16 އޯގަސްޓް 2016 - 09:18

ލަންޑަން (އޮގަސްޓް 16) - ޑިއޭގޯ ކޮސްޓާ ފަހު ވަގުތު ޖެހި ލަނޑުން 2-1 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށް އެންޓޯނިއޯ ކޮންޓޭގެ ކޯޗުކަމުގައި ޗެލްސީ އިނގިރޭސި ޕްރިމިއާ ލީގުގައި ފުރަތަމަ މޮޅު ހޯދައިފި އެވެ.
މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމަށް ވެސް މާ ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކުރެވިފައެއް ނުވެ އެވެ. މެޗުގައި ފެނިގެންދިޔަ ތިން ލަނޑު ވެސް ޖެހީ ދެ ވަނަ ހާފްގަ އެވެ.
ޗެލްސީން ލީޑު ނެގީ މެޗުގެ 47 ވަނަ މިނިޓްގައި އެޑެން ހަޒާޑް ޖެހި ޕެނަލްޓީންނެވެ. މި ޕެނަލްޓީ އަކީ ވެސްޓް ހޭމްގެ އޭރިއާ ތެރެއިން އެ ޓީމުގެ މިކެލް އެންޓޯނިއޯ ޗެލްސީގެ ސެސާ އަޒްޕިލިކުއޭޓާ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.
ވެސްޓް ހޭމް އަށް މެޗުގެ 77 ވަނަ މިނިޓްގައި އެއްވަރުކޮށްދިނީ ޖޭމްސް ކޮލިންސް އެވެ. މެޗު ނިމެން ދެ މިނިޓަށް ވެފައިވަނިކޮށް ޗެލްސީ މޮޅުކޮށްދިން ލަނޑު ކާމިޔާބުކުރީ ޑިއޭގޯ ކޮސްޓާ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މިޝީ ބަޓްޝުއާޔީ ބޮލުން ޖައްސާލި ބޯޅަ އޭރިއާ ބޭރުން ކޮންޓްރޯލް ކޮށްލުމަށް ފަހު ކޮސްޓާ ވަނީ ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.
ކޮންޓޭ ބުނީ ސީޒަންގެ ފުރަތަމަ މެޗު ކަމަށް ވުމުން ޓީމުން މާ ބޮޑު ތަފާތުތަކެއް ނުފެނުނު ކަަމަށާއި ކުރިއަށް ހުރި މެޗުތަކުގައި އެ ޓީމުގެ ކުޅުން މި އަށް ވުރެ ރަނގަޅުވާނެ ކަމަށެވެ.
ރޭގެ މެޗުގެ ފަހު ވަގުތު ކޮސްޓާ އަށް ރީނދޫ ކާޑު ދައްކާފައިވަނިކޮށް އޭނާ ވަނީ ވެސްޓް ހޭމް ކީޕަރު އެޑްރިއާން އަށް ފައުލުކޮށްފަ އެވެ. އެހެން ނަމަވެސް ރެފްރީ ވަނީ އެ ފައުލަށް ކޮސްޓާ އަށް ރީނދޫ ކާޑު ނުދައްކަން ނިންމައިފަ އެވެ.
ވެސްޓް ހޭމްގެ ކޯޗު ސްލަވެން ބިލިޗް ވަނީ ރެފްރީގެ މި ނިންމުން އިންސާފުވެރި ނޫން ކަމަށް ބުނެފަ އެވެ.
"އެއީ ގަސްދުގައި ކުރި ފައުލެއް ނޫން. އެކަމަކު އެ ބޯޅަ ހޯދަން ކޮސްޓާ އެ ވަނީ އެޑްރިއާން އަށް ފައުލްކޮށްފައި. އެއީ ކާޑު ދައްކަން ޖެހޭ ފައުލެއް،" ކުރިން ވެސްޓް ހޭމް އަށް ކުޅުނު ބިލިޗް ބުންޏެވެ.
ބިލިޗް ބުނީ އޭނާގެ ޓީމުގެ ފަރާތުން މިދިޔަ ސީޒަނުގައި ފެނުނު ފަދަ ހިތްވަރުގަދަ ކުޅުމެއް ރޭގެ މެޗުގައި ނުފެންނަ ކަމަށާއި ޗެލްސީ އަށް މޮޅެއް ހައްގުވާ ކަމަށެވެ.