ޖޭޕީ އަށް ނިސްބަތްވާ ވަޒީރުންނަށް އެކަނި ފާޑުކިޔާތީ ޑރ. ޖަމީލް ހިތްހަމަނުޖެހިއްޖެ
ޖޭޕީ އަށް ނިސްބަތްވާ ވަޒީރުންނަށް އެކަނި ފާޑުކިޔާތީ ޑރ. ޖަމީލް ހިތްހަމަނުޖެހިއްޖެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ، ޖުމްހޫރީ ޕާޓީ އަށް ނިސްބަތްވެވަޑައިގަންނަވާ ވަޒީރުންނަށް އެކަނި ފާޑުކިޔާތީ ކުރީގެ ނައިބު ރައީސް އަދި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ޕޮލިޓިކަލް އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހްމަދު މިއަދު ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.

ޖޭޕީ އަށް ނިސްބަތްވާ ވަޒީރުންނަށް އެކަނި ފާޑުކިޔާތީ ޑރ. ޖަމީލް ހިތްހަމަނުޖެހިއްޖެ
ޖޭޕީ އަށް ނިސްބަތްވާ ވަޒީރުންނަށް އެކަނި ފާޑުކިޔާތީ ޑރ. ޖަމީލް ހިތްހަމަނުޖެހިއްޖެ

ކެބިނެޓުގެ 19 ވަޒީރުންގެ ތެރެއިން ޖުމްހޫރީ ޕާޓީ ތަމްސީލް ކުރައްވަނީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެންވަޔަރުމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނާއި ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހް ޖަމާލްގެ އިތުރުން ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އާއިޝަތު ނަހުލާ އެވެ.

މި ވަޒީރުންނަށް، ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިނުމަށް ކޯލިޝަންގެ ސަޕޯޓަރުންތަކެއް އަންނަނީ ގޮވައިލަމުންނެވެ.

ޖަމީލް މިއަދު ތުހުމަތު ކުރެއްވި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ބަލިކަށިކުރުމަށް ބަޔަކު ޒިންމާދާރުކަން ކުޑަ އަމަލުތަކެއް ހިންގަމުން އެބަދެ އެވެ. އަދި ރާއްޖެ ޓީވީން މިހާރު ފަށާފައި ވަނީ، އެ އަމަލުތައް ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކަަމަށް ވެސް ވިދާޅުވި އެވެ.

ވަޒީރުންގެ ތެރެއިން ވަކި ބަޔަކަށް ފާޑުކިޔަނީ، ޖަމީލް ވިދާޅުވި ގޮތުގައި، ކޯލިޝަން ބައިބައި ކުރުމަށެވެ. ކެބިނެޓުގައި އެހެން ޕާޓީތައް ތަމްސީލް ކުރައްވާ ވަޒީރުންނާ މެދު ކިޔާނެ އެއްޗެއް ނެތީތޯ ވެސް ޖަމީލް ސުވާލު ކުރެއްވި އެވެ.

"ވަކި ބަޔަކު ހުދު ކާފޫރު ކޮޅެއް ފަދަ ސާފު ބަޔަކަށް ހެދެން އުޅޭނެ ކަމެއް ނެތް. އަޅުގަނޑުމެންގެ ދުލުގައި ހިފައި ދަމަން މަސައްކަތް ނުކުރާތި. ދެއްކޭނެ ވާހަކަ ބައިވަރު އެބަހުރި،" ޖަމީލް "މިހާރު" އަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ބައިވެރިން ހިންގި ޖަރީމާތައް ދޫކޮށް، ކޯލިޝަން ގެންނަން ބުރަ މަސައްކަތް ކުރި ފަރާތްތަކަށް ފުރައްސާރަ ކުރުމަކީ ރައްޔިތުން ކުރި އިތުބާރަށް ޚިޔާނާތްތެރިވުން ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެމަނިކުފާނުގެ ކެބިނެޓު އެކުލަވައިލެއްވީ ކޯލިޝަން ޕާޓީތަކުން ވަޒީރުންގެ ގޮތުގައި ހަމަޖައްސަވަން ފޮނުއްވި ބޭފުޅުންނާ އެކު އެވެ. ކެބިނެޓު ހިއްސާވަނީ އެމްޑީޕީ އަށް 40 ޕަސެންޓު، ޖުމްހޫރީ ޕާޓީ އަށް 25 ޕަސެންޓް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް 20 ޕަސެންޓް އަދި އަދާލަތު ޕާޓީ އަށް 15 ޕަސެންޓެވެ.