22 ނޮވެމްބަރ 2018 - 12:56

ޓެކްސީ ބޯޑުގެ ފީ އުވާލުމާ ގުޅޭ ގޮތުންނާއި މާލޭގެ މަގުތަކުގައި ޕާކުކޮށް ގިނަ ދުވަސްވެފައިވާ އުޅަނދުތައް ނެގުމާ ގުޅޭ ގޮތުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ފުލުހުންނާ އެކު މަޝްވަރާ ކުރައްވައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ޓެކްސީ ބޯޑުގެ ފީ އުވައިލުމާއި ޕާކުކޮށް ގިނަ ދުވަސްވެފައިވާ އުޅަނދުތައް މަގުމަތިން ނެގުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދެއް ކަމަށެވެ.
"ފުރަތަމަ ހަތް ދުވަހުގެ ތެރޭގައި އެ ދެ ކަންތައް ކުރަން ނިންމާފައި އޮތީ. އެހެންވެ އެކަން ކުރުމާ ގުޅޭ ގޮތުން ފުލުހުންނާ މިއަދު މަޝްވަރާ ކުރީ،" އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން މާލޭ ފަޅުތެރެ އާންމުންނަށް ލުއި ފަސޭހަ ކުރުމަށް ކުރެވޭނެ ކަންތައްތަކާ މެދު ވެސް މިނިސްޓަރު ފުލުހުންނާއެކު މަޝްވަރާ ކުރެއްވި ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.
ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ޓްރާންސްޕޯޓާ ގުޅޭ ގިނަ ކަންތައްތަކެއް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން މުޅި މާލޭގެ ޓްރެފިކް އެނަލައިޒްކޮށް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސާނެ ކަމަށް ބުނެފައިވެ އެވެ.
އެކި ބާވަތްތަކުގެ ވެހިކަލް ޕާކު ކުރުމަށް ވަކި ހާއްސަ ޒޯނުތަކެއް ކަނޑައެޅުމާއި މުދާ ބަރުކޮށް އަދި މުދާ ހުސްކުރުމަށް ހާއްސަ ހިސާބުތަކެއް ކަނޑައަޅާނެ ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.