ކޮންމެ އެސޯސިއޭޝަނަކަށް މަދުވެގެން ފަސް ލައްކަ ރުފިޔާ ދޭން ނިންމައިފި!
ކޮންމެ އެސޯސިއޭޝަނަކަށް މަދުވެގެން ފަސް ލައްކަ ރުފިޔާ ދޭން ނިންމައިފި!

ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށް ކޮންމެ އަހަރަކު ވެސް މަދުވެގެން 500،000 ރުފިޔާގެ ބަޖެޓެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވި ނިންމުމަށް ކުޅިވަރުގެ ގައުމީ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

ކޮންމެ އެސޯސިއޭޝަނަކަށް މަދުވެގެން ފަސް ލައްކަ ރުފިޔާ ދޭން ނިންމައިފި!
ކޮންމެ އެސޯސިއޭޝަނަކަށް މަދުވެގެން ފަސް ލައްކަ ރުފިޔާ ދޭން ނިންމައިފި!

އާ ސަރުކާރުން ފުރަތަމަ 90 ދުވަހުގެ ތެރޭގައި ފުއްދާނެ ކަމަށް އިއުލާންކުރި މި ވައުދު، ވެރިކަމާ ހަވާލުވިތާ ހަތަރު ވަނަ ދުވަހު ފުއްދިކަން ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު ވަނީ ދެންމެ އިއުލާންކުރައްވައިފަ އެވެ.

ކޮންމެ އެސޯސިއޭޝަނަކަށް މަދުވެގެން ފަސް ލައްކަ ރުފިޔާ ދޭން ނިންމައިފި!
ކޮންމެ އެސޯސިއޭޝަނަކަށް މަދުވެގެން ފަސް ލައްކަ ރުފިޔާ ދޭން ނިންމައިފި!

"(އެކަން) ބަޖެޓްކޮށް އަދި ރައީސްގެ އެދިވަޑައިގަތުމާ އެއްގޮތަށް ސްޕޯޓްސް ކައުންސިލުން މިއަދު ވަނީ ފާސްކޮށްފައި،" މަހުލޫފް ވިދާޅުވި އެވެ.

ރާއްޖޭގެ ބައެއް ކުޅިވަރު އެސޯސިއޭޝަންތަކަށް މިހާރު ވެސް 500،000 ރުފިޔާ އަށް ވުރެ ބޮޑު ބަޖެޓެއް ލިބެ އެވެ. އެކަމަކު ކޮންމެ އެސޯސިއޭޝަނަކަށް ވެސް ލިބޭނެ އެންމެ ކުޑަ މިންވަރު ކަނޑައެޅުމުން ކުދި އެސޯސިއޭޝަންތަކަށް ވަރަށް ބޮޑު ފައިދާއެއްކުރާނެ އެވެ. ހާއްސަކޮށް ލައްކައެއްހާ ރުފިޔާ އިން ފެށިގެން ދެ ލައްކައެއްހާ ރުފިޔާ ލިބޭ އެސޯސިއޭޝަންތަކަށް މިއީ ވަރަށް ބޮޑު އެހީއެކެވެ.

ކުޅިވަރުގެ ގައުމީ މަޖިލީހުގެ މެމްބަރު ފަރުހަތު ޖަލީލް "މިހާރަ"ށް ވިދާޅުވީ ރައީސްގެ އެ ނިންމެވުމަށް އެ ކައުންސިލުން ރުހުން ދިނީ މިއީ ކުޅިވަރަށް ލިބިގެންދާނެ ކުރިއެރެރުމެއް ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ. އޭނާ ވިދާޅުވީ މިހާތަނަށް އެސޯސިއޭޝަންތަކަށް ބަޖެޓް އެލޮކޭޓްކުރަމުން އައީ އެ އެސޯސިއޭޝަނުން ހިންގާ ހަރަކާތްތަކާއި އިދާރީ ގޮތުން ކުރާ މަސައްކަތް އިވެލުއޭޓްކޮށްގެން ކަމަށެވެ.

"އެގޮތުން ބަލާއިރު ވަރަށް ކުޑަ އަދަދެއް ލިބޭ އެސޯސިއޭޝަންތައް ވެސް އެބަހުރި. އަންނަ އަހަރުން ފެށިގެން ކޮންމެ އެސޯސިއޭޝަނަކަށް ވެސް މަދުވެގެން ފަސް ލައްކަ ރުފިޔާ ލިބޭ ގޮތް ވުމަކީ ވަރަށް ބޮޑު ލުޔަކަށް ވެގެންދާނެ އެ އެސޯސިއޭޝަންތަކަށް،" ކްރިކެޓް ބޯޑުގެ ކުރީގެ ނައިބް ރައީސް ވިދާޅުވި އެވެ.

ޗެސް އެސޯސިއޭޝަނުގެ ކުރީގެ ރައީސް ނޫހު އަލީ ވިދާޅުވީ މިއަދު ފުރިހަމަ މިވީ ވަރަށް ދުވަސްވީ އުއްމީދެއް ކަމަށާއި މިފަދަ ކަމަކަށް އެދިގެން ތިބޭތާ ގިނަ ދުވަސްތަކެއްވެޖެ ކަމަށެވެ.

"މީގެ ސަބަބުން ވަރަށް ގިނަ ޕްރޮގްރާމްތަކެއް އިތުރަށް ހިންގޭނެ. މިހާރު ވެސް މިނިސްޓްރީގައި އެދުމުން ބޭރަށް ދިއުމަށް ވެސް އެހީވެދޭ. އެކަން ފާހަގަކުރަން. އެކަމަކު އާ ސަރުކާރުން ކޮންމެ އެސޯސިއޭޝަނަކަށް ވެސް މަދުވެގެން މިވަރުގެ އަދަދެއް ދިނުމުން ވަރަށް ބޮޑު ތަނެއް އިތުރުވެގެން މިދިޔައީ. މިހާރު އަމިއްލަ ޖީބުންނާއި ދަރަނިވެރިގެން ކަންކަން ކުރުމަށް ހުއްޓުމެއް އަންނާނެ ކަމަށް ގަބޫލުކުރަނީ،" ނޫހު ވިދާޅުވި އެވެ.

ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަހުމަދު އިސްމާއިލް ވިދާޅުވީ މިއީ ކުދި އެސޯސިއޭޝަންތަކަށް ލިބިގެން ދިޔަ އުފާވެރިކަމެއް ކަމަށާއި މީގެ ސަބަބުން ހުރިހާ އެސޯސިއޭޝަންތަކެއްގެ ޖުމްލަ ބަޖެޓް މަތިވެގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

އާ ސަރުކާރުން ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމި އެހެން ކަމުގެ ތެރޭގައި އޮލިމްޕިކް ސައިޒުގެ ސްވިމިން ޕޫލް ކޮމްޕެލްސްއެއް މާލެ ސަރަހައްދުގައި އެޅުމާއި ގައުމީ ޓީމުތަކުގެ މުސާރައިގެ ފަރަގުތައް ނައްތާލުން ހިމެނެ އެވެ. މާނައަކީ ފިރިހެން ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނާއި އަންހެން ފުޓްބޯޅަ ކުޅުންތެރިންނަށް ވެސް އެއް މުސާރައެއް ލިބުނެވެ. އަދި ފުޓްބޯޅަ އާއި ވޮލީބޯޅަ ފަދަ ބޮޑެތި ކުޅިވަރުތަކުގެ ކުޅުންތެރިންނަށް ލިބޭ މުސާރަ ކުދި ސްކޭލްތަކުގެ ކުޅިވަރު ކުޅުންތެރިންނަށް ވެސް ލިބުމެވެ.

މީގެ އިތުރުން މުޅި ރާއްޖޭގައި ކުޅިވަރު އޯޑިޓެއް ހެދުމާއި މޫދު ކުޅިވަރުގެ ކޮންވެންޝަނެއް ބޭއްވުން ހިމެނެ އެވެ. އެމްޑީޕީގެ ބޮޑު އިންސައްތައެއް އޮވެގެން އުފެއްދި ސަރުކާރުން ރާއްޖޭގައި މޫދު ކުޅިވަރު އާލާކުރަން ބޮޑު މަސައްކަތެއް ފެށިއިރު އެ ޕާޓީގެ ސަރުކާރުން 2010 ވަނަ ރާއްޖޭގައި ބައިނަލްއަގްވާމީ ބީޗް ގޭމްސް ބާއްވަން ރާވައި މަސައްކަތް ވެސް ފެށި އެވެ.

އާ ސަރުކާރުގެ ކުޅިވަރު ވައުދުތަކުގެ ތެރޭގައި ޕްރޮފެޝަނަލް އެތުލީޓުންގެ އިތުރުން އާއްމުންނާ ގުޅޭ ކަންކަން ހިމެނެ އެވެ. އޭގެ ތެރޭގައި ކުޅިވަރާއި ކަސްރަތަށް އަހުލުވެރިކުރުވުމަށާއި ރޫފަ ރަނގަޅު މުޖުތަމައުއެއް ބިނާކުރުމަށް ކޮންމެ ރަށެއްގައި ހުނަރު ލިބިފައިވާ ސްޕޯޓްސް ކައުންސިލަރެއް ހަމަޖައްސަން ވަނީ ވައުދުވެފަ އެވެ. މީގެ އިތުރުން ދުޅަހެޔޮ ހަށިހެޔޮ އީދު މުޅި ރާއްޖޭގައި ބާއްވަން ވަނީ ރާވައިފަ އެވެ. އެއީ ކުޅިވަރު އެސޯސިއޭޝަންތަކާ ގުޅިގެން އާއްމުންނަށް ބައިވެރިވެވޭ ގޮތަށް ބާއްވާ ކުޅިވަރު ހަރަކާތްތަކެވެ.