، އަދި ފަސޭހަކަމާއެކު ވިޔަފާރިތަކަށް ހިދުމަތް ހޯދުމަށް މަގުފަހި ވެގެންދާނެ އެވެ. މިއީ ވެލިގާ ހާޑްވެއާ އަށް 10 އަހަރު ފުރުމާ ދިމާކޮށް ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ފެށި މަސައްކަތުގެ އެންމެ މުހިއްމު އެއް މަސައްކަތެވެ. އަދި މި ސެންޓަރު ހުޅުވުމާއެކު ވެލިގާ ހާޑްވެއާގެ ހުރިހާ ފިހާރަތަކެއް ޒަމާނީ ފެންވަރަކަށް ގެނައުމަށް ފެށުނު މަސައްކަތް ކާމިޔާބު ކަމާއެކު ނިންމާލެވުނީ އެވެ.

"އެކި އިންޑަސްޓްރީތަކަށް ނިސްބަތްވާ ކޯޕަރޭޓް ކަސްޓަމަރުންނަކިީ އަޅުގަނޑުމެންގެ ވަރަށް ބޮޑު ބައެއް. މިހާރު އާންމުކޮށް ފިހާރަތަކުގެ ބާރުބޮޑުވުމުގެ ސަބަބުން މިފަދަ ކަސްޓަމަރުންނަށް އެންމެ އެކަށީގެންވާ ގޮތަށް ހިދުމަތް ފޯރުކޮށްދިނުމަށް ދަތިތަކެއް އެބަހުރި. މި ސެންޓަރު މެދުވެރިކޮށް ވިޔަފާރިތަކަށާއި މަސައްކަތްތެރިންނަށް ވަރަށް އެކަށީގެންވާ މާހައުލެއްގައި ހިދުމަތްދެވޭނެ ގޮތްތަށް ވަނީ އިންތިޒާމުކުރެވިފައި. އުއްމީދުކުރަނީ މިއީ ކަސްޓަމަރުންނަށް ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެ ބަދަލެއްކަމަށް." ވެލިގާ ހާޑްވެއާގެ ޖެނެރަލް މެނޭޖަރު މުއާޒު މުހައްމަދު ވިދާޅުވި އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ހާޑްވެއާ ކުންފުންޏަކުން ގާއިމުކުރި ކޯޕަރޭޓް ސެންޓަރުން ފަސޭހަކަމާއެކު ލިސްޓުތަކަށް މުދާ ނެގުމާއި، އަގުޖަހައިދިނުން، އަދި އެކި ކަންކަމަށް ބޭނުންވާ ސާމާނު ހޯދުމުގެ ހިދުމަތް ދޭނެ ކަމަށް އެ ކުންފުނިން ބުުންޏެވެ. އަދި މިގޮތުން ވެލިގާ ހާޑްވެއާގައި ލިބެން ހުންނަ މުދާތައް އަޖުމަ ބެލުމާއެކު، އެންމެ އެކަށީގެންވާ ސާމާނު ހޯދުމަށް އެކަމާ ގުޅޭ ތަޖުރިބާކާރުންގެ އެހީ ލިބޭނެ ކަމަށާއި، ވެލިގާއިން ލިބެން ހުންނަ ސާމާނުތައް ފަސޭހައިން ބަލައި ޓެސްޓްކުރެވޭނެ މަގުފަހިކުރުމުގެ ގޮތުން ވެލިގާއިން ގެންގުޅޭ ހުރިހާ ބްރޭންޑްތަކެއްގެ ސާމާނު މިސެންޓަރުން ބަލައިލެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައި ކަމަށް އެ ފަރާތުން ފާހަގަ ކުރިއެވެ.
އެގޮތުން ވެލިގާ ހާޑްވެއާގެ މުވައްޒަފުންނަށް ތަފާތު ވައްތަރުގެ ސާމާނު ބޭނުންކުރުމާއި ހިދުމަތްދިނުމުގެ ދާއިރާއިން ރާއްޖެ އާއި ރާއްޖޭން ބޭރުން ވަނީ ތަމްރީން ދީފަ އެވެ. އަދި ކަނޑައެޅިފައިވާ ދާއިރާތަކަށް ބަހާލައިގެން ޕްރޮޑަކްޓް މެނޭޖަރުންނާއި އެކައުންޓް މެނޭޖަރުން ވަނީ އައްޔަންކޮށްފަ އެވެ.
މި ސެންޓަރުގެ މަސައްކަތްތުގެ ދެން އެންމެ މުހިއްމު މަސައްކަތަކަށް ވާނީ މާލެއިން ބޭރުގައި މަސައްކަތް ކުރާ ފަރާތްތަކަށް ފަސޭހައިން ހިދުމަތް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ. މިގޮތުން، ފޯނާއި އީމެއިލް މެދުވެރިކޮށް މި ސެންޓަރުގެ ހިދުމަތް ހޯދޭނެ އިންތިޒާމު ވަނީ ހަމަޖެހިފަ އެވެ. މާލެއިން ބޭރަށް ގެންދަން ޖެހޭ މުދަލާއި ސާމާނު ކަނޑައެޅިފައިވާ ގަޑިތަކަށް ދޯނިފަހަރާއި ބޯޓުތަކަށް ފޮނުވުމުގެ އިންތިޒާމު ވެސް މީގެ ފަހުން ހަމަޖައްސަމުން ދާނީ މި ސެންޓަރު މެދުވެރިކޮށެވެ.
މި ސެންޓަރުގެ ހިދުމަތްތަކާ ބެހޭގޮތުން ވާހަކަދައްކަވަމުން ކޯޕޮރޭޓް ކަސްޓަމަ މެނޭޖަރު މިފްޒާން މުހައްމަދު ވިދާޅުވީ އެބޭފުޅުންގެ އަމާޒަކީ ވީހާ ވެސް އަވަހަށް، ފަސޭހަކަމާއެކު ކަސްޓަމަރުން ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށާއި، ކަސްޓަމަރަށް އެއްވެސް ދަތިކަމެއްނެތި، ބޭނުންވާ ގޮތަށް ބޭނުންވާ ގަޑިއަށް މުދަލާއި ސާމާނު ފޯރުކޮށްދިނުން ކަމަށެވެ.