ދިހައެއް: ސެކްރެޓަރީ
ދިހައެއް: ސެކްރެޓަރީ

(އޮގަސްޓް 15 ގައި ޖެހި ބަޔާ ގުޅޭ)

"ނޫން...ނޫން..." އޭ ގޮވަމުން، ހަޅޭއްލަވަމުން ގޮސް ޒިޔާދުގެ ގައި މަތިން މައިދައިތަ ނަގައި އެއް ފަރާތަށް ޖެއްސި އެވެ. އެކަމަކު ފިރިމީހާގެ މެޔަށް ހަރާފައި ހުރި ވަޅީގައި އަތްލެވޭ ވަރެއް ނުވި އެވެ. އޭނާ އަށް ރޮމުން، ނުކުމެވުނީ ގެއިން ބޭރަށެވެ. އޭނާ ބޭނުންވީ އެހީތެރިއެކެވެ. އޭނާ މޮޔައެއްހެން ގޮވަމުން އެދުނީ އެގެއަށް ވަދެ، އެހީތެރިވެދިނުމަށެވެ. އެތައް ބަޔަކު ކުއްލިއަކަށް ގޭތެރެއަށް ވަދެގަތެވެ. މަންޒަރުގެ ބިރުވެރިކަން ބަލަން ނުކެރިގެން ބައެއް މީހުން އެހާ ބާރަށް ބޭރަށް ވެސް ނުކުތެވެ. މުޅި ހިސާބުގަނޑަށް ފެތުރުނީ އެކި މީހުންގެ ހަޅޭއްކުގެ އަޑެވެ. ޕޮލިހަށް އަވަހަށް ގުޅަން އެއް ބަޔަކު ބާރަށް ބުނަމުން ދިޔަ އެވެ. އަނެއް ބަޔަކު މަސައްކަތްކުރީ އެމްބިއުލެންސް ގެންނާށެވެ.

އެތައް ބަޔަކު ގޭތެރޭގައި ކުރަމުން ދިޔަ މަސައްކަތްތައް ބަލަން، މާ ގިނަ އިރު ކޮޅަށް ހުރެވޭ ވަރެއް ނުވި އެވެ. ކޮޓަރީގައި ނިދަން އޮތް ދަރިފުޅުގެ މަތިން ހަނދާނެއް ނެތެވެ. އޭނާ އަނބުރައިގަނެގެން ވެއްޓުނީ އެވެ. އެންމެ ފަހުން އޭނާ އަށް ފެނުނީ، ފުލުހުންގެ ބަޔަކު ގޭ ތެރެއަށް ވަދެ، އެހެން މީހުން ނެރެން އުޅުނު ތަނެވެ. ދެ ފުލުހަކު އޭނާއާ ބައެއް ސުވާލުތައް ކުރާހެން ވެސް ހީވި އެވެ. އެކަމަކު ސުހާނާގެ ވިސްނުން ހުރީ ފިލައިފަ އެވެ. އޭނާގެ ލޯމަތިން މަންޒަރުތައް ފުސްވަމުން ދިޔަ އެވެ. މުޅި ތަން އެނބުރެމުން ދިޔަ އެވެ. އަނދިރިވާން ފެށި އެވެ. ދެން އޭނާ ވެއްޓުނީ އެވެ.

ހޮސްޕިޓަލުން ދޫކޮށްލީ ހަތަރު ދުވަސް ފަހުންނެވެ. އޭރު އޭނާގެ މަންމަ އާއި ބައްޕަ ވަނީ ދަރިފުޅު އެގެއަށް ބަދަލުކޮށްފަ އެވެ. ސުހާނާ ވެސް ދިޔައީ އަމިއްލަ ގެއަށެވެ. ދެން އައީ ރުއިމުގެ ދުވަސްތަކެވެ. ކާހިތް ކެނޑި، ނުކެވި، ހިކެމުން، އަނަރޫފަވަމުން ދިޔަ ދުވަސްކޮޅެވެ. ދަރިފުޅު ރޮމުން ދާ އިރު ބައެއް ފަހަރަށް ގަބުވެފައި އިނދެވުނު ދުވަސްތަކެވެ. އެކަމަކު އެ ދަރިފުޅު ނަގައި، ބައްދާލައި، އެހެން މީހަކަށް ނުދެވޭނެ ހިމާޔަތް ދިނެވެ.

ފުލުހުންގެ ޓީމުގެ އިސް އޮފިސަރު ޒަވީން ޒިޔާރަތްކުރަން ފެށީ ސުހާނާގެ ގެއަށެވެ. ތަހުގީގުގެ އެންމެ މުހިންމު މީހަކީ ސުހާނާ އެވެ. މަންމަ އާއި ބައްޕަ އާއި ފިރިހެން ދަރިފުޅުގެ ގަޔަށް ވަޅި ހަރައި، އެކުގައި މަރުވެފައި އޮއްވާ ފެނުމަކީ ދުނިޔެ އަށް ވެސް ބޮޑު ހަބަރެކެވެ. އެ ހުންނަނީ އިންސާނުންގެ ދިރިއުޅުމުގައި އާންމުކޮށް ހިނގާ ކަންކަމެއް ނޫނެވެ. އެހެންކަމުން ސުހާނާ އަށް ކުރެވޭނެ ބިރުވެރި އިހުސާސްތައް ޒަވީނަށް ލަފާކުރެވެ އެވެ. އޭނާގެ ގެއަށް ގޮސް ތަހުގީގު ކުރިއަށް ގެންދަން ނިންމީ އެހެންވެގެންނެވެ.

ޒިޔާދާއި އޭނާގެ މައިންބަފައިންގެ މެދުގައި ޖެހެން ފެށި މައްސަލަތަކުގެ އަސްލު ސުހާނާ ކިޔައިދިނެވެ. ގޭގެ މާހައުލުގެ ހުރިހާ މައުލޫމާތެއް، އެއްވެސް ފޮރުވުމެއް ނެތި، ފޯރުކޮށްދިނެވެ. އެކަމަކު ތިން މީހުން އެކަކު އަނެކަކަށް ދިން ކަމަށް ބެލެވޭ ހަމަލާތަކުގެ އެއްވެސް މަންޒަރެއް އޭނާ އަށް ފެނިފައެއް ނުވެ އެވެ. އެހެންކަމުން ސުހާނާ އަށް ކިޔައިދެވުނީ ނިދިން އޭނާ ހޭލައްވާލި އަޑުތަކާއި އޭނާ ދުވެފައި ކޮޓަރިން ނުކުތް ކަމާއި ޒިޔާދުގެ ގައި މަތިން މައިދައިތަ ނަގައި ދުރަށް ޖެއްސި ހިސާބާއި ގެއިން ބޭރަށް ނުކުމެ އެހީއަކަށް އެދި ގޮވިގޮވުންތަކުގެ ވާހަކަ އެވެ.

އަދި އަދަށް ދާންދެން ވެސް، ޒިޔާދާއި އޭނާގެ ބައްޕަ އާއި މަންމަގެ ގަޔަށް ވަޅި ހެރި ގޮތާއި އެ އަނިޔާވެރިކަން ހިނގި ގޮތް އެނގޭނެ މީހަކު ނެތެވެ. ފުލުހުން އެންމެ ފަހުން ނިންމީ އެ ހާދިސާ ހިނގި ގޮތް ދުވަހަކު ވެސް ނުހޯދޭނެ ކަމަށެވެ.

"ސުހާނާ...." އެއީ ފާތިރުގެ އަޑެވެ.

ސުހާނާ އަށް ބަލައިލެވުނެވެ. އެކަމަކު އޭނާއާ ދިމާއަށް ޓިޝޫއެއް ދިއްކޮށްގެން އިން ފާތިރު ފެނުނީ ފުސްކޮށެވެ. ޓިޝޫގައި ހިފަމުން އޭނާ އަށް ދެ ލޯ މަރާލެވުނެވެ. ކަރުނަތައް ފައިބައިގަތްކަން އެނގުނެވެ. އޭނާގެ މާޒީގެ އެ ބިރުވެރި އަދި ހިތާމަވެރި ހާދިސާގެ ހަނދާންތައް އަރައި ފައިބައިގެން އެ ދިޔައީ ފާތިރުގެ ކުރިމަތީގަ އެވެ. އޭނާގެ ލޮލުން ކަރުނަ ފޭބިތަން ބަލަން އެ އިނީ އޭނާގެ ބޮސް އެވެ.

"ކޮން ކަމަކަށް ގެއްލި އިނދެ ތި ރޮނީ؟" ފާތިރު، ހިތްހެޔޮކަމާ އެކު ސުވާލުކުރި އެވެ.

ދޮގު ހެދުމުގެ ބޭނުމެއް ސުހާނާއަކަށް ނުވިސްނުނެވެ. އަދި ފާތިރަކީ އޭނާ ދައްކާހާ ވާހަކައެއް ގަބޫލުކުރާ ޒާތުގެ ނުވިސްނޭ ފިރިހެނެއް ވެސް ނޫނެވެ.

"ދެން ފާތިރަށް ވެސް އެނގޭނެ ދޯ އަހަންނަށް ދިމާވި ކަންތައް. ހަމަ އެ ހާދިސާ ހަނދާންވީ،" މޭޒު މަތީގައި ޓިޝޫ ބާއްވައި، އަނެއް ޓިޝޫ ނަގަމުން ސުހާނާ ބުންޏެވެ. ފާތިރާ ދިމާއަށް ބަލާނެ ހިތްވަރެއް އޭނާގެ ނެތެވެ.

އެ ބުނި އެއްޗެއް ފާތިރަށް ވަރަށް ރަނގަޅަށް އެނގެ އެވެ. އޭނާ ކުރި ސުވާލުތައް ނީވި، އިރުގަނޑެއް ވަންދެން ސުހާނާ އިން ގޮތާއި، ވަކި ހިސާބަކުން ލޮލުން ކަރުނަ ފައިބަން ފެށިތަން ފެނުނެވެ. ސުހާނާގެ އެ ހަނދާންތައް އޭނާގެ ކުރިމަތީގައި އާކޮށް، ހިތާމަވެރި އެ ސަފުހާ ހުޅުވާފާނެ ކަމަކަށް އޭގެ ކުރިން ފާތިރަށް ވިސްނިފައެއް ނުވެ އެވެ. އަދި އެކަހަލަ ފުރުސަތަކަށް އޭނާ އުއްމީދެއް ވެސް ނުކުރެ އެވެ. އޭނާ ބަލަމުން އައީ ސުހާނާ އަށް އެހީތެރިވެވޭނެ ގޮތްތަކެވެ. ޒާތީ ދިރިއުޅުމުގެ ސުވާލުތަކުން އުނދަގޫ ކުރާކަށެއް ނޫނެވެ.

"ހިނގާ މި ތަނުން ނުކުންނަން،" ފާތިރު އެދުނެވެ. ދެން އޭނާގެ ވޮލެޓް ނަގައި ބިލަށް ވާ ވަރަށް ޕައުންޑް ބޭއްވުމަށް ފަހު، ތެދުވި އެވެ. ސުހާނާ ވެސް ފަހަތުން ތެދުވެ، ހިނގައިގަތެވެ.

ބޭރު ފިންޏެވެ. ފާތިރާ އެކު، ސުހާނާ ހިނގަމުން ދިޔަ އިރު އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އިރުގަނޑަކު ހިނގުމަށް ފަހު ފާތިރު ހުއްޓުނީ ބޮޑު ރެސްޓޯރެންޓެއް ކުރިމައްޗަށެވެ.

"އަހަރެން މިދަނީ ހޮޓަލާ ދިމާއަށް. އެކަމަކު މިތަނުގައި އިހަށް މަޑުކޮށްލަމާ ކޮފީއެއް ބޯލަން،" ފާތިރު ބުންޏެވެ. ސުހާނާ އަށް ދެކޮޅު ހެދޭކަށް ނެތެވެ. ލަންޑަނަކީ އޭނާ ދަންނަ ތަނެއް ނޫނެވެ. ފާތިރާ އެކު އޭނާ ހުރި ހޮޓަލަށް ދާނެ ގޮތެއް ވެސް ނޭނގެ އެވެ.

ރެސްޓޯރެންޓްގެ އެތެރޭގައި މޭޒުތައް އަތުރާފައި ހުރީ ވަރަށް ހިތްގައިމު ގޮތަކަށެވެ. ބައެއް ތަންތަނުގައި ބިއްލޫރި ކުދިކުދި މޭޒުތަކެވެ. އޭގެ ވަށައިގެން ރީތި އަދި އެހާމެ ފަސޭހަ ގޮނޑިސެޓްތަކެވެ. އެއީ މުއްސަނދިންނާއި ބުރަކޮށް އުޅޭ މީހުން ހަމަޖެހިލައިގެން ތިބެ ވާހަކަ ދައްކާލެވޭ ގޮތަށް ޑިޒައިންކޮށްފައި ހުރި ތަނެކެވެ.

ފާތިރު ގޮސް އިށީނީ ގޮނޑިސެޓެއްގަ އެވެ. ކޮފީ އަށް އޯޑަރު ދިނުމަށް ފަހު ސުހާނާއާ ދިމާއަށް ވަރަށް ފުންކޮށް ބަލައިލި އެވެ. ސުހާނާ އަށް ވެސް އިނދެވުނީ ބަލަހައްޓައިގެންނެވެ. އެއީ މީގެ ކުރިން އެ ދެ މީހުން އެކަކު އަނެކަކާ ދިމާއަށް ބެލި ގޮތެއް ނޫނެވެ.

"އަހަރެން ކޮން ވާހަކައެއް އަހައިގެން ކުއްލިއަކަށް އެ ހިޔާލުތައް އައީ؟" ފާތިރު އެންމެ ފަހުން ސުވާލުކުރި އެވެ.

އޭނާގެ މާޒީގެ ހަނދާންތައް އާވާ ކަހަލަ ސުވާލެއް ގަސްދުގައި ފާތިރެއް ނުކުރެ އެވެ. އެކަމަކު މަންމަގެ ވާހަކަ އައުމާ އެކު ދެން އޭނާގެ ހިޔާލުތައް ކުއްލިއަކަށް ގޮސް ވެއްޓުނީ އާއިލާގެ ހަމަނުޖެހުމުގެ ތެރެއަށެވެ. ދެން އެ ހިޔާލުތައް ވަދެ ގުޅުނީ ޒިޔާދުގެ ހަނދާންތަކާ އެވެ. އެއީ ފާތިރުގެ ކުށުން ނުވަތަ މަޖުބޫރުކޮށްގެން އާވެގެން ދިޔަ މާޒީއެއް ނޫނެވެ.

"ބައެއް ފަހަރު އަހަރެންގެ ހަނދާނަށް އާދޭ އެ ހާދިސާ،" ސުހާނާ ޖަވާބު ދިނެވެ.

"އަހަރެން އަސްލު ބޭނުމެއް ނޫން ސުހާނާއާ އެ ސުވާލުތައް ކުރާކަށް. އެކަމަކު އެވަރުގެ އަނިޔާވެރިކަމަކާ ދިމާވެއްޖެއްޔާ އެކަމެއް ހަނދާނުން ފޮހެލަން ހަމަ އުނދަގޫވާނެ. ސުހާނާ އަށް ދިމާވި ހާދިސާއަކީ އާދައިގެ ކަމެއް ނޫން، އަނެއްކާ،" ފާތިރު ބުންޏެވެ.

"އަހަރެން ބޭނުމެއް ނޫން އެ ވާހަކަ ދައްކާކަށް. ވަރަށް އުނދަގޫ ވެސް ވޭ އެކަމާ ބެހޭ ގޮތުން ސުވާލުކުރަންޏާ،" ސުހާނާ ބުނީ، ހަގީގަތުގައި، އޭނާ އަބަދުވެސް ގަބޫލުކުރާ ގޮތެވެ. އެކަން ފާތިރަށް ވިސްނުނެވެ.

"އެކަން އެނގޭތީ މިއޮތް ހުރިހާ ދުވަހު އެކަހަަލަ އެއްވެސް ވާހަކައެއް އަހަރެން ނުދެއްކީ. އަސްލު ވަރަށް ބޭނުން ސުހާނާ އުފަލުގައި އުޅޭތަން ދެކެން. އެކަމަކު އަހަންނަށް އެނގޭ ކޮންމެ ކަމެއްގައި ސުހާނާ އެހީއަކަށް ނޭދޭނެ ކަން ވެސް،" ފާތިރު ބުންޏެވެ.

"މިހާރު ވެސް ފާތިރު ނުލާހިކު ރަނގަޅު. އަހަންނަށް ދިރިއުޅުން ކޮޅަކަށް ނުޖެހުނީސް ވަޒީފާ ނުލިބުނު ނަމަ. އެއީ ވަރަށް ބޮޑު އެހީއެއްނު،" ސުހާނާ، އޭނާގެ ހިތުގައި އަބަދުވެސް އޮތް ޝުކުރުވެރިކަން ހާމަކުރި އެވެ.

އެވަގުތު ވޭޓަރު އައިސް ތަށިތައް އަތުރާލި އެވެ. ކޮފީ އަޅައިދޭން ފެށި އެވެ. ބޭނުންވާ ވަރު ބުނުމުން ހަކުރު ވެސް އަޅައިދިނީ ވޭޓަރެވެ. ދެން އޭނާ މަޑުމަޑުން އެތަނުން ހިނގައިގަތެވެ.

ފާތިރު ކޮފީ ޖޯޑު ނަގައި ބޯން ފެށި އެވެ. ސުހާނާ އިނީ މޭޒަށް ކަޅި ހުއްޓާލައިގެން، ސަމުސަލުން މަޑުމަޑުން ގިރާލަގިރާލަ އެވެ. އެއީ ރީތި އަންހެނެކެވެ. ބުމަ އާއި ދިގު އެސްފިޔަތައް ވެސް ފާތިރަށް ފެނުނީ ތަފާތު ސިފައެއްގަ އެވެ. ތޫނު ބެލުމުގެ ފަހަތުގައި ހިތާމަ އާއި އެކަނިވެރިކަމުގެ ހިޔަނިތައް ހުރެދާނެ އެވެ. އެކަމަކު ރަނގަޅަށް ވިސްނާލުމުން އެނގުނީ ފިރިހެނެއްގެ ހިތަށް އަސަރުކުރާ ވަރުގެ ބާރު އެ މޫނުގައި ހުރި ކަމެވެ.

މީހެއްގެ ރީތިކަން އަސްލު އެނގެނީ އެގޮތަށް ވިސްނާލީމަ އެވެ. ތަފާތު ކަމެއް ނެތޭ ހިތަށްއަރަނީ އިންސާފުވެރިކަމާ އެކު ވިސްނާނުލެވޭތީ އެވެ. ފާތިރުގެ ކިބާގައި އޮތީ އެ އުނި ސިފަ އެވެ. އަންހެނުންނާ މެދު ލޯބީގެ ނަޒަރަކުން ބެލުމަކީ އޭނާގެ އާދައެއް ނޫނެވެ. އެކަމަކު އެ މިޒާޖު ބަދަލުވާން ފަށައިފި އެވެ. ލޭގެ ގުޅުން އޮތް ހަމައެކަނި ކޮއްކޮ މަރުވި ތަނުގައި ހުރެ އޭނާ އިހުސާސްކުރި ހިތާމައިގެ އަސަރުތަކުގެ މައްޗަށް ސުހާނާ ވެރިވެގެންފި އެވެ. ވަގުތަކީ އެކަހަލަ އެއްޗެކެވެ. ރަނގަޅު މީހަކާ، ރަނގަޅު ވަގުތެއްގައި ބައްދަލުވެއްޖެ ނަމަ ދިރިއުޅުމުގެ އެހެން ކަންކަމަށް ބަދަލުތަކެއް އާދެ އެވެ. ލަސްލަހަކުން ނޫނެވެ. ބައެއް ފަހަރަށް ނުހަނު އަވަހަށެވެ.

"ސުވާލެއް ކޮށްލަންތަ؟" އަދިވެސް އިސްޖަހައިގެން އިން ސުހާނާ، އެ ހިމޭންކަމުން ނެރެންވެގެން ފާތިރު އަހާލި އެވެ. ސުހާނާ ބަލައިލި އެވެ. ސަމުސާ ބޭއްވި އެވެ. ކޮފީ ތަށި ނެގި އެވެ.

"އަނެއްކާ ކޮން ސުވާލެއް؟" ސުހާނާ ކުޑަކޮށް ކަންބޮޑުވި އެވެ.

"ދެން ކޮން އިރަކުން މީހަކާ އިންނާނީ؟" ފާތިރު އެ ސުވާލުކުރި އެވެ. ސުހާނާ ދިޔައީ މަޑުމަޑުން ކޮފީ ބޮމުންނެވެ. އިރުކޮޅެއްގެ ހިމޭންކަމެވެ.

"އަދި ހިތަށް ވެސް ނާރާ ކަމެއް ތިއީ. މާއިޝް ތަންކޮޅެއް ބޮޑުވީމަ ތިކަމާ ވިސްނާނީ ވެސް،" ސުހާނާ، އޭނާ ނިންމައިގެން ހުރި ގޮތް، ސީދަލަށް ކިޔައިދިނެވެ.

"ތިއީ ވެސް ގޮތެއް،" ސުހާނާގެ ވާހަކަ އަށް، އޭނާގެ މާ ބޮޑު ހިޔާލެއް އެއްނުކުރަން ވެގެން ފާތިރު ބުނެލި އެވެ. ދެން އޭނާގެ ހިތަށްއެރީ އެއީ އޭނާއާ ބެހޭ ކަމެއް ނޫނޭ އެވެ. އެ ސުވާލު، އެގޮތަށް ކުރުމަކީ ވެސް އޭގެ ޒާތުގައި ނުބައެކެވެ. އޭނާއާ މެދު ސުހާނާ ދެކެމުން އައި ގޮތް ބަދަލުވެދާނެ އެވެ. އޭނާއާ މެދު ނުބައި ހީއެއް ކުރެވިދާނެ އެވެ.

"އަނެއްކާ ސުހާނާގެ ޒާތީ ކަމަކާ ބެހެވުނީތަ؟" ސުހާނާ އިތުރު އެއްވެސް ވާހަކައެއް ނުދައްކާ އިނުމުން، ކުށް އިހުސާސްކުރެވިގެން، ފާތިރު އެހި އެވެ.

"ނޫން، އެހެންނެއް ހިތަކަށް ނާރާ. މާ ބޮޑު ސުވާލެއް ވެސް ނޫނެއްނު. މަންމަމެން ވެސް ވަރަށް ގިނައިން ބުނާ ވާހަކައެއް، އަވަހަށް އެހެން މީހަކާ އިންނާށޭ، އޭރުންނޭ ރަނގަޅުވާނީ. އެކަމަކު އަހަރެން މަންމަ ގާތު ބުނީ ވަގުތު އަދި ނުޖެހެއޭ،" ސުހާނާ ބުންޏެވެ.

"ރަނގަޅު ވާހަކައެއް. ވަގުތު ހުރިހާ ވެސް އެއްޗަކީ،" އަމިއްލަ ހަޔާތުގެ ތަޖުރިބާތަކަށް ނިސްބަތްކޮށް ފާތިރު ބުންޏެވެ.

އޭނާގެ ހަޔާތުގައި ބައްދަލުވި އެކި ވަގުތުތައް އޭނާ އަށް ލަނޑުދިނެވެ. އޭނާ ރޭވި ގޮތަށް، އުއްމީދުކުރި ގޮތަށް، ކަންތައްތަކެއް ނުދެ އެވެ. ޒަވާޖީ ހަޔާތަކީ އޭގެ ތެރެއިން އެއް ބަ އެވެ. އަނެއް ރޭވުމަކީ މުޖުތަމައުގެ ތެރޭގައި ހުރި އެންމެ ނުބައި ކުށްތައް ކުރާ މީހުންނާ ދެކޮޅަށް ފެށި މަސައްކަތެވެ. އެކަން އޭނާ ބޭނުންވި ގޮތަށް ކުރިއަށް ދަނިކޮށް މިހާރު އެވަނީ އެހެން ދިމާއަކަށް މިސްރާބު ޖަހައިފަ އެވެ. މުޅިން އެހެން ބާރުތަކެއް އޭނާގެ ހަޔާތުގެ ތެރެއަށް ވަދެފަ އެވެ. މާލެ ގޮސް އޭނާ ކުރިމަތިލާން ޖެހޭނީ އަނެއްކާވެސް އާދައިގެ ކަމަކާ ނޫނެވެ. ފިއްލަދޫގައި އޮތް މުސްކުޅި ދަލޭކަދައިތަ ކިޔައިދިން ވާހަކަތަކާއި، އެ ރަށުން އޭނާ އަށް އެ ފެނުނު އަޖައިބެއް ކަހަލަ ބާރުތަކާ މެދު އޭނާ އަށް އަދި ރަނގަޅަށް ވިސްނާ ވެސް ނުލެވެ އެވެ. އޭނާގެ ހިއްސުތައް ހަމަޖެހިލާނެ ވަގުތެއް ނުލިބެ އެވެ. ސާއިގާގެ މަރާ އެކު އޭނާގެ ހުރިހާ ވިސްނުމެއް ބަދަލުވި އެވެ.

މި ކުއްލި ދަތުރުގައި ސުހާނާ ގެނައުމަކީ އެއްގޮތަކުން ރަނގަޅެކެވެ. އޭނާ އަށް އަސްލު ދުނިޔޭގެ ކަންކަމުގެ ތެރެއަށް ވަދެވިފައި އެ އިނީ އެހެންވެގެންނެވެ. އެހެން ނޫން ނަމަ އަބަދުވެސް އޭނާ އަށް ވިސްނުނީހީ މަހުޖަނު އިބްރާހިމް މަރުވެ ދިޔަ ގޮތާއި އޭގެ ފަހުން ދެން އޭނާ އަށް ކުރިމަތިލާން ޖެހުނު އުނދަގޫތަކެވެ. އެކަމަކު ކުރިމަތީގައި އެ އިން ސުހާނާގެ ސަބަބުން އޭނާ އަށް އެހެން ކަހަލަ ބަދަލުތަކެއް އެބަ އާދެ އެވެ. އަހަރުތަކަކަށް ފަހު ފުރަތަމަ ފަހަރަށް އޭނާ އަށް އަންހެނަކު އެބަ ރީތިވެ އެވެ. އަންހެނަކަށް އެބަ އެދެވެ އެވެ. (ހަތަރު ވަނަ ބައި އޮގަސްޓް 18 ގައި)