ރައީސްގެ މަންދޫބަކަށް ޖާބިރު، ރައީސް އޮފީހުގެ މިނިސްޓަރަކަށް ޝިފާޒް، ސްޓޭޓް މިނިސްޓަރަކަށް އަކްރަމް
ރައީސްގެ މަންދޫބަކަށް ޖާބިރު، ރައީސް އޮފީހުގެ މިނިސްޓަރަކަށް ޝިފާޒް، ސްޓޭޓް މިނިސްޓަރަކަށް އަކްރަމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހާއްސަ މަންދޫބަކަށް އަބްދުﷲ ޖާބިރު، ރައީސް އޮފީހުގެ މިނިސްޓަރަކަށް މުހައްމަދު ޝިފާޒް އަދި އިންފްރާސްޓްރަކްޗަ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އަކްރަމް ކަމާލުއްދީން މިއަދު އައްޔަން ކުރައްވައިފި އެވެ.

މީގެ ތެރެއިން ޔޮޓް ޓުއާޒްގެ ޗެއާމަން ޖާބިރަކީ، މި ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރަކަށް ވަޑައިގަންނަވަން ކުރިން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ އިކޮނޮމިކް އެޑްވައިޒަރުކަން ކުރައްވައިފަ އެވެ. އަދި ޖާބިރަކީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ޕޮލިޓިކަލް އެޑްވައިޒަރެވެ.

ވެރިކަން ކުރާ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ނައިބު ރައީސް ޝިފާޒަށް ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުކަން ދެއްވިއިރު، އެ މަގާމުގައި ނުވަތަ އެ ފެންވަރުގައި މިހާރު ހަތަރު ބޭފުޅަކު އެ އޮފީހުގައި ތިއްބަވަ އެވެ. އެއީ ޝިފާޒްގެ އިތުރުން، ޗީފް އޮފް ސްޓާފް އަލީ ޒާހިރާއި އަލީ ޝިޔާމް (ތްރީއޭ) އަދި އަހުމަދު ނަސީމް (މަސްއޮޑި) އެވެ. މީގެ ތެރެއިން ޗީފް އޮފް ސްޓާފްގެ މަގާމުގައި އަލީ ޒާހިރު ހުންނަވަނީ މިނިސްޓަރުގެ ފެންވަރުގަ އެވެ.

އަކްރަމް ކަމާލުއްދީން ވަނީ އެމްޑީޕީގެ ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވައިފަ އެވެ.