21 ނޮވެމްބަރ 2018 - 11:10

ވޮޝިންޓަން (ނޮވެމްބަރު 21) - ސައުދީ އަރަބިއާ އަކީ ގާތް ގައުމެއް ކަމަށާއި އެ ގައުމާ އެކު އޮތް ގުޅުން ކުރިއަށް އޮތް ތަނުގައި ވެސް ދަމަހައްޓާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް މިހެން ވިދާޅުވީ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލި މައްސަލާގައި ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އަށް ތުހުމަތުތަކެއް ކުރަމުންދާ ދުވަސްވަރެއްގަ އެވެ.
"ނޫސްވެރިޔާގެ މަރާ ގުޅޭ މައުލޫމާތު ވަލީ އަހުދަށް ލިބިފައި ވެސް އޮވެދާނެ. އަދި އެކަމުގައި ވަލީ އަހުދުގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ވެސް ވެދާނެ. ނޫސްވެރިޔާގެ މަރާ ގުޅޭ ގޮތުން ހިނގާފައިވާ ކަންކަން އަޅުގަނޑުމެންނަކަށް ނޭނގޭ،" ޓްރަމްޕް ވިދާޅުވި އެވެ.
ނޫސްވެރިޔާ މަރާލަން ވަލީ އަހުދު އަމުރުކޮށްފައިވާ ކަމަށް ސީއައިއޭ އަށް ގަބޫލް ކުރެވިފައިވާ ކަމަށް ނިއު ޔޯކް ޓައިމްސް އިން ބުނެފައިވެ އެވެ.
ވައިޓް ހައުސްގެ ޕްރެސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކުށެއްގައި ވަލީ އަހުދު ބައިވެރިވެދާނެ ކަމަށް ބަލައިގެން އުޅުމަށް ވުރެ އެމެރިކާ އާއި ސައުދީގެ ގުޅުން އިސްކުރުން މާ މުހިންމު ކަމަށެވެ.
ޓްރަމްޕް ވިދާޅުވީ އީރާންގެ ހަތިޔާރު ޕްރޮގްރާމް ހުއްޓުވުމަށް އެމެރިކާ އިން ކުރަމުންދާ މަސައްކަތުގައި ސައުދީގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭ ކަމަށާއި އެމެރިކާ އިން ހަތިޔާރު ގަތުމަށާއި އިންވެސްޓް ކުރަން ސައުދީއާ އެކު 450 ބިލިއަން ޑޮލަރުގެ އެއްބަސްވުންތައް ގާއިމްކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން ތެލުގެ އަގު ހެޔޮ ކުރުމުގައި ސައުދީން އެހީވެދީފައިވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.
"އެހެންވެ އެމެރިކާގެ މަސްލަހަތު ވެސް ހިމާޔަތް ކުރުމުގެ ގޮތުން ސައުދީއާ އެކު ގާތް ގުޅުމެއް ބާއްވާނެ،" ޓްރަމްޕް ވިދާޅުވި އެވެ.