21 ނޮވެމްބަރ 2018 - 23:38

ޑިފެންސް މިނިސްޓަރުގެ ހައިސިއްޔަތުން އެކަމަނާގެ ވާޖިބަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ސިފައިން ބޯލަނބާތޯ ބެލުން ކަމަށް މާރިޔާ އަހުމަދު ދީދީ މިރޭ ވިދާޅުވެއްޖެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ރައީސްކަމާ ހަވާލުވެވަޑައިގެންނެވި އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރަކަށް އައްޔަން ކުރެއްވި ފަހުން ފުރަތަމަ ފަހަރަށް ސިފައިންނާ ބައްދަލުކުރައްވައި، މާރިޔާ ވިދާޅުވީ ސިޔާސީ މީހަކަށް ސިފައިންނާ ހަވާލުވެ މަސައްކަތް ކުރެއްވޭނެތޯ ބައެއް މީހުން ސުވާލު ކުރަމުންދާ ކަމަށެވެ.
"އަޅުގަނޑު މި އައީ ތިޔަ ބޭފުޅުންނަށް ބަޑި ޖަހާނެ ގޮތް ދަސްކޮށްދޭކަށް ނޫން. އަޅުގަނޑި މި އައީ ތިޔަ ބޭފުޅުންގެ ސަފުތައް އަތުރުއްވާނެ ގޮތް ކިޔައިދޭކަށް ނޫން. އަޅުގަނޑު މި އައީ ތިޔަ ބޭފުޅުން މަސައްކަތް ކުރައްވަނީ ގާނޫނުއަސާސީން ތިޔަ ބޭފުޅުންނަށް މަތި ކުރާ ގޮތަށް ތޯ ބަލައި ގާނޫނުގެ ތެރޭގައި ތިޔަ ބޭފުޅުންގެ އަމަލުތައް ބަހައްޓަން ހަނދުމަކޮށްދީ ތިޔަ ބޭފުޅުންނާ އެކު އެ ކަންތައް ކުރުމަށް،" ރާއްޖޭގެ ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.
ޑިފެންސް މިނިސްޓަރުގެ ހައިސިއްޔަތުން ދުވަހުން ދުވަހަށް ވެސް ކުރައްވާނެ މަސައްކަތަކީ ސިފައިން ގާނޫނާ އެއްގޮތަށް އަމަލު ކުރޭތޯ ބެއްލެވުން ކަމަށް މާރިޔާ ވިދާޅުވި އެވެ.
"ދުވަހުން ދުވަހަށް ތި ހުރިހާ ބޭފުޅުންގެ އަމަލުތައް ބަހައްޓަވަނީ ގާނޫނުގެ އިމުގެ ތެރޭގައިތޯ ބަލައި އަދި ރައްޔިތުންގެ މަޖިލީހަށް މިކަމާ ބެހޭ ގޮތުން ޖަވާބުދާރީ ވުމުގެ މަސްއޫލިއްޔަތު އަޅުގަނޑާ ހަވާލުވެފަ ވަނީ. އެއީ އަޅުގަނޑު ދުވަހުން ދުވަހުން ކުރަން ޖެހޭ ކަމަކީ،" ޑިފެންސް މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމަށް ހަމައަށް މައްޗަންގޮޅި އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރުކަން ކުރައްވަމުން ގެންދެވި މާރިޔާ ވިދާޅުވި އެވެ.
ސިފައިންނަކީ ރައްޔިތުންގެ ލޯތްބާއި އިހްތިރާމް ލިބިފައިވާ ބަޔަކަށް ވުމަށް މަސައްކަތް ކުރުމަށް ވެސް މާރިޔާ ވަނީ ގޮވާލައްވައިފަ އެވެ. އަދި ސަރުކާރުން އެކަމަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސަރުކާރަކަށް ކޮށްދެވޭނެ ކަމަކީ ގާނޫނީ ބާރުވެރިކަން ދިނުން. ސަރުކާރަކަށް ކޮށްދެވޭނެ ކަމަކީ ވަސީލަތްތައް ހޯދައިދިނުން. ތިޔަ ބޭފުޅުންގެ އަމަލުތައް ބަހައްޓަވާ ގޮތަކުން އިހްތިރާމާއި ރައްޔިތުންގެ ލޯބި ވެސް ލިބޭނެ. ރައްޔިތުންގެ އިތުބާރު ވެސް ލިބޭނެ،" ގާނޫނީ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ މާރިޔާ ވިދާޅުވި އެވެ.
ގާނޫނާ ހިލާފަށް ނުވަތަ ގޯސްކޮށް ސިފައިންގެ މީހަކު އަމަލުކޮށްފި ނަމަ އެކަން ރައްޔިތުންނަށް އެނގޭނެ ކަމަށާއި އޭގެ ސަބަބުން މުޅި ސިފައިންގެ އަގު ވެއްޓޭނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.
"ކޮންމެ ރައްޔިތަކީ ރިޕޯޓަރެއް. ކޮންމެ މީހެއްގެ އަތުގަައި އޮންނަ ފޯނުން ފޮޓޯ ނެގޭނެ،" މާރިޔާ ވިދާޅުވި އެވެ.
އޭގެ އިތުރުން މާރިޔާ ވަނީ ސިފައިން އެމީހުންގެ ހުވާ މަތީ ދެމިތިބުމަށް ގޮވާލައްވައިފަ އެވެ.
"[ހުވާގައިވާ ގޮތުގެ މަތިން] ސަލާމަތް ކުރަން ޖެހެނީ އިސްލާމް ދީނާއި ދިވެހިރާއްޖެ. ދުޝްމަނުންނާއި ބަގާވާތްތެރިންގެ ކިބައިން ދިވެހި ދައުލަތް ސަލާމަތް ކުރަން މި ޖެހެނީ،" އޭނާ ވިދާޅުވި އެވެ.