22 ނޮވެމްބަރ 2018 - 06:54

ދަތުރުމަތީގައި އުޅޭއިރު ޖެހޭ ބޭރަށް ހިންގުމަށް ހާއްސަކޮށްގެން އުފެއްދި ބޭހަކަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ހުއްދަ ދީފި އެވެ.
ދަތުރުކުރާ އެތައް މިލިއަން ބަޔަކަށް ޖެހޭ މި ބޭރަށްހިންގުމަށް ފަރުވާއެއްގެ ގޮތުގައި އުފެއްދި ރިފަމިކްސިން، ފެބްރުއަރީ މަހު ބާޒާރަށް ނެރޭނެ ކަމަށް، އެ ބޭސް އުފެއްދި އޭރީޒް ފާމަޝޫޓިކަލްސްގެ ރައީސް އަދި ސީއީއޯ ޓޮމް ޖޯއިސް ވިދާޅުވި އެވެ.
މި ބޭސް ބޭނުންކުރުމަށް ހުއްދަ ދީފައިވަނީ އީ ކޮލީ ބެކްޓީރިއާތަކުގެ ސަބަބުން ބޭރަށްހިންގުންޖެހޭ ބޮޑެތި މީހުންގެ ތެރެއިން ހުން ނާންނަ އަދި ބޮޑުކަމުދާއިރު ލޭގެ އަސަރު ނުހުންނަ މީހުންނަށެވެ.
ދަތުރުކުރާ މީހުންނަށް ޖެހޭ ބޭރަށްހިންގުން ނުވަތަ ޓްރެވެލާސް ޑައޭރިއާ އަކީ ދަތުރުވެރިންނަށް އެންމެ އާންމުކޮށް ދިމާވާ ސިއްހީ އެއް މައްސަލަ އެވެ. އެފްޑީއޭގެ ތަފާސް ހިސާބުން ދައްކާ ގޮތުން ދަތުރުވެރިންގެ 40 ޕަސެންޓް މީހުންނަށް ކޮންމެ އަހަރަކު މި މައްސަލައާ ކުރިމަތިވެ އެވެ.
އާ ބޭހަށް ހުއްދަ ދިނީ އެ ބޭސް ޓެސްޓްކޮށް، ނަތީޖާ ރަނގަޅު ކަމަށް ދެއްކުމުންނެވެ. ބޭސް ޓެސްޓްކުރުމުގެ މަރުހަލާގައި، ދަތުރުވެރިންގެ ތެރެއިން ބޭރަށްހިންގުން ޖެހުނު 264 މީހަކަށް ބޭސް ދިނެވެ. އެގޮތުން އެއްބަޔަަށް މީގެ އަސްލު ބޭސް ދިން އިރު އަނެއް ބަޔަކަށް ދިނީ ޕްލަސީބޯ (ބޭސް ކަމަށް ބުނެ، އެއްވެސް އަސަރެއް ހަށިގަނޑަށް ނުކުރާ އެއްޗެއް) ދީފަ އެވެ. މިގޮތަށް ހެދުމުން، އަސްލު ބޭސް ދިން މީހުންނަށް ވަރަށް ބޮޑަށް ލުއިވި އެވެ.
ޓްރެވަލާސް ޑައޭރިއާ ކަމަށް ބަލަނީ 24 ގަޑިއިރު ތެރޭގައި، ދިޔާކޮށް ތިން ފަހަރަށް ވުރެ ގިނައިން ބޮޑުކަމުދެވޭ ނަމަ އެވެ.
މިކަމަށް އުފެއްދި ބޭސް ބޭނުންކުރުމުން ދިމާވެދާނެ އެހެން މައްސަލަތައް ވެސް، ޓެސްޓްކުރުމުގެ މަރުހަލާގައި ބެލި އެވެ. އެގޮތުން ފާހަގަކުރެވުނީ ބަނޑު ހަރުވުމާއި ބޮލުގައި ރިއްސުމެވެ.