23 ނޮވެމްބަރ 2018 - 10:09

އަންނަ އަހަރަށް ލަފާކޮށް، ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 29.6 ބިލިއަން ރުފިޔާގެ ބަޖެޓު ދިރާސާކޮށް، ގެންނަ ބަދަލުތަކާ އެކު ބަޖެޓް ކޮމިޓީގެ އެންމެ ފަހު މަސައްކަތްތައް މިހާރު ގާތްގަނޑަކާށް ނިމިއްޖެ އެވެ. މިއީ، ރާއްޖޭގައި މިހާތަނަށް އެންމެ ބޮޑު ބަޖެޓެއް ހުށަހެޅި ފަހަރެވެ.

އަންނަ އަހަރު އާމްދާނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 23 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކުރާއިރު، ހަރަދުވާނެ ކަމަށް ބަލާފައި ވަނީ 26.7 ބިލިއަން ރުފިޔާ އެވެ. އެހެންވެ، އަންނަ އަހަރު ބަޖެޓު 3.7 ބިލިއަން ރުފިޔާ އިން ޑެފިސިޓް ވާނެ އެވެ.

އެކަމަކު މާލިއްޔަތު ކޮމިޓީ އާއި އިގްތިސާދީ ކޮމިޓީން ބަޖެޓް ނިންމާފައި ތަޅުމަށް ފޮނުވާ އިރު މިހާރަށް ވުރެ ބަޖެޓް ބޮޑުވުމުގެ ފުރުސަތު ބޮޑެވެ، ކޮމިޓީ މަރުހަލާގައި މިހާރު ވެސް ވަނީ ބަޖެޓަށް ބަދަލުތަކެއް ގެނެސްފަ އެވެ. ބަޖެޓު "ކޮށައި" ހެދި އިރު، ބައެއް ތަންތަނުގެ ބަޖެޓު ބޮޑުކޮށް، ބައެއް މަޝްރޫއުތައް ހިންގަން ފައިސާ އިތުރުކޮށްފައި ވެސް ވެ އެވެ.

ނަމަވެސް ފައިސާ އިތުރުކުރީ އަންނަ އަހަރު އާމްދަނީ ގޮތުގައި، މިހާރު ލަފާކޮށްފައިވާ 23 ބިލިއަން ރުފިޔާއަށް ވުރެ އިތުރަށް، 300 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފަ އެވެ. އެހެންކަމުން ބަޖެޓްގައި އަލަށް ހިމެނި ހަރަދުތައް ހިނގާނީ އެ ފައިސާގެ ތެރެއިންނެވެ. އެކަމަކު މިހާރު ބަޖެޓަށް އެކި ގޮތްގޮތުން އަލަށް ހިމެނި ހަރަދުތަކުގެ ސަބަބުން ޑެފިސިޓް ވެސް މައްޗަށް ދާނެ އެވެ. އެގޮތުން ކުރިން ލަފާކުރި ޑެފިސިޓްގެ މިންވަރަށް 600 މިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ވެސް ބެލެވެ އެވެ.
އަންނަ އަހަރުގެ ބަޖެޓުން އެންމެ ބޮޑު ހަރަދެއް ހިނގާނީ ޕަބްލިކް ސެކްޓަ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ހިމެނި މަޝްރޫއުތަކަށެވެ. ޕީއެސްއައިޕީގެ ބަޖެޓަށް 452 މިލިއަން ރުފިޔާ އިތުރު ކުރަން ކޮމިޓީން ވަނީ ނިންމައިފަ އެވެ.
ދެން އިތުރުކުރި ބަޖެޓްތަކުގެ ތެރޭގައި ފޮރިން މިނިސްޓްރީގެ ބަޖެޓު (25 މިިލިއަން)، ހަޔާ އެޑިއުކޭޝަންގެ ބަޖެޓު (50 މިލިއަން)، ޖުޑިޝަރީގެ ބަޖެޓް (37 މިލިއަން) އަދި ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް (31 މިލިއަން ރުފިޔާ) ހިމެނެ އެވެ.
- ކައުންސިލްތައް ހިންގަމް ބޭނުންވާ ބަޖެޓު ހަމަޖައްސައި ދިނުން
- އޮފީސްތަކުގެ ހިންގުން ހަރުދަނާ ކުރުމަށް އޮޑިޓެއް ހެދުން.
- ބޮޑެތި މަޝްރޫއުތައް ދިޔައީ ގާނޫނާ އެއްގޮތަށްތޯ ބަލަން އޮޑިޓެއް ހެދުން.
- ކުނިކަހާ މީހުންނަށް ދޭ އުޖޫރަ މިހާރަށް ވުރެ ބޮޑުކޮށްދިނުން.
- މަދަނީ ޖަމިއްޔާތައް ކުރިއެރުވުމަށް އެކަށީގެންވާ ބަޖެޓެއް ދިނުން.
ބަޖެޓު ދިރާސާކުރާ ކޮމިޓީން ވަނީ ބަޖެޓު ރިކޮމެންޑޭޝަންގެ ގޮތުގައި ގިނަ ކަންތައްތަކެއް ފާސްކޮށްފަ އެވެ. އޭގެ ތެރޭގައި މި އަހަރަށް ފާސްކޮށްދިން ބަޖެޓުގައި ހިމެނި ރިކޮމެންޑޭޝަންތައް ވެސް ހިމެނެ އެވެ. އެގޮތުން، 10 ކަމެއް ބަޖެޓް ރެކޮމަންޑޭޝަންގެ ގޮތުގައި ފޮނުވަން ބަޖެޓު ކޮމިޓީން ވަނީ ނިންމައިފަ އެވެ.
- ސަރުކާރުގެ އޮފީސްތަކަށް ބަޖެޓު ކަނޑައެޅި ގޮތް 30 ދުވަހުގެ ތެރޭގައި އެންގުން.
- އިންކަމް ޓެކްސް ނަގަން ކުރަން ޖެހޭ މަސައްކަތްތައް ކުރުން.
- ފެމިލީ ޕްރޮޓެކްޝަންގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް އެހީވުން.
- ޑީޖޭއޭ އިން މައްސަލަތައް އަވަހަށް ނިންމުމާއި އޮޑިޓެއް ހެދުމަށް ފަހު އެންގުން
- ޑޮމެސްޓިކް އެއާޕޯޓުތަކުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދިއުން
ކޮމިޓީގެ ބައެއް މެމްބަރުން "މިހާރު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ ބަޖެޓު ޑެފިސިޓް އިތުރު ނުވާނެ ގޮތަކަށް ބަޖެޓުގެ މަސައްކަތްކޮށް ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މެމްބަރުންނަށް އަންގަވާފައިވާ ކަމަށެވެ. އެކަމަކު ބައެއް އިދާރާތަކުގެ ބަޖެޓަށް ބަދަލު ގެނައީ އަންނަ އަހަރު އިތުރަށް 300 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރުމަށް ފަހު ކަމަށް މެމްބަރުން ވިދާޅުވި އެވެ.
"އެހެންވީމަ މުޅި ބަޖެޓު ނިމޭއިރު، ގާތްގަނޑަކަށް 29.7 ނޫނީ 29.8 ބިލިއަނަށް ބަޖެޓު އަރާނެ ކަމަށް ބެލެވޭ. އެކަމަކު، މިހާރު އޮތް ގޮތުން 30 ބިިލިއަން ރުފިޔާ އަށް ބަޖެޓު ނާރާނެ،" މެމްބަރަކު ވިދާޅުވި އެވެ.
ނަންނަ ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި ސަރުކާރު ކޯލިޝަންގެ ޕާޓީތަކުގެ މެމްބަރުން ވިދާޅުވީ އެބޭފުޅުންގެ ދާއިރާތަކަށް ބޭނުންވާ އެތައް ކަމެއް ބަޖެޓުގައި ހިމެނިފައި ނުވާ ކަމަށެވެ. އެކަމަކު އެކަންކަން ހިމަނަން ފަހުން ބާރުނޭޅީ އާ ސަރުކާރުގެ އެދުމުގެ މަތިން ކަމަށް ވެސް އެ މެމްބަރުން ވިދާޅުވި އެވެ.
"ބަޖެޓުގައި ނެތަސް، މެމްބަރުން ބޭނުންވާ ކަންކަމަށް ހައްލެއް ގެނެސްދެވޭތޯ މަސައްކަތް ކުރުމަށް ސަރުކާރުން އޮތީ ނިންމާފައި. އެހެންވެ، އަޅުގަނޑުމެން ބޭނުން ނުވީ ބަޖެޓަށް ބޮޑެތި ބަދަލުތަކެއް ގެންނަން. ގިނަ ބަދަލުތަކަކީ ވެސް ސަރުކާރުން ބޭނުންވެގެން ގެނައި ބަދަލު،" މެމްބަރަކު ވިދާޅުވި އެވެ.
ބެލެވޭ ގޮތުގައި މިރޭ މުޅި ބަޖެޓާ މެދު ކޮމިޓީން ގޮތެއް ނިންމާނެ އެވެ. އެހެންކަމުން ބަޖެޓު ރިޕޯޓު އަންނަ ހަފްތާގައި މަޖިލީހަށް ހުށަހަޅާނެ އެވެ.
ބަޖެޓު ކޮމިޓީގެ މުގައްރިރު، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ އަންނަ އާދިއްތަ ދުވަހު ބަޖެޓު ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި ކޮމިޓީ ރިޕޯޓަށް ބަހުސް ކުރެއްވުމަށް ކޮންމެ މެމްބަރަކަށް ހަތް މިނިޓުގެ ފުރުސަތެއް ލިބިވަޑައިގަންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބަޖެޓު ފާސްކުރުމަށް ތާވަލްކޮށްފައި ވަނީ އަންނަ ބުރާސްފަތި ދުވަހު އެވެ.