22 ނޮވެމްބަރ 2018 - 23:14

ބޭބީ ޑޯވް އާއި އެސެޕްސޯގެ އުފެއްދުންތައް ލިލީ އިން ރާއްޖެއަށް މިރޭ ތައާރަފު ކޮށްފި އެވެ.
މި ދެ އުފެއްދުން އިފްތިތާހު ކުރުމަށް ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ލިލީ އެންޓަޕްރައިޒަސްގެ ބިސްނަސް ޑިވެޕޮލްމެންޓް މެނޭޖަރ ހުސައިން ފައިސަލް ވިދާޅުވީ، މި ދެ އުފެއްދުން ލިލީ އިން ރާއްޖޭގެ މާކެޓަށް ނެރުމުގެ ބޭނުމަކީ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް ދިވެހިންނަށް ފަސޭހައިން ލިބޭނެ ގޮތް ހެދުން ކަމަށެވެ.
ޔުނިލީވާގެ ދެ އުފެއްދުން ކަމުގައިވާ ބޭބީ ޑޯވް ބްރޭންޑާއި އެސެޕްސޯ ބްރޭންޑަކީ ދުނިޔޭގައި މަޝްހޫރުކަން ހޯދާފައިވާ ދެ ބްރޭންޑެވެ. މިދެ ބްރޭންޑް ސަޕްލައި ކުރަނީ އެސްޑީއެލް ގްރޫޕް އޮފް ކޮމްޕެނީންނެވެ.
"ބޭބީ ޑޯވްގެ ސެންސިޓިވް ރޭންޖާއި ސްކިން އެކްސްޓްރާ ސެންސިޓިވް ލިބެން ހުންނާނެ. އުފަންވާއިރު ބައެއް ކުދިންނަކީ ހަންގަނޑު ސެންސިޓިވް ކުދިން. އަނެއްބައި ކުދިންނަކީ ސްކިން ނޯމަލް ކުދިން. ދެ ކެޓަގަރީއަށް ވެސް ފިޓުވާ ގޮތަށް ޑޯވްގެ އުފެއްދުންތައް އުފައްދާފައިވަނީ،" ފައިސަލް ވިދާޅުވި އެވެ.
ބޭބީ ޑޯވްގެ އުފެއްދުންތަކުގެ އަގުތައް އެހެން ބޭބީ ބްރޭންޑްތަކާ އަޅާ ބަލާ އިރު ހެޔޮވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ފައިސަލް ވިދާޅުވީ، އެކުންފުނީގެ އެންމެ ބޮޑު އަމާޒަކީ ފެންވަރު ރަނގަޅު އުފެއްދުންތައް، އެކަށީގެންވާ އަގެއްގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުން ކަމަށެވެ.
މިރޭގެ ރަސްމިއްޔާތުގައި އިފްތިތާހު ކުރި ދެވަނަ ބްރޭންޑަކީ އެސެޕްސޯ އެވެ. އެސެޕްސޯ އަކީ އިނގިރޭސިވިލާތުގެ އުފެއްދުމެކެވެ. އެސެޕްސޯގެ ހަތަރު ބާވަތެއްގެ އުފެއްދުން ލިލީގެ ފިހާރަތަކުން ލިބެން ހުންނާނެ އެވެ. އެގޮތުން، އެސެޕްސޯގެ ބޮޑީ ވޮޝް، ހޭންޑް ވޮޝް، އާންމުކޮށް ބޭނުން ކުރާ ސައިބޯނީގެ އިތުރުން ފޭޝިއަލް ފޯމުވެސް މާކެޓަށް ނެރޭނެ ކަމަށް ލިލީ އިން ބުނެ އެވެ.
ކުރިއަށް އޮތް ތަނުގައި އެސެޕްސޯ އަދި ބޭބީ ޑޯވްގެ އުފެއްދުންތައް ލިބެން ހުންނަ މިންވަރު އިތުރު ކުރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ބޭބީ ޑޯވް އާއި އެސެޕްސޯގެ އުފެއްދުންތައް ލިލީ ސްޓޯރުންނާއި ލާލް ސްޓޯރުންނާއި ލިލީ ޝޮޕް ހުޅުމާލެ އަދި ލިލީ ޝޮޕް އައްޑޫ އިން ލިބެން ހުންނާނެ އެވެ.