22 ނޮވެމްބަރ 2018 - 14:05

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ނައިބު ރައީސް ފައިސަލް ނަސީމްގެ ޕާސަނަލް ސެކްރެޓަރީންނަށް އެ ދެ ބޭފުޅުންގެ ކޮއްކޯފުޅުން ހަމަޖައްސަވައިފި އެވެ.
ރައީސްގެ ސެކްރެޓަރީއަކަށް ހަމަޖައްސާފައި ވަނީ އެއްބަނޑުއެއްބަފާ ކޮއްކޯފުޅު، ފާތުމަތު މުހައްމަދު ސޯލިހް (ފާތޭ) އެވެ. ރައީސް އޮފީހުގައި ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ފާތޭ ވަނީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސެކްރެޓަރީކަން ދިގު މުއްދަތަކަށް ކުރައްވައިފަ އެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ފަސް އަހަރުގެ ވެރިކަމުގައި އެ މަނިކުފާންގެ ސެކްރެޓަރީކަން ވެސް ވަނީ ކުރައްވައިފަ އެވެ.
ނައިބު ރައީސް ފައިސަލްގެ ސެކްރެޓަރީއަކަށް ހަމަޖައްސަވައިފައި ވަނީ އެމަނިކުފާނުގެ އެއްބަނޑުއެއްބަފާ ކޮއްކޯފުޅު، ނަޒްރާ ނަސީމް (ނަޒޫ) އެވެ. ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ އަނބިކަނބަލުން ނަޒޫ ވަނީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ވެސް ފައިސަލްގެ ސެކްރެޓަރީކަން ކުރައްވައިފަ އެވެ. ފައިސަލްއާ އެކު ކެމްޕެއިނަށް ރާއްޖޭގެ ގިނަ ރަށްތަކަށާއި ރާއްޖޭން ބޭރަށް ވެސް ނަޒޫ ވަޑައިގެންނެވި އެވެ.
ސެކްރެޓަރީންގެ ޒިންމާގެ ތެރޭގައި ވެރިންގެ އެޕޮއިންޓްމަންޓްތައް ހަމަޖެއްސުމާއި މީޓިންތައް ހަމަޖެއްސުން ފަދަ މުހިންމު މަސައްކަތްތައް ހިމެނެ އެވެ.
ރައީސް އޮފީހުގެ އިސް ބައެއް މަގާމުތަކަށް މިހާރު ވަނީ ސަރުކާރު ހިންގާ ކޯލިޝަންގެ ބޭފުޅުން އައްޔަން ކުރައްވައިފަ އެވެ.