ފާޑުކިޔުންތަކަށް މަރުހަބާ، ކަންކަން ހައްލުކުރެވޭނީ ކުރިމަތިލައިގެން: މިނިސްޓަރު އައިޝާ
ފާޑުކިޔުންތަކަށް މަރުހަބާ، ކަންކަން ހައްލުކުރެވޭނީ ކުރިމަތިލައިގެން: މިނިސްޓަރު އައިޝާ

ފާޑުކިޔުންތަކަށް މަރުހަބާ ދަންނަވާ ކަމަށާއި ކަންކަން ރަނގަޅުކުރެވޭނީ އެ ފާޑުކިޔުންތަކަަށް ކުރިމަތިލައިގެން ކަމަށް އާ ސަރުކާރުގެ ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އާއިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު ބޭއްވެވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި "މިހާރު"ން ކުރި ސުވާލަކާ ގުޅިގެން އައިޝާ ވިދާޅުވީ ކޮންމެ ކަމަކަށް ވެސް ފާޑުކިޔުން އަންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އޭގައި ރަނގަޅާއި ނުރަނގަޅު ފާޑުކިޔުންތައް ވެސް އަންނާނެ ކަމަށް ވިދާޅުވި އެވެ.

"ކޮންމެ ކަމަކަށް ވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ފާޑުކިޔުން އަންނާނެ. އޭގައި ޕޮޒިޓިވް އާއި ނެގެޓިވް ވެސް ހިމެނޭނެ. ނެގެޓިވް ފާޑުކިޔުންތަކަށް ކުރިމަތިލައިގެން ރައްޔިތުންނަށްޓަކައި ކަމެއް ރަނގަޅުކުރަން އަޅުގަނޑުމެންނަށް މައްސަލަތައް ދެނެގަނެވޭނީ. އެހެންވީމަ އެ ބޭފުޅުންގެ ވިސްނުމަށް ހަމަ މަރުހަބާއޭ ދަންނަވާނީ،" ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ ވައުދުތައް ފުއްދުމުގައި ޓްރާންސްޕޯޓު މިނިސްޓްރީއަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަހުމަދު ރަފީއު ވިދާޅުވީ ވަރަށް ގިނަ މިނިސްޓަރުންނާއެކު އޭނާއަށް މަސައްކަތް ކުރެވިފައިވާ ކަމަށެވެ. އޭގެ ތެރެއިން ވެސް ކަންކަން ތަންފީޒުކޮށް މަސައްކަތް ކުރުމުގައި އައިޝާ މަގު ދައްކައިދެމުންދާކަމަށް ވިދާޅުވި އެވެ.

އާ ސަރުކާރުގައި 19 މިނިސްޓްރީއެއް ހިމެނޭއިރު ރައީސާއި ނައިބު ރައީސާއި އެޓާނީ ޖެނެރަލާ އެކު ކެބިނެޓުގައި ހިމެނިވަޑައިގަންނަވަނީ 22 ބޭފުޅުންނެވެ. އޭގެ ތެރެއިން ވެސް އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައިވަނީ އައިޝާގެ އިތުރުން ޖޭޕީގެ ސްލޮޓުގައި މިނިސްޓަރުކަމަށް ވަޑައިގެންނެވި ބޭފުޅުންނަށެވެ.