ވަޒީރުންނަށް ރުހުން ނުދޭންވީ ސަބަބެއް ނެތް: ރިޔާޒް
ވަޒީރުންނަށް ރުހުން ނުދޭންވީ ސަބަބެއް ނެތް: ރިޔާޒް

ގާނޫނުއަސާސީގައި ބުނާ ޝަރުތުތައް ހަމަވާ ނަމަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެބިނެޓްގެ ވަޒީރުންނަށް ރުހުން ނުދޭންވީ ސަބަބެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ރިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސްގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ޖުމްހޫރީ ޕާޓީ އަށް ނިސްބަތްވާ ވަޒީރުންނަށް މަޖިލީހުން ރުހުން ނުދިނުމަށް، ސޯޝަލް މީޑިއާގައި ދަނީ ގޮވާލަމުންނެވެ. އެއީ، ގާބިލް ބޭފުޅުން ނޫން ކަމަށާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަކީ ވިޔަފާރިވެރިއަކަށްވާ އިރު، އެ ޕާޓީ އަށް ނިސްބަތްވާ ބައެއް ވަޒީރުން އަދާކުރައްވަން ޖެހިވަޑައިގަންނަވާ މަސްއޫލިއްޔަތުގެ ސަބަބުން މަސްލަހަތު ފުށުއަރާ ކަމަށް ވެސް ދަނީ ބުނަމުންނެވެ.

ކެބިނެޓްގެ 20 ވަޒީރުންގެ ތެރެއިން ޖުމްހޫރީ ޕާޓީ ތަމްސީލް ކުރައްވަނީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެންވަޔަރްމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނާއި ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހް ޖަމާލްގެ އިތުރުން ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އާއިޝަތު ނަހުލާ އެވެ.

މި ވަޒީރުންނަށް ފާޑުކިޔާތީ، އެކަން ދިފާއުކުރައްވައި ރިޔާޒް ވިދާޅުވީ ވަޒީރުންނަށް އައްޔަން ކުރައްވާނީ އެ މަގާމު އަދާކުރެއްވޭނެ ކަމަށް ރައީސަށް ގަބޫލުކުރެއްވޭ ބޭފުޅުން ކަމަށެވެ. އައްޔަން ކުރާ ފަހުން، މަސްއޫލިއްޔަތު އަދާ ނުކުރެއްވޭ ނަމަ އެ ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ ވޯޓު މަޖިލީހުގައި ނެގިދާނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

ޖޭޕީ އަށް ނިސްބަތްވާ ވަޒީރުންނަށް ފާޑުކިޔާތީ، ރިޔާޒްގެ އިތުރުން ވެސް އެ ޕާޓީގެ އިސް ބައެއް ބޭފުޅުން ގެންދަވަނީ ހިތްހަމަނުޖެހުން ފާޅު ކުރައްވަމުންނެވެ. ރައްޔިތުން ވޯޓު ދިނީ ކޯލިޝަނަކަށް ކަމަށްވާއިރު، ވަޒީރުންގެ ތެރެއިން ވެސް ވަކި ޕާޓީއެއްގެ ބަޔަކުު ނާގާބިލު ކަމަށް ބުނެ ނުރުހުން ފާޅުކުރުމަކީ ކޯލިޝަން ބައިބައި ކުރުމުގެ ނިޔަތުގައި ކުރާ ކަމެއް ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެ މަނިކުފާނުގެ ކެބިނެޓް އެކުލަވައިލެއްވީ ކޯލިޝަން ޕާޓީތަކުން ވަޒީރުންގެ ގޮތުގައި ހަމަޖައްސަވަން ބޭނުންވި ބޭފުޅުންނާ އެކު އެވެ. ކެބިނެޓު ހިއްސާވަނީ އެމްޑީޕީ އަށް 40 ޕަސެންޓް، ޖުމްހޫރީ ޕާޓީ އަށް 25 ޕަސެންޓް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް 20 ޕަސެންޓް އަދި އަދާލަތު ޕާޓީ އަށް 15 ޕަސެންޓެވެ.