24 ނޮވެމްބަރ 2018 - 06:51

ޑައިރެކްޓަރު އޮމަންގް ކުމާރުގެ ފިލްމެއްގައި މަސައްކަތްކޮށްލަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް އެކްޓަރު ޓައިގާ ޝްރޮފް ބުނެފި އެވެ.
ފިލްމު "މޭރީ ކޮމް" އާއި "ސަރަބުޖީތު" ގެނެސް ދިން ޑައިރެކްޓަރުގެ އަތު ކުރެހުން ހިމެނޭ ކަލަންޑަރު "އެނިމަލް މެޓާ ޓު މީ" ނެރެން ބޭއްވި ހަފުލާގައި ޓައިގާ ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނީ އޮމަންގްއަކީ އޭނާ އެކުގައި މަސައްކަތްލަން ބޭނުންވާ ޑައިރެކްޓަރުންގެ ލިސްޓްގެ ކުރީގައި ހިމެނޭ މީހެއް ކަމަށެވެ.
"އޮމަންގް މިހާތަނަށް ގެނެސް ދިން ހުރިހާ ފިލްމެއް ވެސް އަހަންނަށް ވަރަށް ކަމުދިޔަ. އެހެންވެ ވަރަށް ބޭނުން އޭނަގެ ޑައިރެކްޝަނެއްގައި މަސައްކަތްކޮށްލަން. އުންމީދު ކުރަން ކޮންމެވެސް ދުވަހަކުން އެ ފުރުސަތު ލިބޭނެ ކަމަށް،" 2013 ގެ "ހީރޯޕަންޓީ" އިން ބޮލީވުޑަށް ނުކުތް ޓައިގާ ބުންޏެވެ.
އޭނާ ބުނީ މިހާތަނަށް އޮމަންގްއާ އެހާ ބޮޑަށް ދިމާވެފައި ނެތް ކަމަށެވެ. އެކަމަކު އެކި ކަހަލަ އިވެންޓްތަކުން ދޭތެރެ ދޭތެރެ އިން ދިމާވެފައިވާ ކަމަށް ބުންޏެވެ.
"އެކަމަކު އުންމީދު ކުރަން އޮމަންގުގެ ސްކްރިޕްޓެއް އަހަންންށް ލިބޭނެ ކަމަށް. އެ ކަހަލަ ދުވަހެއްގެ އިންތިޒާރުގައި މިހާރު މިހުރީ." ބޮލީވުޑްގައި މިހާރު ވަރުގަދަ އެކްޝަބް ހީރޯއެއްގެ ގޮތުގައި ލޭބަލްވެފައިވާ ޓައިގާ ބުންޏެވެ.
މި އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ބާގީ 2" ގެ ބަތަލު ދެން އެންމެ އަވަހަށް ފެނިގެން ދާނީ އަންނަ އަހަރުގެ މެއި 10 ގައި ރިލީޒް ކުރާ "ސްޓޫޑަންޓް އޮފް ދި އިޔާ 2" އިންނެވެ. ޓައިގާގެ ކުރިއަށް ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި އަންނަ އަހަރުގެ ސެޕްޓެމްބަރު 2 ގައި ރިލީޒް ކުރާ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ފިލްމަކާއި 2020 ގައި ރިލީޒް ކުރާ "ރާމްބޯ" ގެ ހިންދީ ރިމެކިން އާއި "ބާގީ 3" ހިމެނެ އެވެ.
އޮމަންގް އެންމެ ފަހުން ބެލުންތެރިންނަށް ގެނެސް ދިނީ ސަންޖޭ ދަތު ޖަލު ހުކުމް ތަންފީޒު ކުރުމަށް ފަހު، އެނބުރި ބޮލީވުޑަށް ނުކުމެ ކުޅުނު ފުރަތަމަ ފިލްމު ބޫމީ (2016) އެވެ.
އޭނާ ޑައިރެކްޝަނަށް ނުކުތީ ޕްރިޔަންކާ ޗޯޕްޅާ ލީޑް ރޯލް ކުޅުނު 2014 ގެ ފިލްމު "މޭރީ ކޮމް" އިންނެވެ. އެ ފިލްމުން އޭނާ އަށް ވަނީ ނެޝަނަލް އެވޯޑް ވެސް ލިބިފަ އެވެ.