21 ނޮވެމްބަރ 2018 - 14:03

ދިރާގުގެ ސީނިއަ މެނޭޖަ ބްރޭންޑް، މާކެޓިން އެންޑް ކޮމިއުނިކޭޝަން މުހައްމަދު މިރުޝާން ހަސަން ޓީވީ ސްކްރީން ކައިރީ ހުންނަވާފައި ވީޑިއޯއެއް ޑައުންލޯޑް ކުރައްވަން ފެއްޓެވި އެވެ. އެއް ސްކްރީނުން ފެނުނީ 4ޖީގެ ސްޕީޑްގައި އެ ވީޑިއޯ ޑައުންލޯޑް ވަމުން ދިޔަ ތަނެވެ. އަނެއް ސްކްރީނުން ދެއްކީ 5ޖީގެ ސްޕީޑްގައި ހަމަ އެ ވީޑިއޯ ޑައުންލޯޑު ވަމުން ދިޔަ މަންޒަރެވެ.
އެ ހިސާބުން ނޫސްވެރިންނާއި އެތަނުގައި ތިބި އެހެން މީހުންނަށް ޔަގީންވި އެއް ކަމަކީ، މުސްތަގުބަލްގައި އިންޓަނެޓް ސްޕީޑަށް އަންނަން އޮތީ ގަބޫލުކުރަން ވެސް ދަތި ބޮޑު ބަދަލެއް ކަމެވެ. ދެ ސްކްރީނުން ފެނުނު ވީޑިއޯ، 4ޖީ ސްޕީޑްގައި ޑައުންލޯޑް ވާން 11 މިނިޓް ނެގި އިރު، 5ޖީގައި މުޅި ވީޑިއޯ ޑައުންލޯޑް ވީ އެންމެ 30 ސިކުންތުގެ ތެރޭގަ އެވެ.
މިއީ ރާއްޖޭގައި 5ޖީގެ ޑެމޯއެއް ދެއްކި ފުރަތަމަ ފަހަރެވެ. އަދި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުވާސަލާތީ ހިދުމަތް ފޯރުކޮށްދޭ ދިރާގު މިވަނީ 5ޖީގެ ޑެމޯއެއް މި ސަރަހައްދުން ދެއްކި ދެ ވަނަ ގައުމަށް ވެފަ އެވެ. މިހާތަނަށް 5ޖީގެ ސްޕީޑާއި އޭގެ ސަބަބުން އިންޓަނެޓްގެ ހިދުމަތަށް އަންނާނެ ބޮޑު ބަދަލު ދައްކާފައި ވަނީ އިންޑިއާގަ އެވެ. މުޅި އޭޝިއާއަށް ބަލާ ނަމަ 5ޖީގެ ޑެމޯ މިހާތަނަށް ދައްކާފައި ވަނީ މެލޭޝިއާ އާއި ސިންގަޕޫރު އަދި ހޮންގްކޮންގުގަ އެވެ.
ދިރާގުގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ ދިރާގުން އަބަދުވެސް މަސައްކަތްކުރަނީ އާ ހިދުމަތްތައް ތައާރަފް ކުރަން ކަމަށެވެ. އެގޮތުން ފާއިތުވެ ދިޔަ ދުވަސްތަކުގައި ރާއްޖެއަށް އައު ޓެކްނޮލޮޖީތައް ތައާރަފް ކުރުމުގައި ދިރާގުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"5ޖީ އިން ސްޕީޑު އިތުރުވާނެ. އެއްވެސް ޑިލޭއެއް ނެތި ވަގުތުން ވަގުތަށް ސިގްނަލް ޓްރާންސްމިޓް ވާނެ. މިފަދަ ހިދުމަތެއް ތައާރަފް ކުރުމުގައި ދިރާގުން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ބޭނުންވަނީ ކޮންކޮން ކަންތައްތަކެއްތޯ،" އިސްމާއިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ޑެމޯގެ ބޭނުމަކީ ކަސްޓަމަރުންނަށް މި ހިދުމަތް ދައްކާލާއި މިފަދަ ޓެކްނޮލޮޖީއަކަށް ހޭލުންތެރިކުރުވުމެވެ. ދިރާގުގެ ޓެކްނިކަލް ޓީމުތަކަށް ވެސް މި ޓެކްނޮލޮޖީއާ ގުޅޭ ގިނަ މައުލޫމާތުތަކެއް ލިބޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިރުޝާން ވިދާޅުވި ގޮތުގައި ދިރާގު އަބަދުވެސް އޮންނާނީ އެންމެ ފަހުގެ ޓެކްނޮލޮޖީތައް ރާއްޖެއަށް ގެނައުމުގައި އެންމެ ކުރީގަ އެވެ. ދިރާގުން 5ޖީ ޑެމޮންސްޓްރޭޝަން ސެޓްއަޕް ތައްޔާރުކޮށްފައިވަނީ މިކަމަށް ބޭނުންވާ އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެންމެ ފުރަތަމަ މަރުހަލާއަކީ މިފަދަ ޓެކްނޮލޮޖީ ރާއްޖެއަށް ގެނެސް ރާއްޖޭގައި ތިބެގެން މި ޓެކްނޮލޮޖީ މަސައްކަތް ކުރަނީ ކިހިނެއްކަން ބެލުން. މިފަދަ ޓެކްނޮލޮޖީއެއްގެ ޑެމޯ ދައްކާލުމަކީ ރާއްޖެ ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއަށް އެޅުނު ފިޔަވަޅެއް،" މިރުޝާން ވިދާޅުވި އެވެ.
ދިރާގުން ބުނާ ގޮތުގައި 4ޖީގެ ސްޕީޑަށް ވުރެ 5ޖީގެ ސްޕީޑްގައި ޑައުންލޯޑް ކުރުން ދިހަ ގުނަ ނުވަތަ ވިހި ގުނަ އަވަސް ވާނެ އެވެ.
އޭގެ އިތުރުން ގުދުރަތީ ހާދިސާތަކުގައި ވެސް 5ޖީގެ ހިދުމަތް ދަމަހައްޓަން ފަސޭހަވާނެ ކަމަށް ދިރާގުން ބުނެ އެވެ.
ދުނިިޔޭގެ އެއްވެސް ގައުމެއްގައި އަދި 5ޖީގެ ހިދުމަތް އާންމުންނަށް ދުލެއް ނުކުރެ އެވެ. މިހާރު ބޭނުންކުރާ ފޯނުތަކުގައި އެ ހިދުމަތް ލިބޭކަށް ވެސް ނުހުރެ އެވެ. އެހެންކަމުން ޓެކްނޮލޮޖީގެ ކުންފުނިތަކުން އަންނަނީ އެ ގާބިލްކަން ޑިވައިސްތަކަށް ދޭން މަސައްކަތް ކުރަމުންނެވެ.
ދިރާގުން ގެންދަނީ އިންޓަނެޓާއި މުވާސަލާތީ އެހެން ދާއިރާތަކުން ބޮޑެތި ކުރިއެރުންތައް ހޯދަމުންނެވެ އެގޮތުން ދިރާގު ޓީވީ އާއި ދިރާގު ޕޭގެ އިތުރުން މާލެ އާއި 45 ރަށަކަށް ދިރާގު ހައި ސްޕީޑް އިންޓަނެޓް ހިދުމަތް ވަނީ ގާއިމްކޮށްފަ އެވެ.