ސޮނޭވާ އިން ޕްރައިވެޓް ސީ ޕްލޭން ދަތުރުތައް ފަށަނީ
ސޮނޭވާ އިން ޕްރައިވެޓް ސީ ޕްލޭން ދަތުރުތައް ފަށަނީ

ރާއްޖޭގައި ސޮނޭވާ ފުށި އަދި ސޮނޭވާ ޖާނީ ހިންގާ ކުންފުނިން އެރިސޯޓުތަކަށް ޕްރައިވެޓް ސީ ޕްލޭން ދަތުރުގެ ހިދުމަތް ފެށުމަށް ތައްޔާރު ވެއްޖެ އެވެ.

ސޮނޭވާ އިން ކުރި އިއުލާންގައި ބުނީ އެ ކުންފުނިން ސީ ޕްލޭން ގެންނަނީ ކެނެޑާގެ އިހާނާ ކުންފުނިން ކަމަށެވެ. އަދި ގެންނަ ސީ ޕްލޭން އަކީ 19 މީހުންގެ ޖާގަ ލިބޭ އުޅަނދެއް ކަމަށާއި، އެއިން 10 ސީޓަކީ ވީއައިޕީ ފަރާތްތަކަށް ހާއްސަ ކޮށްފައިވާ ސީޓްތަކެވެ. އަދި ރިސޯޓާއި އެއާޕޯޓަށް ދެކޮޅު ދަތުރުތަކުގެ އަގަކީ 1،100 ޑޮލަރެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބ. އަތޮޅު ސޮނޭވާ ފުށި އަދި ނ. އަތޮޅު ސޮނޭވާ ޖާނީ ދެމެދު ދަތުރުތައް ކުރަން ގެންނަ ސީ ޕްލޭން ވަނީ އެ ކުންފުނީގެ ދަނބު ކުލައިން ފަރުމާ ކޮށްފަ އެވެ. އެގޮތުން އެ އުޅަނދުގެ ބޭރުގައި ސޮނޭވާގެ ނަަން ޖަހާފައި ވާއިރު، އެތެރެއިން އަޅާފައިވާ ދޫލަ އާއި ސީޓު ދަނބު ކުލައިން ޖަރީ ކޮށްފައި ވެއެވެ.

ސޮނޭވާގެ އިސް އޮފިޝަލެއް ވިދާޅުވީ އެ ސީޕްލޭން ރާއްޖެއަށް ދަތުރުކޮށް ގެންނަން ހަމަޖެހިފައި ވަނީ ނޮވެމްބަރު 25 ވާ އާދިއްތަ ދުވަހު ކަމަށެވެ. އަދި އެ އެޅަނދު އޮޕަރޭޓް ކުރަން ހަމަ ޖެހިފައި ވަނީ ޑިސެމްބަރު މެދު ތެރޭގައި ކަމަށެވެ. އޭގެ އިތުރުން އޭނާ ވިދާޅުވީ ސީ ޕްލޭންތައް އޮޕަރޭޓް ކޮށް، މެއިންޓެއިން ކުރާނީ ރާއްޖޭގެ ލީޑިން ސީ ޕްލޭން އޮޕަރޭޓަރު، ޓްރާންސް މޯލްޑިވްސް އެއާވޭސް އިން ކަމަށެވެ.

ކެނެޑާއިން ރާއްޖެއަށް ގެންނަން ހަމަ ޖެހިފައިވާ ސީ ޕްލޭން އަކީ 'ޓްވިން އޮޓާ' މުރަކައިގެ އުޅަނދެކެވެ. އެގޮތުން އެ ސީޕްލޭން ފަރުމާ ކޮށްފައި ވަނީ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުން ކޮށްގެން އެެންމެ ރައްކާތެރިކަަމާ އެކު ދަތުރުތައް ކުރެވޭނެ ގޮތަށެވެ.

ސޮނޭވާ އިން ރާއްޖެއަށް ގެންނަ ސީ ޕްލޭން މިހާރު ވަނީ ރާއްޖެ ގެނައުމަށް ކެނެޑާއިން، ގްރީންލޭންޑަށް ދަތުރުކޮށް މިހާރު އައިސްލޭންޑް ގައެވެ. އަދި އެޔަށް ފަހު ޔޫރަޕް ގައުމުތަކުން، މެދުއިރުމަތީގެ މަގުން އަންނަން ހަމަޖެހިފައި ވަނީ ރާއްޖެއަށެވެ.