ވަކިކުރި ފުލުސް އޮފިސަރަަށް އަލުން މަގާމު ދީފި
ވަކިކުރި ފުލުސް އޮފިސަރަަށް އަލުން މަގާމު ދީފި

ކޮލަމްބޯ (ނޮވެމްބަރު 21) - ބޮޑު ވަޒީރު ކަމަށް ހަމަޖައްސާފައިވާ މަހިންދާ ރާޖަޕަކްސާގެ އާއިލާ އާއި ގާތް މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ފުލުސް އޮފިސަރު ނިޝާންތާ ސިލްވާ މަގާމުން ކުރުމަށް ފަހު، ޕްރެޝަރު ބޮޑުވުމުން އޭނާ އަށް އަލުން މަގާމު ދީފި އެވެ.

ފުލުހުންގެ ވެރިޔާ ޕުޖިތު ޖަޔަސުންދަރަ ފޮނުއްވި އިންޓާނަލް މެމޯއެއްގައިވާ ގޮތުން ސިލްވާ އަލުން ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) އަށް ބަދަލުކުރީ "ކޮންމެހެން ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް" ކަމަށެވެ.

ސީއައިޑީ އިން ސިލްވާ ވަކިކޮށް ނިގަންބޯ ޕޮލިސް ޑިޕާޓްމަންޓަށް ބަދަލުކުރީ އާދިއްތަ ދުވަހު އެވެ. އޭނާ ބަދަލުކުރީ ސިފައިންގެ އިސް އޮފިސަރު އެޑްމިރަލް ރަވިންދުރަ ވިޖެގުނަރަތުނަ ހައްޔަރު ކުރަން ކޯޓް އޯޑަރެއް ހޯދަން އުޅުމުންނެވެ. ވިޖެގުނަރަތުނަ ވަނީ 2008-2009 އަށް 11 ކުޑަ ކުދިން މެރި މައްސަލާގައި ތުހުމަތު ކުރެވޭ އިންޓަލިޖެންސް އޮފިސަރަކު ހިމާޔަތް ކުރަން މަސައްކަތް ކޮށްފަ އެވެ.

ސިލްވާ ގެންދަނީ ރާޖަޕަކްސާއާ ގުޅޭ އިތުރު މައްސަލަތައް ވެސް ތަހުގީގު ކުރަމުންނެވެ. އޭގެ އިތުރުން ސިލްވާ ގެންދަނީ މަޝްހޫރު ނޫސްވެރިޔާ ލަސަންތާ ވިކްރަމަތުންގާ 2009 ވަނަ އަހަރު މަރާލި މައްސަލަ އާއި ރާޖަޕަކްސާގެ ކޮއްކޮ ގޮތަބަޔާ ހިންގާފައިވާ މައްސަލަތައް ވެސް ބަލަމުންނެވެ. ނޫސްވެރިޔާގެ މަރުގެ މައްސަލާގައި ތުހުމަތުކޮށްފައި ވަނީ މިލިޓަރީ އިންޓަލިޖެންސަށެވެ.

ގޮތަބަޔާގެ މައްޗަށް ސެޕްޓެމްބަރު މަހު ވަނީ 250،000 ޑޮލަރުގެ ކޮރަޕްޝަނުގެ ދައުވާކޮށްފަ އެވެ. ޑިފެންސް ސެކްރެޓަރީއަކަށް ގޮތަބަޔާ ހުންނެވި ދުވަސްވަރު ޔޫކްރޭނުން މަތިންދާ ބޯޓެއް ގަތް މައްސަލައިގައި ތުހުމަތު ކުރެވޭ ކޮރަޕްޝަނުގެ މައްސަލަ ވެސް ސިލްވާ ދަނީ ބަލަމުންނެވެ.

ސަރުކާރުގެ އިންޝުއަރެންސް ކުންފުނީގެ މިލިއަން ޑޮލަރުގެ ޚިޔާނަތުގެ މައްސަލައެއްގައި ރާޖަޕަކްސާގެ ޗީފް އޮފް ސްޓާފުގެ މައްޗަށް އޮގަސްޓް މަހު ވަނީ ދައުވާކޮށްފަ އެވެ. ރާޖަޕަކްސާގެ އެންމެ އިސް ސިވިލް މުވައްޒަފް ކަމަށްވާ ލަލިތު ވީރަންތުންގާގެ މައްޗަށް ހަތަރު މިލިން ޑޮލަރުގެ ކޮރަޕްޝަން މައްސަލައެއް ސާބިތުވެ ތިން އަހަރަށް ވަނީ ޖަލަށްލައިފަ އެވެ. ރާޖަޕަކްސާގެ ފިރިހެން ދެ ދަރިކަލުންގެ މައްޗަށް ވެސް ވަނީ މަނީ ލޯންޑްރިންގެ ތުހުމަތުކޮށްފަ އެވެ.

ދެހާސް އަށް ވަނަ އަހަރު ނޫސްވެރިއަކު ވަގަށް ނަގައި އަނިޔާކުރި މައްސަލައަކާ ގުޅިގެން ރާޖަޕަކްސާއާ އޮގަސްޓް މަހު ވަނީ ސުވާލުކޮށްފަ އެވެ.