ލަންކާ މައްސަލަ ހައްލު ކުރަން ބޭރުގެ އެހީ ތަމަޅަ ޕާޓީން ހޯދަނީ
ލަންކާ މައްސަލަ ހައްލު ކުރަން ބޭރުގެ އެހީ ތަމަޅަ ޕާޓީން ހޯދަނީ

ކޮލަމްބޯ (ނޮވެމްބަރު 22) - ލަންކާގައި މިހާރު އުފެދިފައިވާ ސިޔާސީ މައްސަލަތައް ހައްލު ކުރަން ބޭރުގެ ޑިޕްލޮމެޓުންގެ އެހީ އަށް ޓަމިލް ނޭޝަނަލް އެލަޔަންސް އިން އެދިއްޖެ އެވެ.

ލަންކާގައި ތިބޭ ބޭރު ގައުމުތަކުގެ ޑިޕްލޮމެޓުންނާ ބައްދަލު ކުރުމަށް ފަހު ތަމަޅަ ޕާޓީން އެދިފައި ވަނީ ލަންކާގެ މައްސަލަ ހައްލު ކުރުމުގައި އެހީތެރިވެދިނުމަށެވެ.

ޓަމިލް ނޭޝަނަލް އެލަޔަންސް އިން ވަނީ ހުޅަނގުގެ 15 ގައުމެއްގެ ޑިޕްލޮމެޓުންނާ ބައްދަލު ކޮށްފަ އެވެ. އޭގެ ތެރޭގައި އިނގިރޭސި ވިލާތް، ކެނެޑާ، ނޯވޭ، ސްވިޒަލެންޑް އަދި އީޔޫގެ އޮފިޝަލުން ހިމެނެ އެވެ. މީގެ އިތުރުން އެމެރިކާ އާއި އިންޑިއާ، ކޮރެއާ، ބަންގްލަދޭޝްގެ މަންދޫބުންނާ ވެސް ވަނީ ބައްދަލުކޮށްފަ އެވެ.

ލަންކާގައި ސިޔާސީ މައްސަލަގަނޑު ބޮޑުވެފައި ވަނީ ބޮޑު ވަޒީރުކަމުން މިދިޔަ މަހު 26 ވަނަ ދުވަހު ރަނިލް ވިކްރަމަސިންހަ ދުރުކޮށް އެ މަގާމަށް ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ހަމަޖެއްސުމުންނެވެ. ރަނިލް ގެންދަވަނީ މަގާމު ދޫކޮށްލަން ދެކޮޅު ހައްދަވަމުންނެވެ.