22 ނޮވެމްބަރ 2018 - 16:14

ސޮވެރިން ގެރެންޓީ އާއި ލޯނުތަކުގެ ތަފްސީލު ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ބަޖެޓް ދިރާސާ ކުރާ ކޮމިޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، މިފާއިތުވެދިޔަ ސަރުކާރުން ދީފައިވާ ސޮވެރިން ގެރެންޓީ އާއި ސަރުކާރުން ނަގާފައިވާ ލޯނުތަކުގެ ތަފްސީލުތައް އެއްކުރަމުންދާ ކަމަށާއި އެ މައުލޫމާތުތައް ވީހާ ވެސް ފުރިހަމަ އަށް ހާމަކުރުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
"ސޮވެރިން ގެރެންޓީތައް ވަރަށް އަވަހަށް ހާމަކުރާނަން. އަޅުގަނޑު ބޭނުންވަނީ އެންމެ އެކިއުރޭޓް މައުލޫމާތު ރައްޔިތުންނާ ހާމަކުރުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އަމީރު މިހެން ވިދާޅުވެފައިވާ އިރު ފިނޭންސް މިނިސްޓްރީން އެންމެ ފަހުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ސަރުކާރު ހިއްސާވާ ހަތަރު ކުންފުޏަކަށް ވަނީ ސޮވެރިން ގެރެންޓީ ދީފަ އެވެ.
އޭގެ ތެރޭގައި، އެސްޓީއޯ އިން ނަގާފައިވާ 3.7 ބިލިއަން ރުފިޔާގެ ލޯނާއި އެޗްޑީސީ އަށް 2.9 ބިލިއަން ރުފިޔާގެ ލޯނާއި ސްޓެލްކޯގެ 589 މިލިއަން ރުފިޔާގެ ލޯނަށް ދީފައިވާ ގެރެންޓީ ހިމެނެ އެވެ. މީގެ އިތުރުން މިފްކޯގެ 57 މިލިއަން ރުފިޔާގެ ލޯނަށް ވެސް ސަރުކާރުން ގެރެންޓީ ދިނެވެ.
މީގެ އިތުރުން ސަން ސިޔާމަށް ނިސްބަތްވާ ކުންފުންޏަކަށް ވެސް 127 މިލިއަން ޑޮލަރުގެ ލޯނަށް ސަރުކާރުން ގެރެންޓީދީފައިވާ ކަން "މިހާރަށް" ވަނީ ޔަގީންވެފަ އެވެ.
މިނިސްޓަރު ވިދާޅުވީ، ސަރުކާރު ހިއްސާވާ ބޮޑެތި ހުރިހާ ކުންފުންޏެއް އޮޑިޓް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެއަށް ފަހު ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމުގެ މަސައްކަތްތައް ފައްޓަވާނެ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވި އެވެ.