އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރަކަށް އަސްލަމް، ޗީފް ވިޕަކަށް ނިޒާރު
އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރަކަށް އަސްލަމް، ޗީފް ވިޕަކަށް ނިޒާރު

ވެރިކަން ކުރާ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރަކަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އަދި ޗީފް ވިޕަކަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު މިއަދު ކަނޑައަޅައިފި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރުގެ މަގާމުގައި މިހާތަނަށް ހުންނެވީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެވެ. ޗީފް ވިޕަކަށް ހުންނެވީ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ އެވެ. އެ ދެ މަގާމު ހުސްވީ، އިބްރާހިމް މުހައްމަދު ސޯލިހް ރައީސްކަމަށް އިންތިޚާބުވެ އަދި މާރިޔާ ޑިފެންސް މިނިސްޓަރަކަށް އައްޔަން ކުރުމާ ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަމުން އިސްތިއުފާ ދެއްވުމުންނެވެ.

މިހާރު 18 މެމްބަރުން ހިމެނޭ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރަކަށް އަސްލަމް އަދި ޗީފް ވިޕަކަށް ނިޒާރު ކަނޑައެޅީ، އެ މަގާމުތަކަށް ނަން ހުށަހެޅުމުގެ މުއްދަތު މިއަދު ހަމަވިއިރު، އެ ދެ ބޭފުޅުން ފިޔަވައި އެއްވެސް ބޭފުޅަކު ނަން ހުށަހަޅުއްވާފައި ނެތުމުންނެވެ. އެހެންވެ، ވޯޓަކަށް ނުގޮސް، އަސްލަމަކީ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރުކަމަށް އަދި ނިޒާރަކީ ޗީފް ވިޕްގެ ގޮތުގައި ޕާލަމެންޓްރީ ގުރޫޕުގެ މިއަދުގެ ބައްދަލުވުމުގައި ކަނޑައެޅީ އެވެ.

އަސްލަމަކީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އަދި އެމްޑީޕީގެ މިދިޔަ ރިޔާސީ ޕްރައިމަރީގައި ނަޝީދުގެ ކެމްޕެއިން މެނޭޖަރަކީ ވެސް އަސްލަމެވެ. އޭނާ ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަން ކުރައްވާތާ 10 އަހަރު އަންނަ އަހަރަށް ވާނެ އެވެ. އަދި މަޖިލިހުގެ ކުރިއަށް އޮތް ދައުރަށް ވެސް ކުރިމަތިލައްވަން އަސްލަމް ވަނީ ނިންމަވައިފަ އެވެ.

ނިޒާރަކީ 2014 ގައި ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ހިތަދޫ ދެކުނު ދާއިރާގެ ގޮނޑިއަށް އިންތިޚާބު ކޮށްފައިވާ މެމްބަރެކެވެ. އަދި އަންނަ އަހަރުގެ މާޗްގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވެސް ވާދަކުރައްވަން ނިޒާރު ވަނީ ނިންމަވައިފަ އެވެ.