ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ރާއްޖޭގައި ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓުވަނީ
ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ރާއްޖޭގައި ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓުވަނީ

ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން މަނާ ކުރުމަށް ހޭލުންތެރި ކުރުމުގެ ކެމްޕެއިނެއް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް ޕްރޮފެޝަނަލްސް (އޭޓީޕީ) އިން ފަށައިފި އެވެ.

ފަތުރުވެރިކަމުގައި މަސައްކަތް ކުރާ ފަރާތްތަކުން ގުޅިގެން އުފައްދާފައިވާ ޖަމިއްޔާ އޭޓީޕީގެ ރައީސް ޑރ ސަނީ އުމަރު ވިދާޅުވީ، ރާއްޖޭގައި ފަތުރުވެރިކަން ޕްރޮމޯޓްކުރުމުގައި ރާއްޖެއަކީ ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން މަދު ގައުމަކަށް ހެދުމަށް މަސައްކަތް ކުރުމަށް އެޖަމިއްޔާ އިން އަމާޒް ހިފާފައިވާ ކަމަށެވެ.

މިކަން ހާސިލްވެއްޖެ ނަމަ ރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓު ކުރުމުގައި އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެންމެ ބޮޑަށް ޓާގެޓް ކުރަނީ ގެސްޓްހައުސް ވިޔަފާރިތައް ކުރާ ރަށްރަށަށް. މިހާރުވެސް ވ.ކެޔޮދު އާއި އއ.ބޮޑުފުޅަދު އާއި އއ.އުކުޅަހުގައި ވެސް މިހާރު ވަނީ ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓާލާފައި،" ސަނީ ވިދާޅުވި އެވެ.

ސަނީ ވިދާޅުވީ، އަމާޒަކީ 2020 ވަނަ އަހަރުގެ ނިޔަލަށް މިކަން ހާސިލް ވުމެވެ. ދުނިޔޭގެ ތަހުޒީބު ވެފައިވާ ގައުމުތަކުންވެސް ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓުވުމުގެ ކާމިޔާބު ކެމްޕެއިންތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުމަށްފަހު އުކާލުމުގެ ސަބަބުން ގުދުރަތީ ދިރުންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެ އެވެ. ރާއްޖެފަދަ ނާޒުކު ތިމާވެއްޓެއް އޮންނަ ގައުމަކަށް ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓާލުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އޭޓީޕީ އިން ބުނެ އެވެ.