ބަތަލާ ފްރެއިޑާ ޕިންޓޯ ވެސް ކައިވެނިކުރަނީ
ބަތަލާ ފްރެއިޑާ ޕިންޓޯ ވެސް ކައިވެނިކުރަނީ

އޮސްކާ ހޯދި ފިލްމު "ސްލަމްޑޯގް މިލިއަނާ" އިން ވިދައިލި، އިންޑިއާ އަށް ނިސްބަތްވާ ހޮލީވުޑްގެ ބަތަލާ ފްރެއިޑާ ޕިންޓޯ ވެސް ކައިވެންޏަށް ތައްޔާރުވާން ފަށައިފި އެވެ.

"އިމޯޓަލްސް" އާއި "ރައިޒް އޮފް ދަ ޕްލެޓް އޮފް ދި އޭޕްސް" ގެ އިތުރުން "ގޮރިއްލާ" ފަދަ ފިލްމުތައް ކުޅެފައިވާ 34 އަހަރުގެ ބަތަލާ މިހާރު ރައްޓެހިވެގެން އުޅެނީ އެމެރިކާގެ އެޑްވެންޗަ ފޮޓޯގްރާފަރު ކޯރީ ޓްރޭންއާ އެވެ. ދެ މީހުން ދިމާވީ ފްރެއިޑާއާ އެކު ހޫލޫގެ ސީރީޒް "ދަ ޕާތު" ގައި މަސައްކަތް ކުރި އެކްޓަރު އާރޮން ޕޯލްގެ ފަރާތުންނެވެ. އާރޮންއަކީ ކޯރީގެ ބެސްޓްފްރެންޑެވެ.

ދެ މީހުންގެ ލޯބީގެ ގުޅުން ވަރަށް ސީރިއަސް ކަމަށާއި މާ ލަސްތަކެއް ނުވެ ކައިވެނި ކުރާނެ ކަމަށް ޑީއެންއޭ އިން ބުންޏެވެ.

ފްރެއިޑާ އާއި ކޯރީ ވަނީ މި އަހަރު ބޭއްވި 90 ވަނަ އޮސްކާ އެވޯޑްގެ ރެޑް ކާޕެޓްގައި ވެސް އެ ދެ މީހުންގެ ގުޅުން ރަސްމީކޮށް ދީފަ އެވެ.

ފްރެއިޑާ ކުރިން ވަނީ "ސްލަމްޑޯގް މިލިއަނާ" ގެ ބަތަލު ޑޭވް ޕަޓޭލްއާ ވެސް ހައެއްކަ އަހަރު ވަންދެން ރައްޓެހިވެގެން އުޅެފަ އެވެ. އެ ދެ މީހުން ވަކިވީ 2014 ގަ އެވެ. އޭގެ ފަހުން އޭނާ ވަނީ ޕޯލޯ ކުޅުންތެރިޔާ ރޯނީ ބަކާޑީއާ ވެސް ލޯބީގެ ގުޅުމެއް ބާއްވައިފަ އެވެ.

ދާދި ފަހުން ރިލީޒް ކުރި "ލަވް ސޯނިއާ" ގައި ވެސް ރޯލެއް ކުޅުނު ފްރެއިޑާގެ ކުރިއަށް ފިލްމަކީ މި މަހުގެ 29 ގައި ރިލީޒް ކުރާ ނެޓްފްލިކްސްގެ "މޯގްލީ: ލެޖެންޑް އޮފް ޖަންގަލް" އެވެ.

އެންޑީ ސާކިސް ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ކާސްޓުންގެ ތެރޭގައި ކްރިސްޓިއަން ބޭލް، ކޭޓް ބްލެންޝެޓް، ބެނެޑިކްޓް ކަމްބަބެޗް، ނައޯމީ ހެރިސް އަދި ރޯހަން ޗާންދު ހިމެނެ އެވެ.