23 ނޮވެމްބަރ 2018 - 06:10

ސޯޝަލް މީޑިއާގައި ނުހިނގާކަށް ކަމެއް ނެތެވެ. މިހާރު މިކަމަކާ ހުރެ "މޮޔަ" ވެސް ވަނީ އެވެ.
ކޮލަމްބިއާގައި ވެގެން އުޅޭ ގޮތަކީ ވަޓްސްއަޕްގައި ދައުރުވާ މެސެޖަކުން ކުދިން "ޖިންނި މޮޔަވަނީ" އެވެ. ނަތީޖާއަކީ ބޭރުތެރެއަށް ނުކުމެ އަމިއްލަަ އަށް މަރުވާން މަސައްކަތް ކުރުމާއި ބިރުގަންނަ ޒާތްޒާތަށް ކުދިންގެ އުޅުމަށް ބަދަލު އަންނަނީ އެވެ.
އެގޮތުން ބްރިޖް ފަދަ ތަންތަނުން ފުންމާލައިގެން އަމިއްލަ އަށް މަރުވާން މަސައްކަތް ކުރުން ފަދަ 14 މައްސަލައެއް މި ހަފުތާގައި، ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކޮށްފައިވެ އެވެ.
އެހެންވެ މިކަމަށް އަޅާ ރައްކާތެރި ފިޔަވަޅެއްގެ ގޮތުން އުތުރު ކޮލަމްބިިއާގެ އަވަށެއް ކަމަށް ޕަރަޖީޓޯގައި ވަނީ އުމުރުން 17 އަހަރުން ދަށުގެ ކުދިންނަށް ހާއްސަކޮށްގެން ކާފިއު އިއުލާންކޮށްފަ އެވެ. އެގޮތުން ރޭގަނޑު 7:00 އިން ފެށިގެން ފަތިހު 5:00 އާ ދޭތެރޭ 17 އަހަރުން ދަށުގެ ކުދިން ގެއިން ބޭރަށް ނުކުތުން ވަނީ މަނާކޮށްފަ އެވެ. އަދި އާންމު ތަންތަނަށް އެއްވުން ވެސް މަނައެވެ. ހަމައެއާ އެކު ކުދިން ފޯނާ ދުރުކުރަން ކަމާ އިދާރާތަކުން ވަނީ އަންގައިފަ އެވެ.
ތަނަކަށް ދާން ޖެހޭ ހާލަތެއްގައި ދާން ޖެހެނީ ބެލެނިވެރިޔާއާ އެކުގަ އެވެ. ނުވަތަ އާއިލާގެ ކޮންމެވެސް ބޮޑު މީހަކާ އެކުގަ އެވެ.
"ޖިންނި އަވަލާތީ" ކާފިއު އިއުލާން ކުރުމާ ބެހޭ ގޮތުން ޕަރަޖީޓޯގެ މޭޔަރު އިނެސަންޝިއޯ ޕެރޭޒް ވިދާޅުވީ މި ފިޔަޅަކީ މައްސަލަ "ރެޑް އެލާޓް" އަށް އެރުމުން ނެރުނު ގަރާރެއް ކަމަށެވެ. އަދި އެކަމާ ހިލާފުވާ ކުދިން ބޮޑު އަދަދަކުން ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރު ވެސް ވަނީ ދެއްވައިފަ އެވެ.
"މިއީ ވަރަށް ގިނަ ބެލެނިވެރިންގެ ކަންބޮޑުވުންތަކާ ނިންމަން ޖެހުނު ކަމެއް. ޕަރަޖީޓޯ އަވަށުގެ ހުރިހާ ރައްޔިތުންގެ ރައްކާތެރި ކަމަށް މަސައްކަތް ކުރުމަކީ އަހަރެމެން އަދާ ކުރަން ޖެހޭ ޒިންމާއެއް،" މޭޔަރުގެ ގަރާރުގައި ވިދާޅުވި އެވެ.
ނަމަވެސް ކާފިއު އިއުލާންކޮށްފައި ބާއްވާނީ ކިހާ މުއްދަތަކަށް ކަމެއް އަދި ނުނިންމަ އެވެ.