އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކަކީ ބޭކާރު އެއްޗެއް: އީރާން
އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކަކީ ބޭކާރު އެއްޗެއް: އީރާން

ތެހެރާން (ނޮވެމްބަރު 21) - އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަކީ އަގެއް ނެތް ބޭކާރު އެއްޗެއް ކަމަށް އީރާނުގެ ޚާރިޖީ ވުޒާރާ އިން ބުނެފި އެވެ.

"މިއީ ބޭނުމެއް ނެތް، މާނައެއް ނެތް ދަތިކުރުމުގެ ފިޔަވަޅުތަކެއް. އެ ފިޔަވަޅުތައް އެޅި ބައެއްގެ މަގްސަދު ޔަގީނުން ވެސް ހާސިލެއް ނުވާނެ،" ޚާރިޖީ ވުޒާރާ އިން ބުނެފައިވެ އެވެ. "އެ ފިޔަވަޅުތަކުން ނަތީޖާއެއް ނެތްކަން އެ މީހުންނަށް ވަރަށް އަވަހަށް އެނގޭނެ."

އެމެރިކާ އިން ވަނީ އީރާނުގެ ނިއުކްލިއާ އެއްބަސްވުމުން މެއި މަހު ވަކިވުމަށް ފަހު ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފަ އެވެ. އީރާނާ ދެކޮޅަށް އެމެރިކާ އިން ތެލުގެ ދަތި ކުރުމުގެ ފިޔަވަޅުތައް އެޅީ މި މަހު އެވެ. ނަމަވެސް އެމެރިކާ އިން ވަނީ ރަޝިޔާގެ ކުންފުނިތައް މެދުވެރިކޮށް ސީރިއާ އަށް އީރާނުން ވަގަށް ތެޔޮ ވިއްކާ ކަމަށް ތުހުމަތުކޮށްފަ އެވެ. އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުން ބުނި ގޮތުގައި ވަގަށް ވިއްކާ ތެލަށް ސީރިއާ މެދުވެރިކޮށް އީރާނަށް ދަނީ އެތައް މިލިއަން ޑޮލަރެއް އެތެރެ ކުރަމުންނެވެ.