21 ނޮވެމްބަރ 2018 - 17:15

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ވިކްޓްރީ އާއި އީގަލްސް ކުޅެން އޮތް މެޗަށް ވިކްޓްރީން ހާޒިރުނުވުމުން މެޗު ކެންސަލްވެއްޖެ އެވެ.
މީގެ ކުރިން މި މުބާރާތުގައި ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅެން ވެސް ވިކްޓްރީން ހާޒިރުނުވުމުން ކެންސަލްވި އެވެ. އިދިކޮޅު ޓީމުގެ މައްސަލައަކާ ގުޅިގެން މެޗު ކުރިއަށް ނުގެންދެވުމުން މި މެޗުން އީގަލްސް މޮޅުވީ ކަމަށް ބަލައި ފައިދާ ދެ ގޯލް ވަނީ ލިބިފަ އެވެ. އަދި އެފްއޭއެމުން މައްސަލަ ބަލައި ވިކްޓްރީ އަށް އަދަބުދޭނެ އެވެ.
ވިކްޓްރީ އަށް މާލީ މައްސަލަ ދިމާވެ ކުޅުންތެރިންނަށް މުސާރަ ދީފައިނުވާއިރު، މުބާރާތުގައި މާޒިޔާއާ ދެކޮޅަށް ކުޅުނު ފަހުން ވިކްޓްރީން 11 ކުޅުންތެރިން ހަމަވެގެން އެންމެ ޕްރެކްޓިހެއް ވެސް ނުކުރެ އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި މިއަދުގެ މެޗަށް 14 ކުޅުންތެރިން ތިބީ ހާޒިރުވާ ގޮތަށެވެ. އެހެންވިޔަސް އަނިޔާ އާއި ސަސްޕެންޝަނުގެ ސަބަބުން އޭގެ ތެރެއިން ހަތަރު ކުޅުންތެރިޔަކަށް އާދެވޭ ގޮތް ނުވެ އެންމެ ފަހުން މެޗު ކުޅެން ހާޒިރުވީ އަށް ކުޅުންތެރިންނެވެ. އާދަމް އިޝާން (ސަން) އަނިޔާގައި ހުރިއިރު ހުސެއިން ނިހާން (ނިހާޓް) އަދި ހުސެއިން ޝިހުބާން (ބައްޓޭ) ހުރީ ސަސްޕެންޝަނުގަ އެވެ. އަދި އެ ޓީމުގެ ސްޕެއިން ޑިފެންޑަރު ޔޯކުއިން ގާސިއާ ވަނީ ކްލަބް ދޫކޮށް ފުރައިފަ އެވެ.
ވިކްޓްރީގެ ކުޅުންތެރިން ޕްރެކްޓިހަށް ނުނުކުންނަނީ މުސާރަ ނުދޭތީ އެވެ. ސާފް ސުޒުކީ ކަޕަށް ގައުމީ ޓީމު ތައްޔާރުކުރަން މިދިޔަ ޖުލައި މަހު 18 ވަނަ ދުވަހު ލީގު މެދުކަނޑާލުމުން ދެ މަހެއްހާ ދުވަސް ޕްރެކްޓިސް ނުކޮށްދިޔަ އެވެ. އަދި ލީގު އަލުން ފަށައިގެން މާޒިޔާއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ކިރިޔާ ޓީމު ހަމަކުރެވުނުއިރު އޮކްޓޯބަރު 3 ގައި ޓީސީއާ ދެކޮޅަށް ކުޅެން ޓީމު ހާޒިރެއް ނުވެ އެވެ. މުސާރަ ނުދިނަސް އެ މެޗަށް ކުޅުންތެރިން ތިބީ ދާގޮތަށެވެ. އެކަމަކު ކްލަބް އޮތް ހާލަތު އަންގައިދިނުމަށްޓަކައި، ކްލަބުގެ ބައެއް އިސް ފަރާތްތަކުން ބޭނުންވީ މެޗަށް ނުދާށެވެ.
އެ މެޗަށް ހާޒިރުނުވުމުން ވިކްޓްރީގެ މައްސަލަތައް ފަޅައިގެން ދިޔައިރު، ޗެއާމަން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލާއި ވައިސް ޗެއާމަން، ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް އިސްތިއުފާ ދެއްވި އެވެ. އަދި ކުރީގެ ބައެއް ސީނިއާ އޮފިޝަލުންތަކެއްގެ އެހީއާ އެކު ކްލަބް ހަމަޔަކަށް އަޅުވައި އޮކްޓޯބަރު 7 ގައި އަލުން ޕްރެކްޓިސް ފެށި އެވެ. މުހައްމަދު ނަޒީހު ކޯޗަކަށް ހަމަޖައްސައި ކުޅުނު ފުރަތަމަ މެޗުން ނިއު ރޭޑިއަންޓާ އެއްވަރު ކުރި ނަމަވެސް އަނެއްކާ ވެސް މަޑުޖެހުމެއް އަ އެވެ.
ރާއްޖޭގެ ހުރިހާ ކްލަބަކަށް ވެސް މާލީ މައްސަލަތައް ވަނީ ދިމާވެފަ އެވެ. އެކަމަކު ކުންފުނިތައް މެދުވެރިކޮށް ސަރުކާރާއި އެފްއޭއެމުން ކްލަބްތަކަށް ދޭ އެހީ ވެސް ވިކްޓްރީ އަށް ލިބިފައިވަނިކޮށް އެ މައްސަލަ ދިމާވުމުން ސުވާލުތަކެއް ވަނީ އުފެދިފަ އެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ވިކްޓަރީ އަށް މިހާލަތު ދިމާވުމުގެ އެންމެ ބޮޑު ސަބަބަކީ މާލީ ހާލަތު ދަށްވުން ނޫން ކަމަށާއި މިއީ ޓީމު ރަނގަޅު ގޮތުގައި ނުހިންގި އޮތުމުން ނިކުމެފައިވާ ނަތީޖާއެއް ކަމަށެވެ. އެނގިފައިވާ ގޮތުގައި އެ މައްސަލަތައް ހައްލުކުރަން އެފްއޭއެމުން މިދިޔަ މަހު ވެސް ވިކްޓްރީ އަށް ލޯނެއް ދިނެވެ.
ގަލޮޅަށް ނިސްބަތްވާ ވިކްޓަރީ 1972 ވަނަ އަހަރު އުފެދުނީއްސުރެ 2012 ވަނަ އަހަރާ ހަމަޔަށް އެއީ ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ވަރުގަދަ އެއް ބާރެވެ. ގައުމީ ތަށި މިލްކުރުމުގެ ޝަރަފް އެންމެ ފުރަތަމަ ހޯދި ވިކްޓަރީ އަކީ ނިއު އަށް ފަހު ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ކްލަބެވެ.
އެކަމަކު އެ ޓީމު 2012 ވަނަ އަހަރު އަޑިއަޅާލި ފަހުން އެކަށީގެންވާ ކާމިޔާބެއް ނުހޯދެ އެވެ. ކްލަބް ހިންގުމުގައި ގިނަ މައްސަަލަތަކެއް ކުރިމަތިވެގެންދިޔައިރު، އެކަމުގެ ސަބަބުން ކްލަބަށް ނޭދެވޭ އަސަރުތަކެއް އަންނަނީ ކުރަމުންނެވެ. އެއް ފަހަރު ރެލިގޭޝަން ކުޅުނުއިރު، ސަލާމަތްވީ ފަހު ވަގުތު އެވެ.