ތިމާވެއްޓަށް ގެއްލުންދޭ މައްސަލަތައް ބަލަން އަންގައިފިން: ހޯމް މިނިސްޓަރު
ތިމާވެއްޓަށް ގެއްލުންދޭ މައްސަލަތައް ބަލަން އަންގައިފިން: ހޯމް މިނިސްޓަރު

ގާނޫނާ ހިލާާފަށް ގަސް ކެނޑުން ފަދަ ތިމާވެއްޓަށް ގެއްލުންދޭ ބޮޑެތި މައްސަލަތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ބަލަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ފުލުހުންނަށް މިއަދު އަންގަވައިފި އެވެ.

ރާއްޖޭގައި އަލަށް ހަދާ ރިސޯޓްތައް ފެހިކުރުމަށް ރަށްރަށުން ގިނަ އަދަދެއްގެ ރުއް ގެންދިއުން މިހާރު ވަނީ އާއްމު ވެފަ އެވެ. ބައެއް ރަށްރަށުން ގަވައިދާ ހިލާފަށް ރުއް ގެންދާ މައްސަލަ ފާހަގަވެގެން ހުއްޓުވާފައި ވެސް ވެ އެވެ.

އެ ކަންބޮޑުވުންތައް ހިއްސާކޮށް އާއްމު މީހަކު ކުރެއްވި ޓްވީޓަކަށް ރިޕްލައި ކުރައްވަމުން އިމްރާން ވިދާޅުވީ ތިމާވެށީގެ މައްސަލަތައް ހައްލު ކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށެވެ. އެފަދަ މައްސަލަތަކަށް ހާއްސަ ސަމާލުކަމެއް ދޭން ފުލުހުންނަށް އަންގަވާފައިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ގާނޫނާ ހިލާފަށް ގަސް ކެނޑުމާ، ފަރުތަކާއި ފަޅުތަކަށް ގެއްލުންދިނުން ފަދަ ކަންކަން ހާއްސަ ސަމާލުކަމެއް ދީގެން ބެލުމަށް ފުލުހުންނަށް ދަންނަވައިފިން،" މިނިސްޓަރުގެ ޓްވީޓުގައި ވިދާޅުވެފައިވެ އެވެ.

ގާނޫނާ ހިލާފަށް ރުއް ގެންދިއުން އާއްމު ވެފައިވާއިރު އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ. އެ އެޖެންސީއަށް އެކަން ނުހުއްޓުވި، ޒިންމާ އަދާނުކުރެވޭ ކަމަށް ބުނެ ކިޔާ ފާޑުކިޔުންތައް ވެސް އިތުރެވެ.

ރުއް ގަސް ގެންދިއުމާއި ފަޅުތަކަށް ގެއްލުން ދެމުންދާތީ އެއީ ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް ތިމާވެށީގެ ތަޖުރިބާކާރުން ބުނެ އެވެ.

ބައެއް ރަށްރަށުން އެތައް ސަތޭކަ ރުކެއް އެއްފަހަރާާ ނަގައިގެން ގެންދަނީ ގަވާާއިދަށް ފައްތަން ވަކި ސަބަބުތަކެއް މެދުވެރިކޮށްފަ އެވެ. އޭގެ ތެރޭގައި މަގުތައް ހެދުމާއި ކުޑަކުދިންގެ ޕާކް ހެދުން ފަދަ ކަންކަން ހިމެނެ އެވެ. އެކަމަކު ކުޑަކުދިންގެ ޕާކް ހަދަން ރަށުގެ އާބާާދީގެ ނިސްބަތުން މާ ބޮޑެތި ބިންތައް ވެސް ނަގާފައިވެ އެވެ. އެއީ ގިނަ ރުއް އެއް ސަރަހައްދަކުން ނެގުމުގެ ބޭނުމުގަ އެވެ.