23 ނޮވެމްބަރ 2018 - 14:22

މާލެ އަންނަ ކްރޫޒް ލައިންތަކުން ޓޫރިސްޓުން ފޭބުމަށް، އިއްޒުއްދީން ފާލަން ހިމެނޭ ސަރަހައްދު ދޫކުރުމުގެ ހުއްދަ އަށް އެދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓްސް (މާޔާ) ގެ އިސްވެރިން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާ އިއްޔެ ބައްދަލު ކުރައްވައިފި އެވެ.

ކުރޫޒު ލައިންތަކުން އިއްޒުންދީން ސަރަހައްދު ދުވަހު ކުއްޔަށް ނަގައި ބޭނުން ކުރަމުން ދިޔައީ އެ އުޅަނދުތަކުން ޓޫރިސްޓުން މާލެއަށް އަރާ ފޭބުމަށެވެ. ކޮންމެ އަހަރެއްގެ ފަހުކޮޅާއި އަހަރު ފެށޭ ދުވަސްވަރު މާލެއަށް ގިނަ އަދަދެއްގެ ކްރޫޒު ލައިންތައް އަންނައިރު ރާއްޖެވެފައި ވަނީ އެ އުޅަނދުތަކަށް ޓޫރިސްޓުން އަރާ އެއް މަންޒިލަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މި އަހަރުގެ ޖެނުއަރީ މަހު ވަނީ އިއްޒުއްދީން ފާލަން ސަރަހައްދު ޓޫރިސްޓުން ފޭބުމަށް ދޫނުކުރަން ނިންމާފަ އެވެ. ސަބަބެއް ނުބުނެ އެވެ. ދެން އެ ސަރުކާރުން ޓޫރިސްޓުން ފޭބުމަށް ހުއްދަ ދިނީ މަސްވެރިން ޕާކް ހިމެނޭ ސަރަހައްދެވެ. އޭރުވެސް އެ އެސޯސިއޭޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މާޔާގެ ފައުންޑާ މެމްބަރު، އަދި ރާއްޖެ އަންނަ އެންމެ ގިނަ ކުރޫޒް ލައިންތަކުގެ އެޖެންޓް، އެލާޔަންސް މެނޭޖްމަންޓް ސާވިސްގެ މެނޭޖިން ޑިރެކްޓާ އަބްދުﷲ ހަލީލް ވިދާޅުވީ އެ އެސޯސިއޭޝަންގެ ފަރާތުން އެދިފައި ވަނީ ޓޫރިސްޓުން ފޭބުމަށް އަލުން އިއްޒުއްދީން ފާލަން ހިމެނޭ ސަރަހައްދު ދިނުމަށާއި މާލެއާ ކައިރީގައި ކްރޫޒު ލައިންތައް އެޅުމުގެ ހުއްދަ ދިނުމަށް ކަމަށެވެ.
"މިއީ މިދިޔަ ސަރުކާރުން ދަތިވާހާ ގޮތަކަށް ކޮށްފައިވާ ކަންކަން. މި ސަރުކާރުން މިކަންކަން ރަނގަޅުކޮށް ދިނުން އަޅުގަނޑުމެންގެ އެދުމަކީ،" އެ މަސައްކަތުގައި 18 އަހަރު ހޭދަކޮށްފައިވާ ޖަލީލް ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ފަރާތުން އުއްމީދީ ޖަވާބުތަކެއް ލިބުނު ކަމަށް ވެސް ޖަލީލް ވިދާޅުވި އެވެ.
މަސްވެރިން ޕާކް ހިމެނޭ ސަރަހައްދުގެ ފަޅަކީ ރިސޯޓްތަކުން މާލެ އަންނަ ފެރީތައް ބޭނުންކުރާ ސަރަހައްދަށް ވާއިރު ކްރޫޒު ލައިންތަކުން ޓޫރިސްޓުން ގޮވައިގެން ދަތުރުކުރާ ފެރީތަކަށް ގިނަ ދަތިތަކެއް ކުރިމަތިވެ އެވެ. ބައެއް ކްރޫޒު ލައިންތަކުން މާލެ ފައިބާ ޓޫރިސްޓުން ގޮވައިގެން 14 ވަރަކަށް ފެރީ ދަތުރުކުރާއިރު ފަޅު ކުޑަވުމުގެ ސަބަބުން ގިނަ ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށް ވެސް އެޖެންޓުން ބުނެ އެވެ.
މަސްވެރިން ޕާކް ހިމެނޭ ސަރަހައްދަކީ ގިނަ އަދަދަކަށް ސައިކަލް ޕާކްކުރާ ޒޯނަަކަށް ވުމާއި އެ ސަރަހައްދުގައި ހުންނަ ޖަންގްޝަންތަކުގެ ވަހުގެ ސަބަބުން ޓޫރިސްޓުން މައްސަލަ ޖައްސާކަމަށް ވެސް އެޖެންޓުން ބުނެ އެވެ.
މީގެ ކުރިން ކުރޫޒް ލައިންތަކުން ފެރީގައި ތިން މިނެޓުގެ ދަތުރަކަށް ފަހު މާލެ އާދެވޭއިރު މިދިޔަ ސަރުކާރުން ކްރޫޒް ލައިންތައް މާލެއާ ތިން ކިލޯ މީޓަރު ދުރުގައި އެޅުމަށް އަންގާފައިވާތީ ފެރީގައި ޓޫރިސްޓުން ކުރަން ޖެހޭ ދަތުރުތައް ވަނީ ދިގުވެފަ އެވެ.
މިދިޔަ މަހުގެ ފަހުކޮޅުން އަންނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ރާއްޖެއަށް 40 އެއްހާ ކްރޫޒް ލައިން އަންނާނެ ކަމަށް އެޖެންޓުން ބުނެ އެވެ. އެ ކްރޫޒް ލައިންތަކުގައި 30،000 އަށް ވުރެ ގިނަ ޓޫރިސްޓުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެ އަންނާނެ ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުނެ އެވެ.