މަރުވެފައިވާ ބޮޑު މަހެއްގެ ބަނޑުން ހަ ކިލޯގެ ޕްލާސްޓިކް
މަރުވެފައިވާ ބޮޑު މަހެއްގެ ބަނޑުން ހަ ކިލޯގެ ޕްލާސްޓިކް

ޖަކާޓާ (ނޮވެމްބަރު 21) - އިންޑޮނީޝިއާގެ ނޭޝަނަލް ޕާކެއްގެ ގޮނޑުދޮށަށް ލައްވި މަރުވެފައިވާ ބޮޑު މަހެއްގެ ބަނޑުން ހަ ކިލޯގެ ޕްލާސްޓިކް ނަގާފައިވާ ކަމަށް ޕާކް އޮފިޝަލުން ބުނެފި އެވެ.

މަހުގެ ބަނޑުން ނެގި ޕްލާސްޓިކްގެ ތެރޭގައި 115 ޕްލާސްޓިކް ފެންބޯ ތައްޓާއި ހަތަރު ޕްލާސްޓިކް ފުޅި އާއި 25 ޕްލާސްޓިކް ބޭގާއި ދެ ފައިވާން ހިމެނެ އެވެ.

ގާތްގަނޑަކަށް 9.5 މީޓަރު (31 ފޫޓު) ގެ ދިގު ބޮޑު މަސް ފެނިފައި ވަނީ ކަޕޮޓާ އައިލެންޑުގެ ވަކަޓޮބީ ނޭޝަނަލް ޕާކް އިންނެވެ.

ބޮޑު މަހުގެ ބަނޑުން ގިނަ އަދަދެއްގެ ޕްލާސްޓިކް ފެނުމުން ތިމާވެއްޓަށް މަސައްކަތް ކުރާ އެކްޓިވިސްޓުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"ބޮޑު މަސް މަރުވީ ކޮން ސަބަބަކާ ހެދިކަން ނުނިންމި ނަމަވެސް، ފެންނަން ހުރި ހެކިތަކުން ކަންބޮޑުވޭ،" ޑަބްލިއުޑަބްލިއުއެފް އިންޑޮނީޝިއާގެ މެރިން ސްޕެޝަލް ކޮންޒަވޭޝަން ކޯޑިނޭޓަރު ޑްވީ ސުޕްރަޕްޓީ ވިދާޅުވި އެވެ.

އޯޝަން ކޮންޒަވެންސީން 2015 ވަނަ އަހަރު ބުނި ގޮތުގައި ކަނޑުތަކަށް އުކާލާ ޕްލާސްޓިކްގެ 60 ޕަސެންޓް ހިއްސާ ކުރަނީ އޭޝިއާގެ ފަސް ގައުމު ކަމަށްވާ ޗައިނާ، އިންޑޮނީޝިއާ، ފިލިޕީންސް، ވިއެޓްނާމް އަދި ތައިލެންޑެވެ.

ތައިލެންޑް ކައިރިން މިދިޔަ ޖޫން މަހު ވަނީ 80 އަށް ވުރެ ގިނަ ޕްލާސްޓިކް ބޭގް ކާލައިގެން ބޮޑު މަހެއް މަރުވެފަ އެވެ. މި އަހަރު ކުރީކޮޅު ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ކަނޑުތަކަށް އުކާލާ ޕްލާސްޓިކް ކުރިއަށް އޮތް 10 އަހަރު ތެރޭ ތިން ގުނަ އިތުރުވާނެ އެވެ. އދ. އިން މިދިޔަ އަހަރު ބުނެފައި ވަނީ ކޮންމެ އަހަރަކު ވެސް ކަނޑުތަކަށް 10 މިލިއަން ޓަނުގެ ޕްލާސްޓިކް ކުނި އުކާލާ ކަމަށެވެ.