އެމްޑީއޭ ހިންގުމާ ސިޔާމް ހަވާލުވެވަޑައިގެންފި
އެމްޑީއޭ ހިންގުމާ ސިޔާމް ހަވާލުވެވަޑައިގެންފި

އެމްޑީއޭ ހިންގުމާ، އެ ޕާޓީގެ ލީޑަރު އަހުމަދު ސިޔާމް މިއަދު ހަވާލުވެވަޑައިގެންފި އެވެ.

ސިޔާސީ ކަންކަމުގައި ތިން މަހެއްހާ ދުވަހު ދުރުގައި ހުންނެވުމަށްފަހު ޕާޓީގެ ލީޑަރުގެ ޒިންމާތައް މީދޫ ދާއިރާގެ މެމްބަރު ސިޔާމްއާ ހަވާލުކޮށްފައިވަނީ އެމްޑީއޭގެ ކައުންސިލުން ބޭއްވި ބައްދަލުވުމުގަ އެވެ. ސިޔާމް ދުރަށްޖެހިވަޑައިގަތުމުން އެމްޑީއޭ ހިންގުން މިދިޔަ އޮގަސްޓް މަހު ހަވާލުކުރީ އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފަށެވެ.

އެ ޕާޓީ ހިންގުމާ ސިޔާމް ދުރަށްޖެހިވަޑައިގަތީ، އޭރުގެ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕީޕީއެމާއި އެމްޑީއޭއާ ދެމެދު މައްސަލަތަކެއް ޖެހިފައިވަނިކޮށެވެ. ނަމަވެސް އެމްޑީއޭ އިން ކުރިން ބުނީ އޭނާ ދުރަށްވަޑައިގެންނެވީ ވިޔަފާރީގެ ކަންކަމުގައި ރާއްޖޭން ބޭރުގައި އުޅުއްވަން ޖެހިވަޑައިގަންނަވާތީ ކަމަށެވެ.

އެމްޑީއޭގެ ކައުންސިލް މެމްބަރު އަދި މީޑިއާ ކޯޑިނޭޓަރު ސިނާން އަލީ ވިދާޅުވީ އަންނަ މާޗު މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހުރިހާ ދާއިރާއަކަށް ކުރިމަތިލުމަށް ވެސް އެ ޕާޓީގެ ކައުންސިލުން ފާސްކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން ޕާޓީގެ ޑެޕިއުޓީ ލީޑަރަކަށް، އައިޝަތު މަމްދޫހާ އައްޔަންކުރައްވައި އެމްޑީއޭގެ ކައުންސިލަށް ދެ ބޭފުޅަކު ވެސް ހަމަޖައްސާފައިވާ ކަމަށް ސިނާން ވިދާޅުވި އެވެ.