އުންޑާ ހޯދަން ޗެލްސީން މަސައްކަތްކުރަނީ
އުންޑާ ހޯދަން ޗެލްސީން މަސައްކަތްކުރަނީ

ލަންޑަން (ނޮވެމްބަރު 23) – އޭއެސް ރޯމާގެ ތުރުކީ ވިންގާ ސެންގިޒް އުންޑާ ގަތުމުގެ މަސައްކަތް ޗެލްސީން ފަށައިފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ރޯމާއާ މިދިޔަ ސީޒަނުގައި ގުޅުނު އުމުރުން 21 އަހަރުގެ އުންޑާ ވަނީ މިދިޔަ ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަރިމައްޗަށް ކުޅެމުން ވެސް އޭނާ ވަނީ 42 މެޗުން 11 ގޯލް ޖަހައިފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޗެލްސީން ވަނީ އޭނާ ގަތުމަށްޓަކައި 35 މިލިއަން ޔޫރޯ އާއި އުމުރުން 22 އަހަރުގެ ޑެންމާކް ޑިފެންޑަރު އަންދްރެއަސް ކްރިސްޓެންސެން ދޭން ހުށަހަޅައިފަ އެވެ. ރޯމާ އިން އޭނާ ގަތީ 13.4 މިލިއަން ޔޫރޯ އަށް ކަމަށްވާތީ ޗެލްސީގެ އަގާ މެދު އެ ކްލަބުން އެއްބަސްވާނެ ކަމަށް ބެލެވެ އެވެ. ރޯމާގެ ސްޕޯޓިން ޑިރެކްޓަރު މޮންޗީ އަކީ ކުޑަ އަގުގައި ކުޅުންތެރިން ގަނެ ބޮޑު އަގުގައި ވިއްކުމުގައި މަޝްހޫރު ޑިރެކްޓަރެކެވެ.

ތުރުކީ ގައުމީ ޓީމަށް 10 މެޗު ކުޅެދީފައިވާ އުންޑާ ހޯދުމަށް އާސެނަލްގެ އިތުރުން ޖަރުމަނުގެ ބަޔާން މިއުނިކުން ވެސް މަސައްކަތްކުރާ ކަމަށްވެ އެވެ.

ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ އަކީ މިދިޔަ އަހަރުތަކުގައި އިޓަލީގެ ނަޕޯލީގައި މަސައްކަތްކުރި ކޯޗަކަށް ވުމުން އޭނާ އަށް އުންޑާގެ ފެންވަރު އެނގެ އެވެ. ސާރީއާ އެކު ޗެލްސީން ރަނގަޅު ނަތީޖާތަކެއް ހޯދަމުން އައި ނަމަވެސް ޖެނުއަރީގައި އިތުރަށް ވަރުގަދަނުކޮށްފި ނަމަ ގަދަ ޓީމުތަކުގެ ރޭހުން ބާކީ ވުމުގެ ފުރުސަތު އެބައޮތެވެ. އެއީ އެއް ވަނަ އަށް ވާދަކުރަމުން އަންނަ މެންޗެސްޓާ ސިޓީ އާއި ލިވަޕޫލުގައި ވަރުގަދަ ސްކޮޑެއް އޮތުމުންނެވެ.