ފީފާގެ ރައީސް އިންފަންޓީނޯގެ މައްޗަށް ތުހުމަތުތަކެއް
ފީފާގެ ރައީސް އިންފަންޓީނޯގެ މައްޗަށް ތުހުމަތުތަކެއް

ޒިއުރިކް (ނޮވެމްބަރު 22) - އުސޫލުން ބޭރުން ސްވިޒަލެންޑުގެ އެޓާނީ ޖެނެރަލް މިކައެލް ލައުބާއާ ގުޅުންތަކެއް ބާއްވަމުން އަންނަ ކަމަށް ބުނެ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ މައްޗަށް ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ ތުހުމަތުތަކެއް ކުރައްވައިފި އެވެ.

ފީފާގެ ރައީސް އިންފަންޓީނޯގެ މައްޗަށް ތުހުމަތުތަކެއް
ފީފާގެ ރައީސް އިންފަންޓީނޯގެ މައްޗަށް ތުހުމަތުތަކެއް

ނޫސްވެރިން ކުރި ސުވާލުތަކަކަށް ޖަވާބު ދެމުން އިއްޔެ ލައުބާ ވިދާޅުވީ އޭނާއާ އިންފަންޓީނޯއާ ދެމެދު އަބަދުވެސް ހާއްސަ ގުޅުމެއް އޮންނަ ކަމަށާއި ބައްދަލުކުރަނީ އަމިއްލަ ކަންތައްތަކެއް މަޝްވަރާކުރުމުގެ ގޮތުން ކަމަށެވެ.

ލީކުވެފައިވާ ލިޔެކިއުންތަކުގައިވާ ގޮތުން ފީފާގެ ކުރީގެ ރައީސް ބްލެޓާ އާއި އޭނާގެ އޮފިޝަލުންގެ މައްޗަށް ހިންގި ތަހުގީގުގެ މައުލޫމާތު ހޯދުމަށް އިންފަންޓީނޯ ވަނީ ލައުބާ އަށް ހަދިޔާތަކެއް ދީފަ އެވެ. އޭގެ ތެރޭގައި ހަވާއީ އިން ދިން ލަގްޒަރީ ވިލާއެއް ވެސް ހިމެނޭ ކަމަށްވެ އެވެ.

ފީފާގެ ރައީސް ކަމަށް އިންފަންޓީނޯ 2016 ވަނަ އަހަރު އިންތިހާބުވުމުގެ ދެ މަސް ފަހުން އޭނާއާ ލައުބާގެ ގުޅުން ވަރަށް ގާތްވި އެވެ. ފީފާގެ ކުރީގެ ރައީސް ބްލެޓާ އާއި ޔުއެފާގެ ކުރީގެ ރައީސް މިޝެލް ޕްލެޓަނީ އަަށް ހަރުކަށި އަދަބު ދިނުމުގައި އިންފަންޓީނޯގެ އަތެއް ވާކަމަށް ބުނެ މީގެ ކުރިން ވެސް ވަނީ މީޑިއާގައި އަޑުފެތުރިފަ އެވެ.

ބްލެޓާ ދާދި ފަހުން އޭއެފްޕީ އަށް ދިން އިންޓަވިއުއެއްގައި ވަނީ އިންފަންޓީނޯގެ މައްސަލަ ފީފާ އެތިކްސް ކޮމިޓީން ބަލަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

"ފީފާ އެތިކްސް ކޮމިޓީން އެބަޖެހޭ އިންފަންޓީނޯގެ މައްސަލަ ބަލަން. ފީފާ އިންތިހާބު ދުވަސްވަރުގައި ވެސް އިންފަންޓީނޯ ވަނީ އުސޫލުތަކާ ހިލާފުވެފައި. އޭގެ ފަހުން ވެސް އެ ގޮތަށް ކަންތައް ކުރަމުން އެ ދަނީ. އިންފަންޓީނޯ ވަނީ އަހަރެންގެ މައްސަލަ ތަހުގީގު ކުރަމުންދިޔައިރު އެޓާނީ ޖެނެރަލް ލައުބާއާ ތަކުރާރުކޮށް ބައްދަލުކޮށްފައި. މިއީ ބަލަން ޖެހޭ ކަންތައްތަކެއް،" ބްލެޓާ ވިދާޅުވި އެވެ.

ސްވިޒަލެންޑުގެ ލަގްޒަރީ ހޮޓަލެއްގައި 2015 ވަނަ އަހަރުގެ މެއި މަހު ހިންގި ރެއިޑެއްގައި ފީފާގެ ގިނަ އޮފިޝަލުންތަކެއް ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އޭގެ ފަހުން ސްވިޒަލެންޑުގެ ކޯޓުން މައްސަލަ ބެލުމަށް ފަހު ވަނީ ގިނަ ބަޔަަކަށް އަދަބު ދީފަ އެވެ. އޭގެ ތެރޭގައި ބްލެޓާ އާއި އިންފަންޓީނޯގެ އިތުރުން ޔުއެފާގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ޖެރޯމް ވަލްކޭ ހިމެނެ އެވެ.

ބްލެޓާގެ މައްޗަށް ކޮރަޕްޝަނުގެ މައްސަލަތަކެއް ސާބިތުވެ، އޭނާ ވަނީ 2015 ވަނަ އަހަރުން ފެށިގެން އަށް އަަހަރަށް ފުޓްބޯޅައިން ސަސްޕެންޑްކޮށްފަ އެވެ. އަދި ފަހުން އެ ސަސްޕެންޝަނަށް ވަނީ ލުޔެއްދީ ހަ އަހަރަށް ކުޑަކޮށްފަ އެވެ. ފީފާގެ ރައީސްގެ މަގާމަށް އިންފަންޓީނޯ އިންތިހާބުވެވަޑައިގަތީ ބްލެޓާ އިސްތިއުފާ ދެއްވުމުން 2016 ވަނަ އަހަރު ބޭއްވި އިންތިހާބު ކާމިޔާބުކުރައްވައިގެންނެވެ.

ރިޕޯޓްތައް ބުނާގޮތުން އިންފަންޓީނޯ އަށް ބްލެޓާ ފާޑުވިދާޅުވަން ފެއްޓެވީ އަންނަ އަހަރު އޮންނަ އިންތިހާބު އިންފަންޓީނޯ އަށް ކާމިޔާބުވިޔަ ނުދިނުމުގެ ގޮތުންނެވެ.