22 ނޮވެމްބަރ 2018 - 14:18

އެމެރިކާގެ ކާރު އުފައްދާ ކުންފުންޏެއް ކަމަށްވާ ޓެސްލާ އިން ޗައިނާގައި ވިއްކާ ކާރުގެ އަގުތައް އަގުހެޔޮ ކޮށްފި އެވެ.
ޓެސްލާގެ ކާރު މޮޑެލް އެކްސް އާއި އެސް އިން އަގު ކުޑަ ކުރަން ނިންމީ އެމެރިކާ އާއި ޗާއިނާއާ ދެމެދު ހިނގަމުންދާ ވިޔަފާރީގެ ހަނގުރާމަ އިންތިހާ އަށް ބޮޑުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.
އިލެކްޓްރިކް ކާރު އުފައްދާ ބިލިއަނަރު އަދި ޓެސްލާގެ ސީއީއޯ އިލޯން މަސްކް ވިދާޅުވީ، ޗާއިނާގައި ވިއްކާ ޓެސްލާ ކާރުން 12 ޕަސެންޓާއި 26 ޕަސެންޓާ ދެމެދުގެ އަގު ހެޔޮވުމެއް އަންނާނެ ކަމަށެވެ. ޗައިނާ މާކެޓަށް ހާއްސަކޮށްގެން އަގު ހެޔޮކޮށްފައި ވަނީ މިހާރަށްވުރެ ފަސޭހަ އިން މީހުންނަށް ކާރު ގަނެވޭނެ ގޮތްތަކެއް ފަހި ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ޗައިނާ އަކީ ދުނިޔޭގެ އޮޓޯ އިންޑަސްޓްރީގައި މިހާރު އެންމެ ކުރި އަހަރަމުން އަންނަ މާކެޓެވެ. އެއް ދުވަހުން އަނެއް ދުވަހަށް ޗައިނާގައި، ދުނިޔޭގެ އެންމެ މަތީ ބްރޭންޑްތަކުގެ ކާރު ގަންނަ މިންވަރު ދަނީ އިތުރުވަމުންނެވެ.
ޗައިނާ އިން ޓެރިފްގެ އަގު ބޮޑު ކުރުމާ ގުޅިގެން މި އަހަރުގެ ޖުލައި މަހު ޓެސްލާ އިން ވަނީ ކާރުގެ އަގުތައް 20 ޕަސެންޓަށް ބޮޑުކޮށްފަ އެވެ.
މިދިޔަ މަހު ޓެސްލާ އިން ވަނީ ޗައިނާ އަށް އެތެރެކުރާ ކާރުން ނަގާ ޓެރިފް ބޮޑު ކުރުމުގެ ސަބަބުން ޗާއިނާގައި އެ ބްރޭންޑްގެ ކާރު ވިއްކުމަށް ބޮޑެތި ހުރަސްތަކާ ކުރިމަތިވާ ކަމަށް ބުނެފަ އެވެ.
ޗައިނާ ސަރުކާރުން ޓެކްސް ބޮޑުކުރުމުގެ ސަބަބުން ޝަންހާއީގައި ގާއިމްކޮށްފައިވާ ޓެސްލާގެ ކާރު ފެކްޓްރީގައި އުފައްދާ ކާރުގެ އަދަދު އިތުރުކުރުމަށް ޓެސްލާ އަށް ވަނީ މަޖުބޫރުވެފަ އެވެ. ޓެސްލާ އިން ވަނީ އެކުންފުނިން އެންމެ ފަހުން އުފައްދާފައިވާ މޮޑެލް 3 ގެ ކާރު ޗައިނާގައި ވިއްކަން ފަށައިފަ އެވެ. މޮޑެލް 3 ގެ ކާރުގެ އަގަކީ 77،000 އެމެރިކާ ޑޮލަރެވެ.
ޓެސްލާ އިން ކާރުގެ އަގުތައް ކުޑަކޮށްފައިވާ އިރު ޗައިނާ އިން ވެސް ވަނީ އެމެރިކާ އިން އެތެރެކުރާ އިންޖީނުލީ އުޅަނދު ފަހަރުން ނަގާ ޓެކްސް ކުޑަ ކުރުމަށް ނިންމައިފަ އެވެ.
ދުނިޔޭގެ އެންމެ ބޮޑު ދެ އިގްތިސާދުގެ މެދުގައި ހިނގަމުންދާ ވިޔަފާރީގެ އަރައިރުމުގައި ދެ ގައުމުން ވެސް އެކި ފަހަރު މަތިން ވަނީ އެކި މުދަލުން ނަގާ ޓެރިފް ވަނީ ބޮޑުކޮށްފަ އެވެ. އެމެރިކާ އިން ވަނީ ޗައިނާ އިން އެތެރެކުރާ 250 ބިލިއަން ޑޮލަރުގެ އަގަށް ވާ މުދަލުން ޓެކްސް ބޮޑުކޮށްފަ އެވެ.