16 އޯގަސްޓް 2016 - 06:43

ކޮމްޕިއުޓަރުގައި ހުރި މައުލޫމާތުތައް ރައްކާތެރި ކަމަށް ބުނާ ބުނުމަށް އިތުބާރުކުރަމެވެ. އެކަމަކު އޮތީ ކޮން ޔަގީންކަމެއް ހެއްޔެވެ؟ ހާޑްޑިސްކް ގައި ހުރި ފައިލްތައް ވަގަށް ނެގޭނެ އެއްވެސް ގޮތެއް ނޯންނާނޭ ބުނަން ކެރޭނެ ހެއްޔެވެ؟ ކޮމްޕިއުޓަރު ރައްކާތެރި ކުރެވިފައި ހުރި މިންވަރު ހަރުދަނާ ކަމަށް ބަލައި ފަޚުރުވެރިނުވާށެވެ.
ކޮމްޕިއުޓަރު ހެކްކޮށްފާނެ ކަމަށް ބިރުގަންނަ ނަމަ، ރައްކާތެރިކުރުމަށް، ކުރެވެން އޮތީ އެންމެ ކަމެކެވެ. ހެކަރުންނަށް ދޮރުތައް ބަންދުކުރުމެވެ. ނެޓްވޯކަކާ ގުޅިފައި ހުރި ނަމަ ވަކިކުރުމެވެ. ނެޓްވޯކް ވާގަނޑު އުފުރާލުމެވެ.
ނެޓްވޯކް ވާގަނޑު އުފުރާލުމުން ކޮމްޕިއުޓަރު އެ ހުރީ އުމުރަށް ރައްކާތެރިކުރެވިފަ އެވެ. ހެކަރުންގެ އެއްވެސް އުނދަގުލެއް ނުފޯރާނެ އެވެ. ހަމަ ނުފޯރާނެ ހެއްޔެވެ.؟ ބަލަމާ ހިނގާށެވެ.
ނެޓްވޯކް ވާގަނޑު އުފުރާލުމުން ނެޓްވޯކް ތެރެއިން ކޮމްޕިއުޓަރަށް ވަންނާނެ ގޮތެއް ހެކަރުންނަކަށް ނުފެންނާނެ އެވެ. މާނަ އަކީ ގޮތް ހުސްވެ ހެކަރުން މާޔޫސްވީއެކޭ ނޫނެވެ. ހެކަރުން ނޫނަސް ޖާސޫސުންނަށް ވެސް އެ ނޫން ގޮތްތައް އެނގެ އެވެ.
ޓައިޕްކުރަމުން ދާއިރު، ކީބޯޑްގެ ފިތްތަކަށް ފިތާ އަޑު އަހައިގެން ވެސް، އެ ލިޔާ އެއްޗެއް ދަމައިގަނެވެ އެވެ. ސޮފްޓްވެއާ މެދުވެރިކޮށް "ހީޓްމެޕް ސްކޭން" އިން ވެސް ހާޑްޑިސްކްގައި ހުންނަ މައުލޫމާތު ނެގެ އެވެ. ކޮމްޕިއުޓަރުތަކުގައި ހޫނު ބޭރުކުރަން ހުންނަ ފަންކާ އެނބުރޭ އަޑު އަހައިގެން ވެސް ހާޑްޑިސްކް ކިޔާލެވެ އެވެ. ހާޑް ޑްރައިވް އެނބުރޭ އަޑުއަހައިގެން ވެސް މައުލޫމާތު ދެނެގަނެވެ އެވެ.
މި ކިޔައިދެނީ ޚިޔާލީ ސައިންސް ފިލްމަކުން ފެނުނު މަންޒަރުތަކެއްގެ ވާހަކައެއް ނޫނެވެ. މިއީ ހަގީގަތެވެ. އާންމުންނަށް މި ކަންތައްތައް ނޭނގުނަސް ނުވަތަ އާންމުންނާ ހަމަޔަށް ނަޔަސް، ޖާސޫސްކުރުމަށްޓަކައި މި އުކުޅުތައް ބޭނުންކުރެ އެވެ. ސަލާމަތެއް ނެތްދޯ އެވެ؟