22 ނޮވެމްބަރ 2018 - 11:08

މި އަހަރުގެ މިހާތަނަށް މިފްކޯ އިން 800 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް މިފްކޯ އިން ބުނެފި އެވެ.
މިފްކޯ ހިންގުމާ ހަވާލުވެ ހުންނެވި ރަމްޒީ އަބޫބަކުރު ވިދާޅުވީ، މަސްވެރިންނަށް މިލިއަނުން ފައިސާ ދޫކޮށްފައިވާ އިރު އަދިވެސް 20 މިލިއަން ރުފިޔާ މަސްވެރިންނަށް ދޭންޖެހިފައިވާ ކަމަށެވެ. އެއީ ފާއިތުވެ ދިޔަ ދެ ހަފްތާގައި މަސްވެރިން ކިރާފައިވާ މަހުގެ އަގު ކަމަށް އޭނާ ވިދާޅުވި އެވެ.
"މިދުވަސްވަރު މަސްވެރިކަން ވަރަށް ރަނގަޅު. މިއީ މި އަހަރު މަސްވެރިކަން އެންމެ ރަނގަޅު އެއް ދުވަސްވަރު. ރޭ އެކަނި ވެސް 400 ޓަނުގެ މަސް ވަނީ ކިރުވާފައި،" ރަމްޒީ ވިދާޅުވި އެވެ.
މިދިޔަ މަހު މަސްވެރިންގެ އަތުން ކްރެޑިޓަށް މަސް ކިރުވުމަށް ފަހު ފައިސާ ނުލިބުމާ ގުޅިގެން ގިނަ މަސްވެރިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ މަހު ހުރިހާ ޕެންޑިން ބިލްތަކަށް ފައިސާ ދައްކާ ނިމިފައިވާ ކަމަށް މިފްކޯ އިން ބުނެ އެވެ. އެގޮތުން 15 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މިފްކޯގެ ދަރަނި ބޮޑުވެ، ކުންފުނި ބަނގުރޫޓުވުމުން 2016 ވަނަ އަހަރު އެސްޓީއޯގެ ދަށަށް އެ ކުންފުނި ބަދަލުކުރި އެވެ.
މިފްކޯގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި މި ފާއިތުވެ ދިޔަ ފަސް އަހަރު އޭރުގެ ސަރުކާރުން 621.4 މިލިއަން ރުފިޔާ ވަނީ ދީފަ އެވެ.