"ދަބަންގް 3" ގެ ބަތަލާ އަދިވެސް ޔަގީނެއް ނޫން
"ދަބަންގް 3" ގެ ބަތަލާ އަދިވެސް ޔަގީނެއް ނޫން

"ދަބަންގް 3" ގައި ސޮނާކްޝީ ސިންހާ ބައިވެރިވާނެ ކަމަށް ފިލްމުގެ ޕްރޮޑިއުސަރު/ޑައިރެކްޓަރު އަރްބާޒް ޚާން ބުނެފައި ވިޔަސް އޭނާ އެ ފިލްމުގައި ބައިވެރިވާނެ ކަމާ މެދު އަދިވެސް ޝައްކުތަކެއް އެބަހުއްޓެވެ.
ސޮނާކްޝީ ފިލްމީ ދުނިޔެއަށް ތައާރަފްވީ "ދަބަންގް" އިންނެވެ. އަދި "ދަބަންގް 2" ގައި ވެސް ސަލްމާނާ އެކު އޭނާ ބައިވެރިވި އެވެ.

އިންޑިއާ ނޫހެއްކަމަށްވާ ޑީއެންއޭ އިން ބުނާ ގޮތުގައި ސޮނާކްޝީގެ ބަދަލުގައި ފިލްމަށް މުޅިން އާ ބަތަލާއެއް ހަމަޖައްސަން އަރްބާޒާއި ސަލްމާން މިހާރު ދަނީ ވިސްނަމުންނެވެ.

ސޮނާކްޝީ އަކީ ސަލްމާންގެ އެންމެ ފޭވަރިޓް ބަތަލާއިންގެ ތެރޭގައި ހިމެނޭ އެކްޓަރެކެވެ. އެހެންކަމުން ކުއްލިއަކަށް ސަލްމާން އޭނާއާ ހިތްހަމަނުޖެހުނީ ކީއްވެތޯ ވަނީ ސުވާލު އުފެދިފަ އެވެ.

ސަލްމާން ޕްރޮޑިއުސްކުރި "ޑޮލީ ކީ ޑޯލީ" ގެ ބަތަލާއަކަށް އެމީހުން ބޭނުންވީ ސޮނާކްޝީ އެވެ. ނަމަވެސް އޭނާ އެއްބަސް ނުވުމުގެ ސަބަބުން ފިލްމު ސޯނަމް ކަޕޫރަށް ދިނީ އެވެ. އިއްތިފާގުން ފިލްމަކީ ބޮކްސް އޮފީހުގައި ރަނގަޅަށް ހިނގި ފިލްމަކަށް ވެސް ވި އެވެ. "ޑޮލީ ކީ ޑޯލީ" ކުޅެން އިންކާރުކުރުމަށް ފަހު ސޮނާކްޝީ ކުޅުނީ "އާރް.ރާޖްކުމާރު" އެވެ. މި ފިލްމު ވީ ފްލޮޕެވެ. މިކަމާ ސަލްމާން ސޮނާކްޝީ ދެކެ ރުޅިއައިސް ދެން ދުވަހަކު ވެސް އޭނާއާ އެކު ފިލްމު ނުކުޅެން ވަނީ ނިންމާފަ އެވެ. ސަލްމާން މީހަކު ދެކެ ރުޅިއައިސްފި ނަމަ ދެން އެމީހަކާ އެކު މަސައްކަތެއް ނުކުރެ އެވެ. އަދި ޒާތީ ގޮތުން އެމީހަކާ ޖައްސާލަ އެވެ.

ސަލްމާން ރުޅި އަންނަ މީހުންގެ ލިސްޓުގައި އަރިޖީތު ސިންގް ފަދަ ވަރަށް ގިނަ ފަންނާނުން މިހާރު އެބަތިއްބެވެ. ބެލެވޭ ގޮތުން ސޮނާކްޝީ ވެސް މިހާރު ވަނީ އެ ލިސްޓުގައި ހިމެނިފަ އެވެ.

ފްރެންޗައިސްތަކުން ބަތަލާއިން ބަދަލުކުރުމަކީ އާ ކަމެއް ނޫނެވެ. "މުންނާބާއީ" ގެ ފުރަތަމަ ފިލްމުގައި ގްރޭސީ ސިންގް ބަތަލާގެ ރޯލު ކުޅެފައިވީ ނަމަވެސް ދެ ވަނަ ބައިގައި ބަތަލާގެ ބައި ކުޅުނީ ވިދްޔާ ބާލަން އެވެ. "ރޭސް"ގެ ފުރަތަމަ ބައިގެ ބަތަލާ އަކީ ކެޓުރީނާ ކައިފް އާއި ބިޕާޝާ ބާސޫ ނަމަވެސް ދެ ވަނަ ބައިގައި ބަތަލާގެ ބައި ކުޅުނީ ދީޕިކާ ޕަދުކޯން އާއި ޖެކްލީން ފެނާންޑިސް އެވެ. "ދޫމް" ސިލްސިލާގެ ކޮންމެ ފިލްމެއްގައި ވެސް އުޅެނީ މުޅިން ތަފާތު ބަތަލާ އެކެވެ.

އެހެންކަމުން "ދަބަންގް 3"ގައި މުޅީން އާ ބަތަލާއެއް އުޅުމަކީ މާ ބޮޑު މައްސަލައެއް ނޫންކަމަށް ފިލްމު އިންޑަސްޓްރީގެ މީހުން ގަބޫލު ކުރެ އެވެ.