22 ނޮވެމްބަރ 2018 - 12:32

ރިޔާޒް (ނޮވެމްބަރު 22) - ސައުދީ ވަލީ އަހުދުގެ މަގާމުން މުހައްމަދު ބިން ސަލްމާން ވަކި ކުރަން ގޮވާލުމަކީ "ރަތް ރޮނގެއް" ކަމަށް ސައުދީ ޚާރިޖީ ވަޒީރު އާދިލް އަލް ޖުބައިރު ވިދާޅުވެއްޖެ އެވެ.
ބީބީސީ އަށް ދެއްވި އިންޓަވިއުއެއްގައި ޖުބައިރު މި މޭރުމުން ވާހަކަ ދައްކަވާފައި ވަނީ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ މަރުގެ މައްސަލާގައި ވަލީ އަހުދަށް ތުހުމަތުތަކެއް ކުރަމުންދާ ދުވަސްވަރެއްގަ އެވެ. އަދި އެމެރިކާގެ ކޮންގްރެސް އިން ވަނީ ޚާޝުގްޖީގެ މަރާއި ވަލީ އަހުދާ ގުޅުމެއް ހުރިތޯ ބަލަން ތަހުގީގެއް ފަށަން ގޮވާލައިފަ އެވެ. ނަމަވެސް ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ސައުދީއާ އެކު އޮތް ގުޅުން ދިފާއު ކުރައްވައި ވާހަކަ ދައްކަވައިފަ އެވެ.
ސައުދީ ޚާރިޖީ ވަޒީރު ވިދާޅުވީ އެ ގައުމުގެ ލީޑަޝިޕަކީ ރަތް ރޮނގެއް ކަމަށެވެ.
"ދެ ހަރަމްގެ ޚާދިމް، ރަސްގެފާން ސަލްމާން އާއި ވަލީ އަހުދު މުހައްމަދު (ބިން ސަލްމާން) އަކީ ރަތް ރޮނގެއް. ސައުދީގެ ކޮންމެ ރައްޔިތެއް އެ މީހުން ތަމްސީލް ކުރާނެ. އަދި އެ މީހުން ސައުދީގެ ކޮންމެ ރައްޔިތެއް ތަމްސީލް ކުރާނެ. އެހެންވެ ރަސްގެފާނާއި ވަލީ އަހުދަށް އިހްތިރާމް ކުޑަވާނެ ކަމަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަކީ ވާނެ ކަމެއް ނޫން،" އަލް ޖުބައިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޚާޝުގްޖީގެ މަރާއި ވަލީ އަހުދާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި އެ މަރުގެ ތަހުގީގު މިހާރު ކުރިއަށްދާ ކަމަށާއި އެކަމުގައި ބައިވެރިވާ މީހުންނަށް އަދަބު ދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.